Jump to content

މައިކަލް ޝޫމާކަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މައިކަލް ޝޫމާކަރ
ޤައުމު Flag of ޖަރުމަންވިލާތް ޖަރުމަން
ފޯމިއުލާ އެކެއް ދުނިޔޭގެ ޗެމްޕިއަންޝިޕް ކެރިއަރ
އަހަރު19912006
ޓީމްޖޯޑަން، ބެނެޓަން، ފެރާރީ
ދުއްވާފައިވާ ރޭސް250 (248 ރޭސް ފަށާފައިވޭ)
ކާމިޔާބީ7 (1994، 1995، 2000، 2001، 2002، 2003، 2004)
Wins91
Podium finishes154
Career points1،369
Pole positions68
Fastest laps76
ފުރަތަމަ ކާމިޔާބީ1992 ބެލްޖިއަމް ގްރޭންޑް ޕްރީ
އެންމެ ފަހުން ލިބުނު ކާމިޔާބީ2006 ޗައިނީސް ގްރޭންޑް ޕްރީ
އެންމެ ފަހުން ބައިވެރިވި ރޭސް2006 ބްެރެޒީލިއަން ގްރޭންޑް ޕްރީ
2006 position2ވަނަ (121 ޕޮއިންޓް)


1969 ޖެނުއަރީ 3 ގައި، ޖަރުމަންވިލާތުގެ ކޮލޯން ކައިރި އަށް އުފަން މައިކަލް ޝޫމާކަރ އަކީ ފޯމިއުލާ 1 ގެ ކާރު ރޭހުގެ ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޝަހުސިއްޔަތެކެވެ. ޝޫމާކަރ ވަނީ ފޯމިއުކާ 1 ގެ ޗެމްޮިއަންކަން 7 ފަހަރު ހޯދާފައެވެ. ފޯމިއުލާ 1 ގެ އޮފިޝަލް ވެބްސައިޓް ގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން ޝޫމާކަރ އަކީ ފޯމިއުލާ 1 ގައި މިހާތަނަށް އައި އެންމެ މޮޅު ޑްރައިވަރެވެ. އަދި އެންމެ ޙާއްސަ ގޮތެއްގައި މައިކަލް ޝޫމާކަރ އަކީޖަރުމަންވިލާތުގެ ޑްރައިވަރުންގެ ތެރެއިން ފޯމިއުލާ 1 ރޭސް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޑްރައިވަރެވެ.

ހަޔާތުގެ ކުރީ ސަފްޙާތައް

[އުނިއިތުރު ގެންނަވާ]

މައިކަލް ޝޫމާކަރގެ މައިންބަފައިންނަކީ ރޮލްފް އަދި އެލިޒަބަތް ޝޫމާކަރ އެވެ. މައިކަލްގެ ބައްޕަ ރޮލްފް ވަނީ މައިކަލްގެ އުމުރުން 4 އަހަރުގައި ޕެޑަލް ކާޓްއެއް ހޯދައި ދީފައެވެ. ނަމަވެސް ހޮޅިދަނޑިއެއްގައި ޕެޑަލް ކާޓް ޖެހި ހަލާކުވުމުން، މައިކަލްގެ މައިންބަފައިން އޭނާ ކާޓް ކްލަބް އަކަށް ވެއްދިއެވެ. މައިކަލް ޝޫމާކަރ ވެގެން ދިޔައީ ކާޓް ކުލަބްގެ އެންމެ ހަނގު މެމްބަރަށެވެ. އުމުރުން އެންމެ 6 އަހަރުގައި މައިކަލް ވަނީ ކްލަބް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. މިހެންކަމުން ރޮލްފް އޭނާގެ ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން ދެވަނަ މަސައްކަތެއްގެ ގޮތުގައި ކާޓް ކުއްޔަށް ދިނުމާއި ސަރކިޓްގައި ކާޓް ހަދައި ދިނުމުގެ ޚިދުމަތް ދޭން ފެށިއެވެ. އަދި މައިކަލްގެ މަންމަ އެލިޒަބަތް ޓްރެކްގެ ކެންޓިނުގެ މަސައްކަތް ފެށިއެވެ. ލިބެމުން ދިޔަ އިތުރު އާމްދަނީ އިންވެސް މައިކަލްގެ މައިންބަފައިންނަށް ވަނީ އޭނާއަށް 800 ޑޮއިޝް މާކް (މިހާރު ފައިސާ އަށް ބަލާނަމަ 400 ޔޫރޯ) އަށް ލިބޭ ކާޓް އިންޖީނެއް ހޯދައި ދެވޭ ވަރު ނުވެފައެވެ. އެހެންނަމަވެސް އަވަށުގެ ވިޔަފާރިވެރިންގެ ދީލަތި އެހީ އާއި އެކު އެކިއެކި ރޭސްތަކުގައި މައިކަލް ބައިވެރިވިއެވެ.

ޖަރުމަންވިލާތުގެ ގަވާއިދުގައިވާ ގޮތުން ކާޓް ލައިސަންސް ނެގޭނީ 14 އަހަރު ވުމަށްފަހުގައެވެ. އެހެންނަމަވެސް 1981 ގައި އުމުރުން އެންމެ 12 އަހަރުގައި ލަގްޒެމްބާގްއިން އޭނާ ލައިސަންސް ހޯދިއެވެ.

1983 ގައި ޖަރުމަންވިލާތުން ކާޓް ލައިސަންސް ހޯދުމަށްފަހު ޖެހިގެން އައި އަހަރު ޖަރމަން ޖޫނިއަރ ކާޓް ޗެމްޕިއަންޝިޕް މުބާރާތާއި ޔޫރަޕްގެ އިތުރު މުބާރާތްތަކުން ކާމިޔާބު ހޯދިއެވެ. 4987 ގައި ޔޫރަޕިއަން ކާޓް ޗެމްޕިއަންޝިޕް ހޯދުމަށްފަހު ކިޔެވުމުގެ ދާއިރާއިން ވަކިވިއެވެ. އަދި 1988 ގައި "ސިންގަލް ސީޓް" ޖަރމަން ފޯމިއުލާ ފޯޑް ރޭހާއި ފޯމިއުލާ ކޮއެނިގް ސީރީސްގައި ބައިވެރިވެ ކާމިޔާބު ކުރިއެވެ.

ފޯމިއުލާ ސީރީސްގެ ކެރިއަރ

[އުނިއިތުރު ގެންނަވާ]

1989 ގައި މައިކަލް ޝޫމާކަރ، ވިލީ ވެބާރ ގެ ފޯމިއުލާ 3 ގެ ޓީމާ ގުޅުނެވެ. ޖެހިގެން އައި 2 އަހަރު ވެބާރ ފަންޑުކޮށްގެން ޖަރމަން ފޯމިއުލާ 3 ގެ ސީރީސްގައި ބައިވެރިވެ 1990 ގެ މުބާރާތް ކާމިޔާބު ކުރިއެވެ. ވެބާރގެ ނަސޭހަތުން 1990 އަހަރުގެ ފަހުކޮޅު މާރސިޑީސް ޖޫނިއަރ ރޭސިންގ ޕްރޮގްރާމްގައި ބައިވެރިވިއެވެ. އެއީ ޅަ ޑްރައިވަރުން ފޯމިއުލާ 1 ގައި ވާދަ ކުރުމަށްޓަކައި ބައިވެރިވަނީ ފޯމިއުލާ 3000 ގައި ކަމަށްވާތީއެވެ. ދިގު ރާސްތާ އަށް ދުއްވަން ހަދާފައި ހުންނަ ކާރު ދުއްވުން މައިކަލްގެ ކެރިއަރ އެހީވާނެކަމަށް ވެބާރ އެއް ފެންނާތީ ބޮޑެތި ކާރު ދުއްވުމަށް ވެބާރ މައިކަލް އަށް ޚިޔާލުދިނެވެ. އެއަހަރުގެ އޮޓޯޑްރޯމޯ ހާމެނޮސް ރޮޑްރީގޭޒް ގެ މުބާރާތުގެ ފައިނަލްވެސް މައިކަލް ކާމިޔާބު ކުރިއެވެ. އަދަ 1991 ގައި ޖަޕާނުގައި ބޭއްވުނު އޮޓޯޕޮލިސް މުބާރާތުގައި ދުއްވައިގެން އެންމެ ފަހު ރޭހުގައިވެސް ކާމިޔާބު ހޯދިއެވެ. އަދި ޑްރައިވަރުންގެ ލިސްޓުގެ 9 ވަނަ ހޯދިއެވެ. އަދި ހަމަ އެއަހަރު ޖަޕާނުގައި ބޭއްވުނު ފޯމިއުލާ 3000 ގެ ޗެމްޕިއަންޝިޕް މުބާރާތުން 2ވަނަ ހޯދިއެވެ. އޭރު މައިކަލް ދުއްވީ ސައުބަރ-މާސިޑީޒް-ބެންޒް ގެ ޓީމުގައެވެ.

ޝޫމާކަރ އެންމެ ފުރަތަމަ ފޯމިއުލާ 1 މުބާރާތެއްގައި ވާދަކުރީ ބެލްޖިއަމް ގްރޭންޑް ޕްރީ ގައެވެ. އޭނާ މިމުބާރާތުގައި ދެއްވީ އޭރު ބަންދުކޮށްފައިވާ ބެޓްރަންޑް ގަޝޯޓް ގެ ބަދަލު ދުއްވުންތެރިއެއްގެ ގޮތުގައެވެ. ޝޫމާކަރ ވަނީ އޭނާގެ ޓެސްޓް ޑްރައިވްގައި ޖޯޑަން ޓީމްގެ މެނޭޖަރ ޓްރެވަރ ފޮސްޓަރ އަޖައިބު ކޮށްލާފައެވެ. ޓްރެކް ހަދާފައިވާ ގޮތް ދެއްކުމަށްޓަކައި ޓީމުގެ އެހެން ޑްރައިވަރެއް ކަމުފައުވާ އެންޑްރެއާ ޑި ކެސަރީސް ހަމަޖެހިފައިވި ކަމުގައި ވިޔަސް ޓްރެކް އަމިއްލަ އަށް ޝޫމާކަރ އަށް ދަސްކުރަން ޖެހުމުންނެވެ. ޓްރެކްގެ އުނދަގޫކަމަށް ބަލާ، ޝޫމާކަރ ވަނީ އެފަހަރު ރޭސް 7 ވަނަ އަށް ނިންމާފައެވެ. މިކަންވެގެންދިޔައީ ޓެކްނިކަލް ދާއިރާގައި ތިބި މީހުން އަޖައިބު ކުރަނިވި ކަމަކަށެވެ. އަދި މި ރެކޯޑާއި އެކު 11 އަހަރު ވަންދެން ޓީމުގައި ދުއްވާފައިވާ އެންޑްރެއާ ޑި ކެސަރީ އަށްވުރެ ގްރިޑް ޕޮޒިޝަން ކުރި ލިބުނެވެ. (ގްރިޑް ޕޮޒިޝަންގައި ދުވެލި އެންމެ މަޑު 5 ކާރަށް ރޭހުގައި ބައިވެރި ނުވެވޭނެއެވެ. އެހެންނަމަވެސް ދެން ހުރި ހުރިހާ ކާރުތަކަށް ރޭހުގައި ބައިވެރި ވެވޭނެއެވެ. ނަމަވެސް ރޭސް ފެށުމަށް އެތުރިފައި ހުންނާނީ 1 ވަނަ އަށް ދިޔަ ފަރާތް އެންމެ ކުރީގައި، 2 ވަނަ އަށް ދިޔަ ފަރާތް އޭގެ ފަހަތުގައި، މިގޮތަށް 10 އަކާއި ހަމައަށެވެ.)

ބެނެޓަން ޓީމް

[އުނިއިތުރު ގެންނަވާ]

މާރސިޑީސް ބެންޒްގެ ހުއްދަ އާއި އެކު ޖޯޑަން ޓީމުގައި ދުއްވަމުން ދިޔަ ޝޫމާކަރ އަށް ބެނެޓަން-ފޯޑް ގައި ދުއްވުމުގެ ފުރުޞަތު ލިބުނެވެ. ޖޯޑަން ޓިމުން މިކަމާ ދެކޮު ހަދައި މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނެތުމުން ބެނެޓަން-ފޯރޑް އަށް ކާމިޔާބު ލިބުނެވެ. 1992 ވަނަ އަހަރުގެ ކާރު ސީޒަން ފެއްޓުމުގައި މަރސިޑީޒް ބެންޒް ފޯރމިއުލާ އެކެއްގައި ސައުބަރ އެކީ ބައިވެރިވުމަށް ވާހަކަ ދެކެވުނެވެ. އަދި ސައުބަރ ވަނީ އެ ދެކުންފުނި ގުޅިގެން މުބާރާތުގައި ވާދަކުރާނަމަ މައިކަލް ޝޫމާކާރ ރޭހުގައި ދުއްވަންޖެހޭނީ އެމީހުންގެ ޓީމުގައި ކަމަށް ކޮންޓްރެކްޓްގައި ބަޔާންކޮށްފައެވެ. ނަމަވެސް ބެނެޓަން-ފޯރޑް އިން ޝޫމާކަރ އާއި އެކީ ކޮންޓްރެކްޓް ހަދާފައިވުމުން ސައުބަރ-މާރސިޑީޒް ބެންޒް އަށް ޝޫމާކާރ ލިބޭގޮތް ނުވިއެވެ. 1992 ވަނަ އަހަރަކީ ރީނޯލްޓްގެ ބާރުގަދަ އިންޖީނުލީ ކާރުތަކުގެ އަހަރެވެ. އޭރުގެ އެންމެ ކާމިޔާބު މީހުންނަކީ މެންސަލް އާއި ރިކާޑޯ ޕެޓްރަސްއެވެ. ބެނެޓަންގެ އާދައިގެ އިންޖީނެއްގައި ޝޫމާކާރ އަށް ކާމިޔާބަށް ވާސިލްވެވުނީ މެކްސިކަން ގްރޭންޑް ޕްރީގައެވެ. އެރޭހުގައި ޝޫމާކާރ 3 ވަނަ ހާސިލްކުރިއެވެ. ޝޫމާކާރ އަށް 1ވަނަ އެންމެ ފުރަތަމަ ލިބުނީ ބެލްޖިއަމް ގްރޭންޑް ޕްރީގައި ވަރަށް ވިއްސާރަ ދުވަހެއްގައެވެ. 1992 ގައި ޑްރައިވަރުންގެ ޕޮއިންޓް ލިސްޓްގައި ޝޫމާކާރއަށް 53 ޕޮއިންޓް ލިބިގެން ރަނަރއަޕް ޕޭޓްރީސް އަށް ވުރެ އެންމެ 3 ޕޮއިންޓް ފަހަތުންނެވެ.

1994 ވަނަ އަހަރަކީ ފޯމިއުލާ 1 އަށް ވަރަށް ބަނަ އަހަރެކެވެ. ސަން މަރިނޯ ގްރޭންޑް ޕްރީގައި އާރޓަން ސެނާ އާއި ރޯލަންޑް ރަޓްޒެންބަރގަރ ވަނީ ދިމާވި އެކްސިޑެންޓެއްގައި މަރުވެފައެވެ. އަދި ޝޫމާޚާރގެ ބެނެޓަން އާއި ފެރާރީ އަދި މެކްލާރަން، އެފް.އައި.އޭ ގެ ޤަވާއިދާ ޚިލާފަށް ބޭނުންކުރިކަމަށް ބުނެ ތަހްޤީޤްކޮށް އަދި 100،000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އިނގިރޭސިވިލާުގެ ގްރޭންޑް ޕްރީގައި ފޯރމޭޝަން ލެޕްގައި އޯވަޓޭކް ކުރުމުން ޝޫމާކާރ ޖޫރިމަނާ ކުރެވުނެވެ. އެހެންނަމަވެސް ޖޫރިމަނާ އާއި ޚިލާފްވުމުން ރޭހުން 2 މެޗަށް ސަސްޕެންޑްކުރެވުނެވެ. އަދި މީގެ އިތުރުން ބެނެޓަންގެ ސްކިޑް ބޮކްސް އަށް ދިމާވި މައްސަލައެއްގައި އެފް.އައި.އޭ އެޓީމުން ޕޮއިންޓް ކެނޑިއެވެ. މިހުރިހާ ކަމަކާ ހުރެވެސް ޝޫމާކާރ އެންމެ ޕޮއިންޓެއްގެ ތަފާތުން އެފަހަރު ޗެމްޕިއަންކަން ހޯދިއެވެ. 1995 ގެ މުބާރާތުގައި ޝޫމާކާރ ވަނީ ކޮންސްޓްރަކްޓަރ ޗެމްޕިަންޝިޕް ހޯދާ އަދި ފޯމިއުލާ 1 ގެ ސީރީސް ގެ ތާރީޚުގައި ވިދިވިދގެން ދެފަހަރު ކާމިޔާބު އެންމެ ޒުވާން މީހާކަމަށްވެސް ވެފައެވެ.

އަހަރެއްގެ ހިންމަތާއި މިއްނަތުން ޝޫމާކާރ އަށް 2000 ވަނަ އަހަރޔ ވާދަވެރި "ހަކިނަން" ފަހަތަށް ޖައްސުވާ ކާމިޔާބު ހޯދިއެވެ. ޝޫމާކާރ އަށް ކާމިޔާބު ލިބުނީ އިޓާލިއަން ގްރޭންޑް ޕްރީ ކާމިޔާބު ކުރެވުމުންނެވެ. މިއީ ޝޫމާކާރގެ 41 ވަނަ ކާމިޔާބީއެވެ. މިރޭހަށްފަހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝޫމާކާރގެ ނަމޫނާ ޑްރައިވަރު އާރޓަން ސެނާގެ ރެކޯޑާ އެއްވަރު ކުރެވުމުން އެކަމާ އޭނާ އުފަލުން ފެންކަޅިވިއެވެ.

2001ގަައި ޝޫމާކާރގެ ހަތަރުވަނަ ޑްރައިވިންގ ޓައިޓްލް ހޯދިއެވެ. މުބާރާތުގައި ހަތަރު ޑްރައިވަރަކު އެކިރޭހުން ކާމިޔާބު ކުރިއެވެ. ނަމަވެސް މުޅި މުބާރާތަށް ބަލާއިރު ޝޫމާކާރ އާއި ވާދަ ކުރެވޭނެ ވަރުގެ ޑްރައިވަރެއް ނެތުމުން ވަރަށް ފަސޭހަ ކަމާއި އެކު އޭނާ ކާމިޔާބު ކުރިއެވެ. 2002 ވަނަ އަހަރު ވެސް ދިޔައީ މިކަހަލަ ގޮތަކަށެވެ. 17 ރޭހުން 15 ރޭސް ފެރާރީ ޓީމުން ކާމިޔާބު ކުރިއެވެ. އަދި ޑްރައިވަރސް ޗެމްޕިއަންޝިޕް ދިފާއުކުރިއެވެ.

2003 ވަނައަހަރަކީ ޝޫމާކާރ އާއި ވާދަ ކުރާނެ މީހަކު އަނެއްކާވެސް އައި އަހަރެކެވެ. އެއީ ކިމީ ރޮއިކަނަން އެވެ. ރޭސްތަކަށް ބަލާއިރު ރޮއިކަނަން އިޓާލިއަން ގްރޭންޑް ޕްރީގެ ކުރިން ޝޫމާކާރ އާއި ދެމެދު އޮތީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް އެފް.އައި.އޭ ގެ ޤަވާއިދުގެ ތެރޭގައި ފުރޮޅުގެ ފުޅާ މިނަށް ބަދަލު ގެނައުމުން ރޮއިކަނަން ޓީމުގެ މެކްލާރަން އަށް ދިމާވި އުނދަގޫތަކުގެ ފައިދާ ފެރާރީ އިން ވަރަށް ފުރިހަމަ ގޮތުގައި ހޯދިއެވެ. އަދި ޖެހިގެން އައި ދެ ރޭހުންވެސް ފެރާރީ ކާމިޔާބު ހޯދިއެވެ. މިމުބާރާތުގައިި އަދި ރޮއިކަނަން އަށް ކާމިޔާބު ކުރުމުގެ ހަމައެކަނި އޮތް ފުރުޞަތަކަށްވީ ޖަޕަނީސް ގްރޭންޑް ޕްރީ ކާމިޔާބު ކުރުމެވެ. އަދި ހަމަ އެފަދައިން ޝޫމާކާރ ކާމިޔާބުކުރަން ބޭނުންވަނީ ހަމައެކަނި އެންމެ ޕޮއިންޓެކެވެ. ޝޫމާކާރ ބޭނުންވާ އެއް ޕޮއިންޓް ހޯދައިގެން 6 ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރިއެވެ.

2004 ގައި ފުރަތަމަ 13 ރޭސް ކާމިޔާބު ކުރިއެެވެ. އަދި އެއަހަރު ނިންމާލީ 148 ޕޮއިންޓާ އެކު ޓީމުގެ ދެވަނަ ޑްރައިވަރު ރޫބަން ބެރިޝެލޯ އަށްވުރެ 34 ޕޮއިންޓް ކުރީގައި އޮވެގެންނެވެ. މިމުބާރާތުގައި 18 ރޭހުން 13 ރޭސް ޝޫމާކާރ ކާމިޔާބު ކޮށް ރެކޯޑް ހެދިއެވެ.

2005 ގައި ޝޫމާކާރގެ ހަމައެކަނި ކާމިޔާބު އައީ އެމެރިކާގެ ގްރޭންޑް ޕްރީގައެވެ. އެފް.އައި.އޭ އަނެއްކާވެސް ފުރޮޅުތަކުގެ ޤަވާއިދަށް ބަދަލުގެނައެވެ. މިބަދަލު އެފް.އައި.އޭ އިން ގެނައީ އެހްން ޓީމުތަކަށް ފެރާރީ ޓީމާއި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ވުމާއި އެކު ބްރިޖްސްޓޯން ޓަޔަރުތައް ބޭނުންކުރާ ޓީމުތަކަށް މިކަމުން ގެއްލުން ވެގެންދިޔައެވެ. އަދި އެ އަހަރު މުބާރާތް ކާމިޔާބު ކުރީ ރީނޯލްޓްގެ ފެނާންޑޯ އޮލޮނސޯއެވެ.

2006 ވަނަ އަހަރަކީ ޝޫމާކާރ ފޯރމިއުލާ އެކެއް ގައި ވާދަ ކުރި އެންމެ ފަހު އަހަރެވެ. ފުރަތަމަ 3 ރޭސް ނިމުނު އިރު ޝޫމާކާރ އަށްވަނީ 11 ޕޮއިންޓާއި އެކު 2004 ގެ ޗެމްޕިއަން އޮލޮންސޯއަށް ވުރެ 17 ޕޮއިންޓް ފަހަތުގައެވެ. ޗައިނާ ގައި އޮތް ރޭހުގައި އޮލޮންސޯގެ ކާރުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ޗެމްޕިއަން ސްޓޭންޑިންގ ގައި ޝޫމާކާރ އަށް ކުރި ލިބުނެވެ. ނަމަވެސް ޖަޕާނުިގައި ބޭއްވި ރޭހުގައި އޮލޮންސޯ މޮޅުވުމުން އަނެއްކާވެސް 10 ޕޮއިންޓުގެ ކާމިޔާބެއް އޭނާ އަށް ލިބުނެވެ. ފައިނަލް ރޭހުގައި ޝޫމާކާރ ވަނީ އޮލޮންސޯ ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ. އަދި ޝޫމާކާރ އަށް މިޝަރަފް ލިބުން ވަރަށް ހަނިކަމަށް ވެސް ބުންޏެވެ. ކަންތައް ދިމާވީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ކާރުގެ ތެޔޮ ހޮޅިއަށް ލިބުނު ގެއްލުމަކާއި އެކީ ޝޫމާކާރ ރޭސް ފެށީ 10 ވަނާގައި އޮވެގެންނެވެ. ރޭހުގެ ކުރީ ކޮޅު ޝޫމާކާރ 6ވަނަ އަށް ޖެހިލިއެވެ. ނަމަވެސް އޮލޮންސޯގެ ޓީމްމޭޓް ފިޝެލާގެ ކާރުން ޝޫމާކާރގެ ކާރުގައި ޖެހި ފުރޮޅު ފަޅައިގެން ދިޔުމުން ޕިޓް ސްޓޮޕްގައި ޝޫމާކާރ މަޑުކުރަން ޖެހުނެވެ. އެހެންނަމަވެސް ރޭހުގެ ފަހުކޮޅު ފިޝެލާ އާއި ރޮއިކަނަން ފަހަތަށް ޖައްސާލައި 4 ވަނަ މަޤާމް ހޯދިއެވެ.

އިސްތިފާ އަށްފަހު

[އުނިއިތުރު ގެންނަވާ]

ޝޫމާކަރ އަކީ މިހާރު ފެރާރީގެ އެޑްވައިޒަރެކެވެ. 1995 ގައި ޝޫމާކަރ ވަނީ ކޮރީނާ ބެޝް އާއި ކައިވެނީގެ ގޮތުން ގުޅި 2 ކުދިން ހޯދާފައެވެ. އަދި މިހާރު އުޅެމުން ދަނީ ސްވިޒަރލޭންޑް ގައެވެ. ޝޫމާކަރ އަކީ މަޝްހޫރު މީހެއްކަމަކު އެފަދަ މީހުންމީޑިޔާ އާއި ބާއްވާ ގުޅުން ބާއްވަން ބޭނުންވާ މީހެއް ނޫނެވެ. ވުމާ އެކު އޭނާގެ ދިރިއުޅުން ބައްޓަންކޮށްފައިވަނީ މީޑިއާ އާއި ދުރު އާދައިގެ ދިރިއުޅުމެކެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]