ވާލަން މަސް
ވާލަން މަސް(ސައިންޓިފިކް ނަން: Naso vlamingi)ނުވަތަ (އިނގިރޭސި ބަހުން: vlaming's unicornfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި ބައިބަޔަށް ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ދަންނަ މަޝްހޫރު މަހެކެވެ. ދުވާލު ނަނުފައްތައިގެންކުރާ ކެޔޮޅުކަމުގައި ވާލަން މަސް ބޭނެއެވެ. އަދި މިގޮތުން ފައްތައިގެން އުޅޭއިރު ބޭނުމުގެ އިތުރުން ގައިގެ ކޮންމެވެސް ތަނެއްގައި ބުޅިއަޅައިގަނެގެން ވެސް ނެގިފައި ހުރެއެވެ. މިއީ ބުޅީގައި މޫދުފެހި އަޅައިގެން ވިއްދައިގެން ކުރާ މަސްވެރިކަމުގައި ވެސް ގިނައިން ބޭނޭ މަހެކެވެ. ދިވެހިން މިބާވަތުގެ މަސްކެއުމަށް މާބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ. މަހުގެ އަނގަ ވަރަށް ކުޑައެވެ. މަހުގެ ނިގޫފަތުގެ ދެކޮޅު ހުންނަނީ މަހުގެ ފަހަތަށް ނަރުވާއެއްގޮތަށް ދިގުކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 60ސެންޓި މީޓަރަށެވެ. މަހުގެ ކާނާއަކީ އޮޔާދާ ފަނިފަކުސައެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރީގައި 6 ހަރުކައްޓާއެކު 26 ނުވަތަ 27 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 2 ހަރުކައްޓާއެކު 26 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ދެކޮތަރިބައި ހުޅުވާލާފައި ހުންނައިރު ވަރަށް އުސްކޮށް ހުރެއެެވެ. މަހުގެ ދެއަރިމަތިން ނިގޫކޮޅުގައި ތޫނު 4 ކަށި ހުރެއެވެ.
މަހުގެ ކުލައަކީ ވައިލެޓް ކުލައަކަށްދާ މުށިކުލައެކެވެ. މަހުގެ ދެއަރިމަތީގައި ނޫކުލައިގެ ރޮނގުތަކެެއް މަހުގެ ހުރަހަށްވާގޮތަށް ހުރެއެވެ. އަދި މަހުގެ މަތީބައި ގައްޔާއި ބަނޑުދަށް ފަރާތުގައި ނޫކުލައިގެ ތިކިތަކެއް ހުރެއެވެ.