މަނަދޫ ކެޔޮޅުބޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަނަދޫ ކެޔޮޅުބޭ ނުވަތަ ކެޔޮޅު ޢަބްދުއްސަމަދު ޢަލީއަކީ އާދައިގެ އާއިލާއަކުން ވަޑައިގެންނެވި އާދައިގެ ބޭފުޅެކެވެ. އެހެންނަމަވެސް އޭނާއަކީ މަނަދޫގެ އިޖްތިމާޢީ ކަންތައްތަކުގައި އާދަޔާއި ޚިލާފު ޖޯޝަކާއި ފޯރިއެއްގައި މަސައްކަތްކުރެއްވި ޝަހުސިއްޔަތެކެވެ. މަނަދޫއަށްޓަކައި ޚާއްޞަކޮށް ހުޅަނގު އަވަށަށްޓަކައި ކެޔޮޅުބޭ ކުރެއްވި މަސައްކަތްތަކުން އޭނާއަކީ މަނަދޫ ރައްޔިތުން ފަޚުރުވެރިވާ ދަރިއަކަށްވަނީ ވެފައެވެ. މަނަދޫގައި މަނަދޫ ރައްޔިތެއްގެ ހަނދާނުގައި ބޭއްވުނު ފުރަތަމަ މުބާރާތް ބޭއްވުނީ ކެޔޮޅު ޢަބްދުއްޞަމަދުގެ ހަނދާނުގައެވެ. އެއީ މަނަދޫ އެކުވެރިންގެ ގުޅުން ( މަނަދީ ޖަމުޢިއްޔާއެއް )ގެ ފަރާތުން ބޭއްވި ފުޓްބޯޅަ މުބާރާތް " ކެޔޮޅު ކަޕް " އެވެ.

އުފަންވެވަޑައިގަތުން[އުނިއިތުރު ގެންނަވާ]

އަލްމަރުޙޫމް ޢަބްދުއްޞަމަދު ޢަލީ ނުވަތަ ކެޔޮޅުބޭ ދުނިޔޭގެ އަލިކަންދުށީ 4 ރަބީޢުލް އާޚިރު 1337 ( 7 ޖެނުއަރީ 1919 ) ވީ އަންގާރަ ދުވަހު މަނަދޫގައެވެ.

ކައިވެނީގެ ހަޔާތް[އުނިއިތުރު ގެންނަވާ]

ކެޔޮޅު ޢަބްދުއްޞަމަދު 4 ކައިވެނި ކުރެއްވިއެވެ. އެއީ 1 - ކަތްދަ، 2- ބޮޑުގޭ ޢަލިފުޅުގެ މަރިޔަނބު، 3- ކަޅުބެގެ ޙަލީމަ އަދި 4- ކުޑަ ކާސިމާއި ބޮނގަރަ އައިސަގެ ދަރި ކަތްދައެވެ.

ދަރިން[އުނިއިތުރު ގެންނަވާ]

2008 އޭޕްރީލް މަހާ ހަމައަށް ކެޔޮޅުބޭގެ 4 ދަރިން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

1- އިބްރާހިމް ޢަބްދުއްޞަމަދު ( ސޭކުބޭ )

2- ޝުޢައިބު ޢަބްދުއްޞަމަދު

3- ޢަބްދުﷲ ޢަބްދުއްޞަމަދު

4- އައިމިނަތު ޢަބްދުއްޞަމަދު

ދިރިއުޅުމަށް ކުރެއްވި މަސައްކަތް[އުނިއިތުރު ގެންނަވާ]

ކެޔޮޅުބެއަކީ ކުޅަދާނަ މުރާލި ކެޔޮޅެކެވެ. ވަޑިއެއްވެސް މެއެވެ. ރަށުގެ މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވެލެއްވި ސަރުދާރެކެވެ. ކުޅިވަރުގެ މުރީދެކެވެ. ރަށުގެ އިޖްތިމާޢީ ކަންތައްތަކުގައި ރަށުގެ ވެރިންނަށް ލަފާދެއްވާ އެއްބާރުލުން ދެއްވި ބޭކަލެކެވެ.

ޒާތީ ޝަހުސިއްޔަތު[އުނިއިތުރު ގެންނަވާ]

ކެޔޮޅު ޢަބްދުއްޞަމަދަކީ މަނަދޫގެ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ މީހެކެވެ. ޢިލުމެއްނެތަސް ޙިލުމުވެރިއެކެވެ. އަބަދުވެސްކަންތައްތައް ކުރެއްވުމުގައި އެހެން މީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ބޭކަލެކެވެ. ކުޅިވަރުގެ ކަންތައްތަކުގައި އާދަޔާއި ޚިލާފު ރޫޙަކާއި ފޯރިއެއް އަދި ޖޯޝެއް ނެރުއްވި ބޭކަލެކެވެ. އޭނާގެ އިޚްލާޞްތެރި މަސައްކަތަށް އެހެން މީހުންގެ ލޯތްބާއި ސަމާލުކަން ހޯއްދެވިއެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ކެޔޮޅު ޢަބްދުއްޞަމަދު އަވަހާރަވީ 21 މާރޗް 1994 ގައެވެ. ވަޅުލެވިފައިވަނީ މަނަދޫ ޤަބުރުސްތާނުގައެވެ. އޭނާގެ ފާފަ ފުއްސަވާ ހެޔޮ ރަޙުމަތްލައްވާށިއެވެ.