ވިޓަމިން ބީ12

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ބީ12 (އިނގިރޭސި ބަހުން: Vitamin B12)ނުވަތަ ކޯބަލަމިން(އިނގިރޭސި ބަހުން: Cobalmin) އަކީ އެންމެ ފަހުން ހޯދުނު ވިޓަމިން އެވެ. 1948 ވަނަ އަހަރު ހޯދުނު މިވިޓަމިނަކީ ފެނަށްގިރޭ ގަދަ ރަތްކުލައިގައި ހުންނަ ވިޓަމިނެކެވެ. ކޯބަލަމިން އަކީ ލޭގެ ރަތް ދިރު އުފައްދައި ދިނުމަށާއި، އެމިނޯ އެސިޑް ތަކާއި ސަރުބީ ހަށިގަނޑަށް ބޭނުންހިފޭގޮތް ހަދައިދޭ އެއްޗެކެވެ. ހަށިގަނޑުގެ އެކިބައިތަކުގައި ހިމެނޭ ތަފާތު ދިރުތަކުގައިވާ ޑީއެންއޭ އުފެދުމަށްވެސް އެހީވެދޭ އެއްޗެކެވެ. ކޯބަލަމިން މަދުވުމުން ޖެހޭ ބަލިތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި، ހަނދާން ބަލިވުން، ބޮލުގައި ރިހުން، ކަންބޮޑުވެ އަނބުރައިގަންނަގޮތްވުން، ރުންކުރުވާގޮތްވުން ހިމެނެއެވެ. ކާހިތްނުވުމާއި ހޮނޑުލަވާގޮތް ވުމަކީ ވެސް މިވިޓަމިން މަދުވުމުން ދިމާވާ ގޮތެކެވެ. މިވިޓަމިން ހަށިގަނޑުން މަދުވުމުން ލޭގެ ހުދު ދިރު ތައް މަދުވެ، ދިފާޢީ ނިޒާމް ހީނަރުވެދެއެވެ. އަދި ލޭގެ ރަތް ދިރު ތަކުގެ ސައިޒުން ބޮޑުވެ، ލޭނާރުތަކުގެ ތެރެއިން ދަތުރުކޮށް އުޅުން ދަތިވުމުން، އަތްފައި އައްސިވެ، ހީލިކަރުވާގޮތްވުން ދިމާވެއެވެ. ގިނަ ފަހަރު މިބައި ހަށިގަނޑުން މަދުވަނީ ކާބޯތަކެތީގެ ތެރެއިން މިބައި ހަށިގަނޑަށް ނުލިބިގެނެއް ނޫނެވެ. މިބައި ހަށިގަނޑަށް ބޭނުންކުރެވެނީ އިންޓްރިންސިކް ފެކްޓަރ ކިޔާ މާއްދާއެއް ލިބިގެންކަމަށްވާތީ އެބައި ހަށިގަނޑުގައި ނުއުފެދިގެންނެވެ. މިކަން ދުވަސްވީ މީހުންގެ %20 މީހުންނަށް ދިމާވެއެވެ. ކޯބަލަމިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ޖަނަވާރުގެ ކިރު، ކިރު އުފައްދާ ތަކެތި، މޭގަނޑު، ކަނޑުމަސް، ކުކުޅު ބިސް، ހިމެނެއެވެ. ކޯބަލަމިން ގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) ކަމަށް ބަލަނީ މީހަކަށް 2 މައިކްރޯގްރާމް އެވެ. ކޯބަލަމިން އެކުލެވޭ ބޭހަކީ ކެއުމުގެ ކުރިން ބޭނުންކުރަންޖެހޭނެ އެއްޗެކެވެ. މިވިޓަމިން ބޭހެއްގެ ގޮތުގައި ބުއްދި ހަމަ ނުޖެހުމަށާއި، ލޭމަދުވުމަށް، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ގަދަ ކުރުމަށް ދެވެއެވެ. މިބައި އިތުރުވުމަކުން އެއްވެސް އިތުރު އުދަގުލެއް ދިމާވާކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ޕޮޓޭސިއަމް ހަށިގަނޑުގައި މަދުމީހުން މިބޭސް ބޭނުންކުރުން ރަގަޅެއް ނޫނެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003