ވަލީދު ބިން ޔަޒީދު ބިން ޢަބުދުލް މަލިކް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޔަޒީދު ބިން އަބުދުލް މަލިކް ބިން މަރުވާން ބިން ޙަކަމް އެވެ. ވަލީދު ބިން ޔަޒީދު އުފަންވެ ވަޑައިގަތީ ހިޖުރައިން 88ވަނަ އަހަރުގައެވެ. ވަލީދު ބިން ޔަޒީދު ގެ ބައްޕާފުޅު ޔަޒީދު ބިން އަބުދުލް މަލިކް އަވަހާރަވުމުން ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ ބޮޑުބޭބޭފުޅު ހިޝާމް ބިން އަބުދުލް މަލިކް އެވެ. ހިޝާމް ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް ފަހު ވަލީ އަހުދަކަށް ވަލީދު ބިން ޔަޒީދު ކަނޑައެޅުއްވި އެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 125ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ތެރޭގައި ބޮޑުބޭބޭފުޅު ހިޝާމް ބިން އަބުދުލް މަލިކް އަވަހާރަވުމަށް ފަހުގައެވެ. އެއީ މީލާދީން 743ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި 1އަހަރާއި 3މަސް ދުވަހު ދެމިހުންނެވިއެވެ.

ވަލީދު ބިން ޔަޒީދު ނުބައިކަންތަކާއި، ރާބުއިމަށް ދެވިހިފާފައިވާތީ މީސްތަކުން އެކަމާއި ނުރުހި ޔަޒީދު ބިން ވަލީދު ބިން އަބުދުލް މަލިކް އަށް ސިއްރުގައި ބައިޢަތު ހިފައި ވަލީދު ބިން ޔަޒީދު ޚަލީފާކަމުން ދުރުކުރެއްވުމަށް ގޮވާލެއްވިއެވެ. އޭރު ވަލީދު ބިން ޔަޒީދު ހުންނެވީ އުރުދުންގެ އިރުމަތީ ހިސާބުގައި އޮންނަ ޢައްމާންގައިވާ އަޣުދަފު އޭ ކިޔުނު ރަށުގައެވެ. އެޚަބަރު ލިބުމާއި އެކު އެބުރި ބުޚަރާއު އަށް ވަޑައިގެންނެވިއެވެ.

ބުޚަރާއު އަށް ވަޑައިގަތުމާއި އެކު ޔަޒީދުގެ ޞަހާބީންގެ ތެރެއިން ބަޔަކު އެއްވެ، ނުޢުމާން ބިން ބަޝީރު ގެ ގަނޑުވަރުގައި ވަލީދު ބިން ޔަޒީދު ގަތުލު ކުރެއްވިއެވެ. އެއަށް ވަލީދު ބިން ޔަޒީދުގެ އިސްތަށިކޮޅު ދިމިޝްގަށް ގެންދެވުނެވެ. މިހާދިސާ ހިގީ ހިޖުރައިން 126 ވަނަ އަހަރުގައެވެ.