ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން (ސ. ނަންބަރ:344) އަކީ 1976 ވަނައަހަރު ޖުލައި މަހުގެ 06 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 33 އަހަރާއި 25 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ  ދެމިހުންނެވި ބޭފުޅެކެވެ.

            މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. ވޮރަންޓްއޮފިސަރ ގްރޭޑް2 ޢަލީ ޙުސައިން ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 6 ކުލައާ 5 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާސްތެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

            ވޮރަންޓްއޮފިސަރ ގްރޭޑް2 ޢަލީ ޙުސައިން ގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ޑިއުޓީސެކްޝަންގެ އިތުރުން ޔުނީފޯމް ސެކްޝަނާއި އެމް.އެން.ޑީ.އެފް ގެ ބޭންޑް ސެކްޝަން ގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައި ވެއެވެ.  ރިޓަޔަރ ކުރެވުނު އިރު ޚިދުމަތް ކުރައްވަމުން ގެންދެވީ އެމް.އެން.ޑީ.އެފް ޓްރާންސްޕޯރޓް ސަވިސް ގައެވެ.

            ވޮރަންޓްއޮފިސަރ ގްރޭޑް2 ޢަލީ ޙުސައިންގެ ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއަރުމުގެ ޙާދިސާއާއި، އަކިރި ހަދިޔާކުރުމާއި، ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގެ އިތުރުން، 3 ނޮވެމްބަރުގެ ޢުދުވާނީ ހަމަލާ ފާހަގަ ކުރެވެއެވެ.

            ވޮރަންޓްއޮފިސަރ ގްރޭޑް2 ޢަލީ ޙުސައިން  ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޢަލީ ޙުސައިންގެ މަތިވެރި ޚިދުމަތްތަކަކީ،  މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

            އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން  01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ވޮރަންޓްއޮފިސަރ ގްރޭޑް2 ޢަލީ ޙުސައިން ރިޓަޔަރ ކުރެއްވުމުން ޢަލީ ޙުސައިންގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.