ވިޓަމިން ބީ6

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ބީ6 (އިނގިރޭސި ބަހުން: Vitamin B6)ނުވަތަ ޕައިރިޑޮކްސިން(އިނގިރޭސި ބަހުން: Pyridoxine) އަކީ ކާނާއިން ހަށިގަނޑުގެތެރޭގައި ހަކަތަ އުފެއްދުމުގައި އެހީތެރިވެދީ ޕްރޮޓީންގެ ބައިތައް އުފެއްދުމުގައި، އެހީތެރިވެދޭ އެއްޗެކެވެ. މިއީ އެކިވައްތަރުގެ ހޯރމޯން ޚާއްޞަކޮށް އިންސިއުލިން އާއި އެޑްރެނަލިން އުފެދުމަށް ބާރުއަޅައިދޭ އެއްޗެކެވެ. އަދި ލޭގައި އުފެދޭ ލޭގެ ރަތް ދިރު ނުވަތަ ލޭގެ ރަތް ސެލް ތައް އުފެދުމަށް ބޭނުންވާ ދިޔަތައް ހަށިގަނޑުގައި އުފެއްދުމަށް ވެސް ބާރުއަޅާ ދެއެވެ. ޚާއްޞަކޮށް ދިރު ތަކުގައި ވާރުތީ ސާމާރު ހަރުކޮށްދެނީ މިބާވަތުގެ ވިޓަމިން އެވެ. މިވިޓަމިން ލޭގައި ހުންނަ ވަރަށްވުރެ 25 ގުނައިން 50 ގުނައާއި ދޭތެރޭގެ އަދަދަކަށް ސިކުނޑީގައި ގިނައެވެ. މިއީ މިވިޓަމިންގެ މުހިއްމު ކަން އަންގައިދޭ އަލާމާތެކެވެ. ޕައިރިޑޮކްސިން އެކުލެވޭ ކާނާ އާދަވެގެން ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހެއެވެ. ހަށިގަނޑުން މިވިޓަމިން މަދުވެއްޖެކަން އެނގޭނެ އަލާމާތަކީ ވަރުދެރަވުން، ކާހިތްކެނޑުން، އަނގަފާރުވުން، ތުންފަތް ފެޅުން، ބަރުދަން ލުއިވުން، އަދި ހަންގަނޑު އަނދާގޮތްވުން އެވެ. ގުރުދާގައި ހިލައުފެދުން އަކީވެސް މިކަމުގެ އަލާމާތެކެވެ. ޕައިރިޑޮކްސިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ގެރިމަސް، ކަނޑުމަސް، ކުކުޅުމަސް، ޕާން ފިހަން އަޅާ ޔީސްޓް ހިމެނެއެވެ. އަދި އެވަކާޑޯ އާއި ދޮންކެޔޮ އަކީ ވެސް މިބާވަތުގެ ވިޓަމިން ގިނަ ތަކެއްޗެވެ. ވިޓަމިން ބީ6 (ޕައިރިޑޮކްސިން) ގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 2 މިލިގްރާމް އެވެ. އަންހެނަކަށް 1.6 މިލިގްރާމް އެވެ. ނޭވާހިއްލުމަށާއި، ހިތުގެ ބަލިތަކަށާއި، ފޫހިވުމަށާއި، އަދި މައްސަރުގެ ކުރިން ދިމާވާ އުނދަގޫތަކަށް ބޭހެއްގެ ގޮތުގައި މިވިޓަމިން ބޭނުން ކުރެވެއެވެ. އެހެން ނަމަވެސް ހަކުރު ބަލީގެ މީހުން މިވިޓަމިން ބޭހެއްގެ ގޮތުގައި ބޭނުންކުރުމުގައި ރައްކާތެރި ވާންވާނެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003