Jump to content

މައިމީހާގެ ބަނޑުގައި ކުޑަ ދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް؟

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިިހިނެއް؟

ފުރަތަމަ މަސް

[އުނިއިތުރު ގެންނަވާ]

ފިރިހެނާގެ ދަރިފަނި އަންހެނާގެ ބިހުގައި މުޑުވައްވުމަށް ފަހު 7-5 ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް ހަރުލައެވެ. މިގޮތަށް ހަރުލުމަށް އިންޕްލާންޓޭޝަން އޭ ކިޔައެވެ. މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު( Posterior wall)ގެ މަތީބައިގައި ފަންޑަސް އާއި، ކައިރީގައެވެ. އައަށްފަހު މުޑުވައް ވެފައިވާ ބިސް ރަހިމުގެ ތެރޭގައި މަޑުމަޑުން ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ދަރިފުޅަށް ކިޔަނީ އެމްބްރިއޯ(Embryo)އެވެ. އިމްޕްލާންޓޭޝަން އަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސް(Placenta)، އަދި އަމްބިލައިކަލް ކޯޑް ނުވަތަ ފޫޅު (Umbilical cord)އުފެދެން ފަށައެވެ. މިއީ އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިނުމުގެ މައިގަނޑު ވަސީލަތެވެ. ކުޑަކުއްޖާގެ ހަށިގަނޑު އޮންނަނީ ދިޔާތަކެތި އެކުލެވޭ ކޮތަޅެއްގެ ތެރޭގައި ރައްކާތެރިކުރެވިފައެވެ. މިކޮތަޅަށް އެމްނިއޮޓިކް ސެކް(Amniotic sac) ނުވަތަ ފެން ކޮތަޅުއޭ ކިޔައެވެ. މިކޮތަޅުގައި ހުންނަ ދިޔަޔަށް އެމްނިއޯން ދިޔަ(Amniotic fluid)އޭ ކިޔައެވެ. މިކޮތަޅުގެ ބޭނުމަކީ ކުޑަދަރިފުޅު ޕްރެޝަރގެ ސަބަބުން އަރާ ލޮޅުންތަކުން ސަލާމަތްކުރުމެވެ. މިމަހުގެ ތެރޭގައި އެމްބްރިއޯ ވަށައިގެން 3ފަށަލަ އުފެދެއެވެ. އެންމެ ބޭރު ފަށަލަ ތެރޭގައި ހިމެނެނީ ސިކުނޑި(Brain)އާއި، ނާރު(Nerves)ތަކާއި، ކަންފަތް(Ear)، ލޯ(Eye)،އަދި ހަންގަނޑު(Skin)އެވެ. މެދުގައިވާ ފަށަލަ ތެރޭގައި ހިމެނެނީ ކަށި(Bones)ތަކާއި، މަސް(Muscles)ތަކާއި، ލޭހޮޅި(Blood vessel)ތަކާއި، ހިތް(Heart) އަދި ޖިންސީ ގުނަވަން (Genital organs)އެވެ. އެންމެ އަޑީގައިވާ ފަށަލަ ތެރޭގައި ހިމެނެނީ ބަނޑު(Stomach)،ފުއްޕާމޭ(Lung)، ކުޑަގޮހޮރު(Small intestine)، ފުރަމޭ(Liver)، އަދި ކުޑަކަމުދާ ނިޒާމް(Urinary tract)ގެ ބައިތަކެވެ. ދެެވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 4/1އިންޗިއެވެ. ނޯޓް: އަމްނިއޮޓިކް ސެކް= އަމާން ކޮތަޅު / އަމްނިއޮޓިކް ފުލުއިޑް=އަމާން ދިޔަ މިނަންދެވުނީ ޕްރެޝަރގެ ސަބަބުން އަރާ ލޮޅުންތަކުން ކުޑަދަރިފުޅު އަމާންކޮށް ސަލާމަތްކޮށްދޭތީއެވެ.

ކުއްޖާ ހެދިބޮޑުވުމުގައި މިއީ ވަރަށް ނާޒުކު ދުވަސްވަރެކެވެ.އެހެނީ މިދުވަސްވަރު މައިމީހާ ބޭނުންކުރާ ބޭހެއްގެ ސަބަބުން ނުވަތަ މައިމީހާގެ ހަށިގަނޑަށް ހުށަހެޅޭ ވައިރަސްއެއްގެ ސަބަބުން ނުވަތަ މައިމީހާ ދިރިއުޅޭ މާހައުލަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑު އުފަންވާއިރު އައިބުވުމަކީ ދިމާވެދާނެކަމެކެވެ. ދެވަނަ މަހުގެ ތެރޭގައި ކުއްޖާ އުފެދެމުން އަންނަ މިންވަރު އަވަސްވެގެން ދެއެވެ. މިމަސްނިމޭކޮޅު އުފެދެމުން އަންނަ ދަރިފުޅުގެ އަސާސީ ބައެއް ގުނަވަންތަކާއި، ނިޒާމްތައް އުފެދެން ފަށައެވެ. މީގެތެރޭގައި ސިކުނޑި(Brain)، ފުއްޕާމޭ(Lung)، ފުރަމޭ(Liver)،އަދި ބަނޑު(Stomach)ހިމެނެއެވެ. ލޮލުފިޔަ(Eye lids)އާއި، ކަންފަތުގެ އެތެރެބައި(Inner ear)އުފެދެއެވެ. ހަމަމިހެން ތަބިކައްޓާއި، ފައިގެ އިގިލިތައް، ކުޑަހުޅާއި،އަތުގެ އިގިލިތައް، އަދި ޖިންސީ ގުނަވަން އުފެދެން ފަށައެވެ. ކަށީގެ ފުރަތަމަ ސެލްތައް ފާޅުވާން ފަށައެވެ. ދެެވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 1އިންޗިއެވެ. ބަރުދަނުގައި 1އައުންސް ވެސް ހަމަނުވެއެވެ. ދެވަނަ މަސް ނިމޭ ހިސާބުން ފެށިގެން އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ފީޓަސް (Fetus)އެވެ. ކުޑަކުއްޖެއްގެ ސިފަ ފީޓަސްގައި ޖެހެން ފަށައެވެ. ފިރިހެންކުއްޖެއް ކަމުގައި ވާނަމަ ފިރިހެން ހަށި(Penis) ފާޅުވާން ފަށައެވެ. ތިންވަަނަ މަސް

ތިންވަނަ މަސް

[އުނިއިތުރު ގެންނަވާ]

ތިންވަނަ މަހުގެ ތެރޭގައި އަތްފައިގެ އިގިލިތައް ރަގަޅަށް ފާޅުވާން ފަށައެވެ.އަދި އިގިލިތަކުގައި މަޑުނިޔަފަތި ތަކެއް ލެވެއެވެ. ފައިތިލައަށްވުރެ އަތްތިލަ އިތުރަށް ބޮޑުވެ، އަތް ފަޔަށްވުރެ ދިގުވެއެވެ. ހަށިގަނޑާއި، އަޅާބަލާއިރު ކުއްޖާގެ ބޯ ކުޑަތަންކޮޅެއް ބޮޑުވާނެއެވެ. ބޮލުގައި އިސްތަށި ފަޅަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ދަތުގެބުޑު(Tooth buds) އުފެދެން ފަށައެވެ. ހިތުގެ 4ބައި އުފެދި މިނިޓަކު 160-120 ދެމެދުގެ އަދަދަކަށް ވިންދުޖަހައެވެ.ގުރުދާ(Kidney) އުފެދި ކުޑަކަމުދާތަކެތި(Urine) މަސާނާ(Bladder)އަށް ފޮނުވަން ފަށައެވެ. އަމްބިލައިކަލް ކޯޑް( Umbilical cord) އުފެދި ފުރިހަމަވެއެވެ. މިދުވަސްވަރުގެ ތެރޭގައި ކުޑަގޮހޮރު ކުއްޖާގެ ހަށިގަނޑުން ބޭރުގައި(އަމްބިލައިކަލް ކޯޑްގައި) އުފެދެއެވެ. އެއީ މިދުވަސްވަރު ހަށިގަނޑުގެތެރެއަށް ކުޑަގޮހޮރު ފިޓުނުވާތީއެވެ. ތިންވަނަ މަސް ނިމޭ ހިސާބުގައި ބޮލާއި އަތްފައި ހަރަކާތްކުރުވަން ފަށައެވެ. އަގަހުޅުވާ ލައްޕަން ފަށައެވެ. މިހަރަކާތްތައް ކުޑަދަރިފުޅު ކުރަން ފެށިޔަސް މައިމީހާއަށް އެކަމުގެ އިހްސާސެއް ނުވާނެއެވެ. ތިންވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 3 ނުވަތަ 4އިންޗިއެވެ. ބަރުދަނުގައި 1އައުންސް އަށްވުރެ އިތުރަށް ހުރެއެވެ.


ހަތަރުވަނަ މަސް

[އުނިއިތުރު ގެންނަވާ]

މިދުވަސްވަރު ކުޑަކުއްޖާގެ ހަންގަޑު ހުންނަނީ ސާފު،ފިޔާތޮށި ކުލައަށެވެ. ބުމަޔާއި، އެސްފިޔަތައް މިމަހުގެ ތެރޭގައި ފާޅުވާން ފަށައެވެ. ކުއްޖާގެ މޫނު ބޮޑުވަމުން އާދެއެވެ. ކުއްޖާގެ ބޮޑުމިނުގެ ( ސައިޒުގެ) ދެބައިކޮށްފައި އެއްބައި ހިއްޞާ ކުރަނީ ބޮލެވެ. ކަރު އާދަޔާޚިލާފަށް ދިގެވެ. ކުޑަކުއްޖާ ގުޑުން،ހެލިފެލި އުޅުން،ނިދުން، ހޭލުން، ދިރުވުން، ކުޑަކަމުދިއުން ފަދަ ކަންތައްތައް ކުރަންފަށައެވެ. މައިމީހާއަށް މިކަމުގެ ސަބަބުން ދަށްބަނޑުގެ ތިރިން ލުއި އިހްސާސެއް ކުރެވެއެވެ. މިއިހްސާސަށް ކްއިކްނިންގ Quickening) އޭ ކިޔައެވެ. މިއީ މައިމީހާއަށް ކުޑަކުއްޖާގެ ހަރަކާތް ފުރަތަމަ އިހްސާސް ކުރެވޭ ދުވަސްވަރެވެ. ހަތަރުވަނަ މަސް ނިމޭހިސާބު ކުއްޖާ10-8އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 6އައުންސް ހުރެއެވެ.

ފަސްވަނަ މަސް

[އުނިއިތުރު ގެންނަވާ]

މިއީ ކުޑަދަރިފުޅު އާދަޔާޚިލާފަށް ބޮޑުވާ ދުވަސްވަރެވެ. އެތެރެހަށީގެ ގުނަވަންތައް ބޮޑުވެ، ފުރިހަމަވަމުން ދެއެވެ. ނިޔަފަތިތައް އިގިލިތަކުގެ ކޮޅާއި ހަމައަށް ބޮޑުވެއެވެ. ކުޑަދަރިފުޅުގެ ހަންގަޑުގެ ދަށުގައި ފެޓް ޖަމާވެއެވެ. މަސްތައް ބޮޑުވެ ކުއްޖާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އާދެއެވެ. ލޭގެ ސެލްތައް ފުރަމޭ(Liver)އަށް ވާސިލްވެ، ލޭ އުފައްދަންފަށްއެވެ. ޗިސްމޭ(Gall bladder)އިން ހަޖަމުކުރުމަށް މުހިއްމު މާއްދާއެއްކަމުގައިވާ ބައިލް(Bile) އުފައްދަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ކިރުބޯދަތް(Milk teeth)ތައް އުފެދެންފަށައެވެ. އެސްފިޔައާއި، ބުމައިގެ އިސްތަށިތައް ބޮޑުވާން ފަށައެވެ. އާދައިގެ ގޮތެއްގައި ކުޑަކުއްޖާ ނިދާހޭލާ ހަދައެވެ. ކުއްޖާގެ ހަރަކާތްތައް އިތުރުކަން ފާހަގަވާނެއެވެ. ކުޑަކުއްޖާ އެއްފަރާތުން އަނެއްފަރާތަށް ޖެހުން، ބޯކޮޅުމައްޗަށް ޖެހުން ފަދަ ހަރަކާތްކޮށް ހަދައެވެ. ހަމަމިހެން ކުޑަދަރިފުޅު އިގިލިބުއިމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފަސްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 12-10އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ހުރެއެވެ.

މިމަހުގައި ވެސް ކުއްޖާ އިތުރަށް ބޮޑުވަމުން އާދެއެވެ. ހަންގަޑު ހުންނަނީ ރަތްކުލައަށެވެ. ހަންގަޑު ނިވާކުރެވިފައިވަނީ ލެނޫގޯ(Lanugo)އާއި، ވާރނިކްސް(Vernix) އިންނެވެ. ލެނޫގޯއަކީ ހަންގަޑުގައި ހުންނަ ކުދި،މަޑު،ލޯލި ކެހެރިތަކެވެ. ވާރނިކްސްއަކީ ލެނޫގޯއާއި، ހަމުގެ ސެލްތަކާއި،ތެޔޮ އެކުލެވޭ މާއްދާއެކެވެ.މިއަށް ކިޔަނީ ކިދު އެވެ. އަސްލު އިސްތައްޓާއި، ފައިގެ އިގިލިތަކުގެ ނިޔަފަތިތައް އުފެދެންފަށައެވެ. ކުޑަދަރިފުޅުގެ ސިކުނޑި އަވަސްކަމާއި އެކު ބޮޑުވަމުން އާދެއެވެ. ނާރުތަކުގައި ކަރަންޓް ސިގްނަލްތައް ދައުރުކުރުވާ ފެޓީ ޝީޓް ނުވަތަ ފަށަލަ(Fatty sheaths)ތައް އުފެދެންފަށައެވެ. މެކޯނިއަމް(Meconium) އުފެދެމުން އާދެއެވެ. މެކޯނިއަމްއަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން ފުރަތަމަ ބޭރުކުރާ ބޮޑުކަމުދާ ތަކެތިއެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހޫނުމިން ހިފަހެއްޓުމުގައި އެހީވެދޭ ފެޓްގެ ވައްތަރެއްކަމުގައިވާ މުށި ފެޓް(Brown fat)އުފެދެން ފަށައެވެ. އަންހެންކުއްޖެއް ނަމަ މިމަހުގެ ތެރޭގައި އޯވަރީ(Ovaries)ގައި ބިސްތައް އުފެދެން ފަށައެވެ. ކުޑަދަރިފުޅުގެ ކަށިތައް ހަރުވެއެވެ. ކުޑަކުއްޖާ އެއްކޮށް އުފެދި ކުޑަމީހެއްގެ ސިފަޖެހެއެވެ. ނަމަވެސް ފުއްޕާމޭ(Lung) ރަގަޅަށް އުފެދިފައި ނުވާތީ ކުއްޖާ އަދިވެސް ވަރަށް ކުޑަވާނެއެވެ. އެހެންކަމުން މިމަރުހަލާގައި ޚާއްޞަ ފަރުވާއަކާނުލައި ރަހިމުން ބޭރުގައި ކުޑަދަރިފުޅު ދިރިއެއް ނޯންނާނެއެވެ. ހަވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 14-11އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ނުވަތަ 2/1،1ޕައުންޑް ހުރެއެވެ.

ހަތްވަނަ މަސް

[އުނިއިތުރު ގެންނަވާ]

ކުއްޖާ އުފެދި ބޮޑުވުން މިމަހުގެތެރޭގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ދެއެވެ. ކުޑަދަރިފުޅުގެ ލޯ ހުޅުވި، ލެއްޕި އައްޔަށް އަންނަ ބަދަލުތައް އިހްސާސް ކުރެވޭނެއެވެ. މޫނުން ލެނޫގޯ(ކުދި،މަޑު،ލޯލި އިސްތަށިތައް )ގެ އަސަރު ނެތެންފަށައެވެ. ކުޑަދަރިފުޅުގެ އަޑުއިވުމުގެ ހިއްސު ރަގަޅުވަމުން އާދެއެވެ. ބޭރުމާހައުލުގެ އަޑުތައް ކޮންމެވެސް ވަރަކަށް އިވޭނެއެވެ. ފައިންޖެހުން ނުވަތަ ކޮޅުފައިން ޖެހުމާއި، ދެމި،ލެބުން ފަދަ ހަރަކާތްތަކުން ކުޑަދަރިފުޅު ކަސްރަތު ލިބިގަނެއެވެ. އެއްޗެތީގައި ހިފުން ފަދަ ހަރަކާތް(Grasping motions)އާއި، އިގިލިބުއިން ފަދަ ކަންތައް ކުރުމަށް ކުޑަދަރިފުޅު ގަޔާވެއެވެ. މިމަހުގައި ކުއްޖާ އުފަންވެއްޖެނަމަ އެކުއްޖަކު ސަލާމަތްކުރުމުގެ ފުރުސަތު 6ވަނަ މަހުގައި އުފަންވުމަށްވުރެ ބޮޑެވެ. ހަތްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާގެ ދިގުމިނުގައި ގާތްގަނޑަކަށް 15އިންޗި ހުރެއެވެ. ބަރުދަނުގައި 2 ނުވަތަ 2/1،2ޕައުންޑް ހުރެއެވެ.

އަށްވަނަ މަސް

[އުނިއިތުރު ގެންނަވާ]

ކުޑަދަރިފުޅުގެ ހަށިގަނޑު ކުރިއަށް ވުރެ، އަވަހަށް ބޮޑުވަމުން އާދެއެވެ. ކަށިތައް ވަރުގަދަވެ، އަތްފައި ފަލަވެއެވެ. ހަންގަޑުގައި ރަތް ކަމެއް ހުރެއެވެ. ސިކުނޑީގެ ތަފާތު މަރުކަޒުތައް އުފެދެމުން ދެއެވެ. ސިކުނޑިއާއި، ނާރުތައް ހަށިގަނޑުގެ މަސައްކަތްތަކަށް ބާރު ހިންގައެވެ. ރަހަގެނެސްދޭ ބުޑު( Taste buds)ތައް ބޮޑުވަމުން ނުވަތަ އުފެދެމުން އާދެއެވެ. ކުޑަދަރިފުޅު އުކުޑިކޮއްޓުން، ރުއިން، ކިބިހިއެޅުން،ފަދަ ކަންތައްތައް ކުރެއެވެ. އަދި ތަދާއި، އައްޔާއި، އަޑަށް އިޖާބަދިނުން ނުވަތަ އެތަކެތި އިހްސާސްކުރެވެއެވެ. ފިރިހެންކުއްޖެއް ނަމަ އޮށް(Testicles) ދަށްބަނޑުން ތިރިއަށް އުރަވަޅި (Scrotum)އަށް ފައިބައެވެ. އަށްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 18-16އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 4ޕައުންޑް ހުރެއެވެ.

ނުވަވަނަ މަސް

[އުނިއިތުރު ގެންނަވާ]

މިމަހުގެ ތެރޭގައި ކުޑަދަރިފުޅުގެ ބަރުދަނުން ހަފްތާއަކު 2/1ޕައުންޑް އިތުރުވެއެވެ. ހަށިގަނޑު ފަލަވެ، ހަންގަޑަށް އޮމާންކަން އާދެއެވެ. އުފަންވަން ކައިރިވުމުން ކުއްޖާ ބަނޑުގައި އޮންނަގޮތް ބަދަލުވެއެވެ. މިހާލަތުގައި ކުއްޖާ އޮންނާނީ ދެފައި މެޔާހަމައަށް ނެގުމަށް ފަހު ބޯކޮޅުވަތަށް ބާރތް ކެނަލް(Birth canal)އާއި، ދިމާލަށް ތިރިއަށެވެ. މަންމަގެ ހަށިގަނޑުން ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް މަހުގެ ތެރެއިން ކުޑަދަރިފުޅަށް ވާސިލްވެއެވެ. އަމްބިލައިކަލް ކޯޑްގައި ލޭދައުރުވާ މިންވަރު އަވަސްވެ،މަތިވުމުން އެއަށްދެމި،ވާންވެ، އޮޅިގެންދިޔަ ނުދީ ހިފަހައްޓައެވެ. ނިދުމުގެ ގޮތް ނުވަތަ ހުނަރު(Sleeping patterns)ތައް ކުޑަދަރިފުޅު ދެނެގަންނަށް ފަށައެވެ. ޅިދުކަށިގަނޑާއި، ދިމާލުން ދަށްބަނޑުގައި ފައިންޖެހުން، ޕަންޗުކުރުން ފަދަ ހަރަކާތްތައް ކުޑަދަރިފުޅު ކުރެއެވެ. މިހަރަކާތްތަކަށް ނުވަތަ މިމަސައްކަތަށް ލައިޓްނިންގ(Lightening)އޭ ކިޔައެވެ. ކުޑަދަރިފުޅު ކުރާ މިހަރަކާތްތައް މައިމީހާއަށް އިހްސާސް ކުރެވެއެވެ. ފުއްޕާމޭ ހެދި،ފުރިހަމަވެ، އޭގެ މަސައްކަތް ފުރިހަމަގޮތުގައި ކުރަންފަށައެވެ. ކުޑަދަރިފުޅުގެ ބޮލުގެ ކަށިތައް މަޑުވެ، އެކިގޮތަށް ލެބިހެދެއެވެ. މިކަމުގެ ސަބަބުން ބާރތް ކެނަލްގެތެރެއިން ކުޑަދަރިފުޅު ބޭރުވުމަށް(Delivery) މަގުފަހިވެއެވެ. ކުޑަދަރިފުޅުގެ ދިގުމިނުގައި 20އިންޗި ހުރެއެވެ. ބަރުދަން ހުންނަނީ 9-6ޕައުންޑާއި، ދެމެދުގެ މިންވަރަކަށެވެ. 37ވަނަ ހަފްތާއާއި،42ވަނަ ހަފްތާއާއި، ދޭތެރޭގެ ކޮންމެ ދުވަހެއްގައިވެސް ވިހެއުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮކްޓަރުން ވިހާނެކަމަށް ބުނާ ތާރީޚް(Due date)ގައި ވިހަނީ އެންމެ %5މީހުންނެވެ.