Jump to content

މަނަދޫ އިދުރީސް މުޙައްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މަނަދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގެ އިރުމަތީފަރާތުގައި ހުންނަ ހޮޅުއަށީގައި ހުސްގަޔަށް ހަދާލައިގެން އޮންނަ މީހަކު ފެންނާނެއެވެ. އަތިރިމަތީގައި ހެދިފައިވާ ރުއްތަކުގެ ތެރޭގައި ހުންނަ ހޮޅުއަށީގައި މަދު ފަހަރަކު ނޫނީ އެމީހާ އޮންނަތަން ފެންނާނީ އެކަނިމައި އެކަންޏެވެ. ކަނޑުން އަންނަ ފިނިވައިރޯޅި ތަކަށް މޫނު ދިމާކޮށްގެން ގިނަ ފަހަރަށް އިންނާނީ މާސިންގާ ކަނޑާދިމާލަށް ބަލަހައްޓައިގެންނެވެ. ނޫނީ ވަޔާއެކު ނަށަމުންދާ ފަންތަކަށް ބަލަހައްޓައިގެން އޭނާ އޮންނާނީ އޮށޯވެއެވެ. ރަށުން ބޭރުން އަރާ މީހުންނަށާއި މިހާރު ބޮޑެތިވަމުންދާ މަނަދޫ ކުދިންނަށް އެއީ ކާކުކަން ނޭނގިދާނެއެވެ. އެއީ މަނަދޫ ސާތީވިލާ އިދުރީސް މުޙައްމަދު (އިދުރިސްބެ) އެވެ. އެއީ މަނަދޫގައި ސިމެންތީގެ މަސައްކަތް އެންމެ ފުރަތަމަ ފަންނުވެރިކަމާއެކު ކުރަންފެށި ހުނަރުވެރިޔާއެވެ. އެއީ ރޭނުމުގެ މަސައްކަތުގެ މޭސްތިރިއެކެވެ.

އިދުރިސްބެ ރޭނުމުގެ މަސައްކަތް ދަސްކުރީ އަމިއްލައަށެވެ. އޭނާއަކީ އިނގިރޭސިން ހއ. ކެލާގައި ތިބި ދުވަސްވަރު އެމީހުންނާއެކު މަސައްކަތްކުރި މީހެކެވެ. އިދުރިސްބެއަށް އިނގިރޭސިން ކަމުދަނީ އެހެންވެއެވެ. އަބަދުވެސް އިނގިރޭސިންގެ މޮޅުކަމުގެ ވާހަކައާއި އޭރު ގަމުގައި މަސައްކަތްކުރަންއުޅުނު ޕާކިސްތާނު މީހުންގެ ވާހަކަ އިދުރިސްބެ ދައްކައެވެ.

"އެމީހުން (އިނގިރޭސިން) އެއްވެސް ކަމެއް ނުކުރާނެ ހަމަ ކަމަކަށް ކަމެއް ކޮށްލާގޮތަކަށް. ވަރަށް ފުރިހަމަވާނެ. އަހަރެމެން އެއްޗަކަށް އެއްޗެއް ހަދާލާހެން ކަންކަން ކުރީމާ އެމީހުންނަކަށް ކަމަކުނުދާނެ. އެހެންވެ އެމީހުންނާއެކު ކޮންމެ ކޮންމެ މީހަކަށް ނުވެސް އުޅެވޭ" އިދުރިސްބެ ބުންޏެވެ. އިނގިރޭސިން ކެލާއިން ފައިބަންދެން އިދްރިސްބެ އެމީހުންނާއެކު މަސައްކަތުގައި އުޅުނެވެ. އެމީހުންގެ ކައިރިން ތަފާތުން މަސައްކަތްތައް ދަސްކުރިއެވެ. "ރޭނުމުގެ މަސައްކަތަކީ އެންމެ ރަނގަޅަށް ދަސްވި މަސައްކަތް. އަހަރެން މި މަސައްކަތް މާލޭގަޔާއި މިރަށުގައި (މަނަދޫގައި) އަދި އަތޮޅުތެރޭގައިވެސް ކޮށްފައިހުންނާނެ. އަހަރެން އޭރު އެންމެ ބޮޑަށް ކުރީ ފާޚާނާ ބެހެއްޓުމުގެ މަސައްކަތް. މަނަދޫގައިވެސް އަދި މިއޮތް މިލަދޫގައިވެސް ފުރަތަމަ ފާޚާނާ ތައްޓެއް ބަހައްޓާފައި ހުންނާނީ އަހަރެން" މިލަދޫއާ ދިމާލަށް އިޝާރާތް ކުރަމުން އިދުރިސްބެ ބުންޏެވެ. "މިއީ ފޮންޏެއްނޫން. އަހަރެން ޔަގީންކަމާއެކު ބުނެފާނަށް އަހަރެން ބެހެއްޓި ފާޚާނާއެއްގައި އަދިއަދަށް ދާންދެންވެސް މައްސަލަ ޖެހިފައެއް ނުހުންނާނެޔޭ"

އިދުރިސްބެ ރާނާ ހެދުމުގައި އެންމެ ކުރީ ސަފުގައި އުޅުނު ދުވަސްވަރަކީ އުވައިން ރާނާ ހެދި ޒަމާނެވެ. އުވަޔަށްފަހު ސިމެންތިއަށް ބަދަލުވެގެންދިޔައީ އިދުރިސްބެ ރާނަން އުޅެނިކޮށެވެ. އެދުވަސްވަރު އުވަޔާއި ސިމެންތި އެއްކޮށްގެން ރޭނުމުގެ އިޖާދުކޮށް އެކަންވެސް އިދުރިސްބެ ކުރިއެވެ. އެއީ އަތިރިމަތިން އަކިރި ނަގައިގެން އެތެރެއަށް ކުރެދި ލައްވައިގެން ބެރި ކޮންކްރިޓްކުރި ޒަމާނެވެ. މާލޭ ހިޔަމަ އަލްމަރުޙޫމް އިބްރާހިމް މުޙައްމަދު (އިބްރާހިމްކޮއި) ދުނިޔޭގައި އެގޭގެ ރޭނުމުގެ މަސައްކަތްތައްވެސް ކުރި މީހަކީ ހުނަރުވެރި އިދުރިސްބެއެވެ. "އިބްރާހިމްކޮއި ދުނިޔޭގައި ހިޔަމައިގަ ހުންނާނެ ވަރަށް ގިނަ ކަންތައްތައް ކޮށްދީފަ. އެއީވެސް ފާހަގަކުރެވޭ ދުވަސްކޮޅެއް" ސެޕްޓިކް ޓޭންކް ބަހައްޓައިގެން ފާޚާނާ ތަށި ބަހައްޓަން އިދުރިސްބެ ފެށިއިރު މާލޭގައިވެސް ގިނަގޭގޭގައި ހުންނަނީ ހަޑަސްބުރި ކަމަށް އިދުރިސްބެ ބުންޏެވެ. އިދުރިސްބެ ފުރަތަމަ މަނަދޫގައި ފާޚާނާއެއް ބެހެއްޓީ މަނަދޫ މާލްރޯޑްގައެވެ. އޭގެ ކުރިން އަތޮޅުގެއަށް ފާޚާނާ ލައިފިއެވެ. ސިމެންތިން ތަށި ހަދައިގެން ސެޕްޓިކް ޓޭންކް ނުލައި ސީދާ މޫދަށް ގުޅައިގެން ބަހައްޓާފައިވާ އެ ފާޚާނާތަށި ބެހެއްޓީ އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނ. ހޮޅުދޫ ޢަބްދުއްރަޙްމާނުބޭ ކިޔާ މީހެކެވެ. މާލްރޯޑްގައި ތިރި ތައްޓަކާއެކު އޭރު ބެހެއްޓެހި އެ ފާޚާނާ މަނަދޫގައި ނަރުދަމާގެ ނިޒާމު ޤާއިމުވަންދެންވެސް ދިޔައީ ބޭނުންކުރަމުންނެވެ. އޭރު ގާތްގަޑަކަށް އެ މަސައްކަތަށް 25 އަހަރުވަރު ވެދާނެއެވެ. "އެފާޚާނާ ވަޅު ބެހެއްޓުމަށް ކޮނުނުއިރު އެތަނުން ފެނުނު ގަބުރެއްވެސް އަހަރެމެން ނަގައިގެން ގެންގޮސް އެހެން ތަނެއްގައި ރީތިކޮށް ވަޅުލިން" އިދުރިސްބެ ކުރީގެ ހަނދާންތައް އާކުރިއެވެ.

އިދުރިސްބެއަކީ މަނަދޫގައި ފުރަތަމަ ވާރޭފެން ރައްކާކުރުމަށްޓަކައި ފެންތާންގީ ހެދުމުގެ މަސައްކަތްވެސް ފެށި ފަރާތެވެ. އިދުރިސްބެވަނީ ގޭގެ ގިފިލިތެރޭގައި ބޮޑު ފެންތާގީއެއް ބަހައްޓައިގެން މަނަދޫ މީހުންނަށް ވާރޭފެނަކީ ގިނަ ދުވަހަށް ރައްކާތެރިކަމާއެކު ބެހެއްޓިދާނެ އެއްޗެއްކަން ދަސްކޮށްދީފައެވެ. އޭގެކުރިން މަނަދޫ މީހުން ވާރޭފެން ރައްކާކުރަމުން އައީ ރުނބާ އާއި ބޮޑެތި ތެލި ކަހަލަ ކަންވާރުތަކުގައެވެ. އާންމުކޮށް ވާރޭފެން ބޮއި އުޅުނީ ވާރޭ ވެހޭ މޫސުމުގައެވެ. އިދުރިސްބެވަނީ މަނަދޫގެ އެތައް ގެއެއްގައި ވާރޭފެންތާނގީ ރާނައިދީފައެވެ. ފެންވަޅުތަކުގެ ފެންނުބައިވެ ނުވަތަ ފެން ލޮނުވުމުން އެމައްސަލަ ހައްލުކުރާނެ އީޖާދުތަކާއި ފެންވަޅުދޮށުންދާ ފެންތަން ބޮޑުނުވެ ހިންދާލެވޭނެ ފަސޭހަތް ގޮތްތައް އިދުރިސްބެ އީޖާދުކުރިއެވެ. އެގޮތުން ވަޅުގެ ތިލަވަތްގަލުން ފެންއަރާގޮތަށް ބެހެއްޓުމުގެ ބަދަލުގައި ވަޅުގެ އަރިމަތިން ފެން އަރާގޮތްތައް މަނަދޫއަށް ތަޢާރަފުކުރީވެސް އިދުރިސްބެއެވެ.

އިދުރިސްބެއަކީ މީހަކު ބުނާހާ އެއްޗެއް ޤަބޫލުކުރާ ކަހަލަ މިޒާޖެއްގެ މީހެއްނޫނެވެ. އަބަދުވެސް އޭނާއަށް އެކަމެއް ހަގީގަތް އެނގެންޖެހޭނެއެވެ. އެވާހަކައެއް ދައްކާ މީހަކަށް އެކަމެއް އިދުރިސްބެ ޤަބޫލުކުރާ ވަރަށް ބުނެނުދެވިއްޖެނަމަ އިދުރިސްބެ ގާތުގައި ކިތަންމެ ބޮޑުކަމެއްވެސް އެއީ އެއްވެސް ކަމަކަށްނުވެއެވެ. އެކަމެއްގައި އިދުރިސްބެ ޤަބޫލުކުރާގޮތް އެއީ އެންމެ ރަނގަޅުގޮތެވެ. މިހެން ބުނުމުން އިދުރިސްބެގެ މިޒާޖަކީ ކޮބައިކަން އެގިދާނެއެވެ.

އިދުރިސްބެގެ ގެއަށް ފުރަތަމަ ކީނަމަކީ ބިއްލޫރިޖެހިގެއެވެ. ފަހުން އެގޭގެ ނަން ސާތީވިލާއަށްވަނީ ބަދަލުކޮށްފައެވެ. ބިއްލޫރިޖެހިގެ އެގެއަށްކީ ކީއްވެގެންހެއްޔެވެ؟ އެގެއަކު އޭރަކު އެންމެ ބިއްލޫރިގަޑެއްވެސް ނެތެވެ. " މަށަކީ އޭރު މިރަށުގައި ރާނާ ހަދާ މީހާ. އެކަމަކު މިގެ އޭރު ހުރީ ވަރަށް ދެރަކޮށް. ފަނުން ހުންނާނީ. ތަންތަން ހާއަޅާނެ. އެހެންވެ މަލާމާތަކަށް އެހެންމީހުން ކީނަމެއްއެއީ" އިދުރިސްބެ ބުންޏެވެ. އިދުރިސްބެގެ ތިން ދަރިން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަބީބާ އާއި ޢަބްދުއްރަޙުމާނާއި ވަޙީދާއެވެ. އިދުރިސްބެގެ އަނތްބަކު މިވަގުތަކު ދުނިޔެއަކުނެތެވެ.

މަނަދޫގައި ސިމެންތިން ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް ފެށި މޭސްތިރިޔާގެ ބަލިހާލަތު ހުރިގޮތުން މިއަދު އޮތީ ހަމައެކަނި އޭނާގެ ތަޖުރިބާ އެހެން މީހުންނަށް ހިއްސާކުރުމެވެ. އޭނާއާ ވާހަކަދައްކާ ކޮންމެ މީހަކަށް އެވާހަކަތައް މިހާރުވެސް އެދަނީ ކިޔައިދެމުންނެވެ. ގެއާދިމާލުގައި ހުންނަ ހޮޅުއަށްޓަށް ޖައްސާލުމުން ކޮންމެ ވަގުތަކުވެސް އިދުރިސްބެއާ ދިމާވާނެއެވެ.