ވިޓަމިން ބީ7
ވިޓަމިން ބީ7 (އިނގިރޭސި ބަހުން: Vitamin B7)ނުވަތަ ބަޔޮޓިން(އިނގިރޭސި ބަހުން: Biotin) އަކީ ޕެންޓޯތެނިކް އެސިޑް، ފޯލިކް އެސިޑް، އަދި ކޯބަލަމިން (ވިޓަމިން ބީ12) އާއި އެކުވެގެން އޭގެ ވަޒީފާ އަދާކުރާ އެއްޗެކެވެ. އަދި ޕެންޓޯތެނިކް އެސިޑް އާއި ވަރަށް އެއްވައްތަރު އެއްޗެއްވެސް މެއެވެ. އިންސާނާގެ ހަށިގަނޑުގައި ބަޔޮޓިން ބޭނުންކުރަނީ ފެޓް އާއި، އެކި ބާވަތްތަކުގެ ޕްރޮޓީން ބައިބައިކޮށް ހަކަތަ އުފެއްދުމުގައި، އެހީވެދޭ އެއްޗެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ސެލި ތަކުގައި ވާރުތީ ސާމާރު(އިނގިރޭސި ބަހުން: Genetic material) (އަސްލު ޒާތް) ހަރުކޮށްދިނުމުގައި މިބާވަތުގެ ވިޓަމިން އެހީވެދެއެވެ. އިސްތަށިގަނޑާއި ނިޔަފަތި ރީތިކޮށް ބެހެއްޓުމަށް ބަޔޮޓިން ބޭނުންވެއެވެ.
ބަޔޮޓިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ކުކުޅުބިހުގެ ލޮނދި، މޭގަނޑު، އަދި ފެހިކުލަ ގަދަ ތަރުކާރީ، އާއި އޮރެންޖް ހިމެނެއެވެ. އަދި ސޯޔާބީން އާއި އާމަންޑް އަކީ ބަޔޮޓިންގެ މާއްދާ ވަރަށް ގިނަ ދެބާވަތެވެ. ހަށިގަނޑުން ބަޔޮޓިން މަދުވުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އެއީ މިބާވަތުގެ ވިޓަމިނަކީ ވެސް ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދައިދޭ އެއްޗަކަށްވާތީ އެވެ. ބަޔޮޓިން މަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ، ގައިގައި ރިހުން، ކާހިތްނުވުން، އިސްތަށި ފޭބުން، ހަންގަނޑު ކުރަކިވުން، އަދި ވަރުދެރަވުން އެވެ. ދިގުމުއްދަތަކަށް އެންޓިބަޔޮޓިކެއް ބޭނުންކުރާނަމަ، ހަށިގަނޑުގައި އުފައްދާ ބަޔޮޓިން މަދުވެ، އަދި ބައެއް ފަހަރު އުފެއްދުން ހުއްޓޭގޮތް ވެސް ވެއެވެ. ބަޔޮޓިން ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ 30 މައިކްރޯގްރާމް އާއި 300 މައިކްރޯގްރާމް އާއި ދޭތެރޭގެ އަދަދެކެވެ. ބަޔޮޓިން އަކީ ހަމުގެ ބަލިތަކަށާއި، ހަކުރުބަލީގެ މީހުންނަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރާ މާއްދާ އެކެވެ. ހަށިގަނޑަށް ބޭނުންކޮށް ބާކީވެފައި ހުންނަ ބަޔޮޓިން ކުޑަކަމުދާ ތަކެއްޗާއި އެކު ހަށިގަނޑުން ބޭރުވެދެއެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003