ވެލި ފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވެލި ފުންނަ (ސައިންޓިފިކް ނަން: Gnatholepis anjerensis)ނުވަތަ (އިނގިރޭސި ބަހުން: Weeping sand goby)އަކީ ރާއްޖޭގެ ތިލަފަޅު ތަކުން ފެށިގެން 25 މީޓަރުގެ ފުނުގައި އުޅޭ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މިފުންނަ އެންމެ ބޮޑުވަނީ 8 ސެންޓި މީޓަރަށެވެ. މިބާވަތުގެ ފުންނަ އާންމުކޮށް އުޅެނީ އަޑީގައި ވެލި ހުންނަ ހިސާބު ތަކުގައެވެ. ގިނައިން ފެންނާނީ ވެލިގަނޑުގައި ނުވަތަ ގާގަލުގައި ބަނޑު ޖައްސާލައިގެން ނުވަތަ އިށީދެގެން ތިއްބައެވެ. ރާއްޖޭގައި ގިނައިން އުޅޭ މަހެއް ކަމަށް ވިޔަސް މަހުގެ ކުޑަކަމުންނާއި ކުލަވަރު ހުންނަ ގޮތުން މިބާވަތުގެ މަހާމެދު މީހުން އެހާ ސަމާލުކަމެއް ނުދެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ.ވުމާއެކު މިމަސް ހިފުމަށް ދިވެހިން ވަކި ކަހަލަ މަސްވެރިކަމެއް ނުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ތުންކޮޅު ހުންނަނީ މޮށްކޮށެވެ. މަހުގެ ލޮލުގެ ތިރީގައި ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ޢިލްމީ އަދި އިގިރޭސި ނަމާ ގުޅޭގޮތުން މިމަހަށް ވެލި ފުންނަކިޔާފައިވަނީ އެވެ.