ވައިލެޓް ދަންބޮޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވައިލެޓް ދަންބޮޑު

ވައިލެޓް ދަންބޮޑު(ސައިންޓިފިކް ނަން: Myripristis violacea)ނުވަތަ (އިނގިރޭސި ބަހުން: Violet soldierfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަކަތަކުގެ ތެރޭގައްޔާއި، ފަޅުތެރޭގައި މުރަކަތަކާއި ގާގަލުގެ ނިވަލުގައި އުޅޭ މަހެކެވެ. ދިވެހި މަސްވެރިން މިމަހަށް ވެސް ކިޔާއުޅެނީ ދަންބޮޑު އެވެ. މިއީ މުޅިން ތަފާތު މަހަކަށް ވެފައި މިބާވަތުގެ ތަފާތު ގިނައަދަދެއްގެ މަސް ރާއްޖޭގައި އުޅޭތީ މިމަހަށް ކިޔާ ޢިލްމީ ނަމާއި، އިގިރޭސި ނަމާއި، ގުޅޭގޮތުން މަހުގެ ކުލައަށް ވިސްނާ ވައިލެޓް ދަންބޮޑު ކިޔާ މިމަހަށް ނަންދީފައިވަނީ އެވެ. މިއީ ދިވެހިން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ އައްޔަށް ތިލަވާ މަހެކެވެ. މިއީ މިއާއިލާގެ އެހެން މަސްތަކެކޭ އެއްފަދައިގެން ދުވާލުގެ ވަގުތުތަކުގައި ގާތަކުގެ ނިވަލުގައި އުޅެފައި ރޭވުމުން ބޭރަށް ނިކުމެ އުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 12 އާއި 14 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓި މީޓަރަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނި 18 ސެންޓި މީޓަރެވެ. މަހުގެ ކުލައަކީ ރިހި ވައިލެޓް ކުލައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނި މަޑު ރަތްކުލައެއްގައެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކޮޅާއި، ބުރަކަށިމަތީ މަޑު ކޮތަރިބައިގެ ކޮޅު ހުންނަނީ ރަތްކުލަ އެއްގައެވެ. އަދިމިދެކޮތަރިބައިގެ ކުރީކޮޅު ހުންނަނީ ހުދުކޮށެވެ.