ވެނުބަނޑޭރި
ވެނު ބަނޑޭރި (ސައިންޓިފިކް ނަން: Corythoichthys haematopterus)ނުވަތަ (އިނގިރޭސި ބަހުން: Redtailed pipefish) އަކީ ރާއްޖޭގެ ތިލަފަޅުތަކުން ވަރަށް ގިނައިން ފެންނަ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ މޫދު ވިނަ ފަޅާފައި ހުންނަ ހިސާބުތަކާއި އަދި ފަޅުމަތީގެ މުރަކަ ގާތަކުގެ ކައިރީގައެވެ. ކުޑަކުދިން މޫދަށްއެރި މަސްހިފަން އުޅޭ އުޅުމުގައި ފަސޭހައިން ހިފޭމަހަކަށްވާތީ މިމަސް ހިފާއުޅެއެވެ. އަދި ދިރޭމަސް ބޭރުކުރާ މީހުން ވެނު ބަނޑޭރި ހިފާ ބޭރުކުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސމ އަށެވެ.
ވެނު ބަނޑޭރި އަކީ ހިމަކޮށް ދިގުކޮށް ހުންނަ ހަރުތޮށިގަނޑެއް ކަހަލަ ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ތުން ދިގު ދޯރިއެއްހެން ދިގުވެފައި ހުރެއެވެ. މަހަކީ ހަރުކަށި ވައްތަރެއްގެ މަހަކަށްވުމާއެކު ބޮޑަށް ލަބާލުމުން މިމަސް ވަރަށް ފަސޭހައިން ބިއްދައިގެން ދެއެވެ. މަހުގެ ކަންފަތް ގަނޑު ވަރަށް ކުރެވެ. އަދި ކަންފަތް ގަނޑުގައި 32 އާއި 37 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ނިގޫފަތް ހުންނަނީ ވަށްކޮށެވެ. އަދި މަހުގެ ދިގަށް ވާގޮތަށް ވެސް ހިމަ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ. މިމަސް އުޅޭ މާހައުލާ އެއްގޮތަށް މަހުގެ ހަށިގަނޑުގެ ކުލަ ބަދަލުކޮށްލައެވެ. އަދި މިއީ މާބަރަށް މޫދުތެރޭގައި ދުވެއުޅޭ މަހެއް ނޫނެވެ.