ވަށްބޯ މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ވަށްބޯ މިޔަރު

ވަށްބޯ މިޔަރު (ސައިންޓިފިކް ނަން: Carcharhinus amblyrhynchos)ނުވަތަ (އިނގިރޭސި ބަހުން: Gray reef shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އެކަހެރިކޮށްނާއި، ބައިބަޔަށް އުޅޭތަން ފެނެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ބޮލުގެ ކޮޅު ހުންނަނީ ވަރަށް ވަށްކޮށެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވާކަމަށް ވަނީ 1.9 މީޓަރަށެވެ.

ވަށްބޯ މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލަ އެވެ. މިޔަރުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ވަށްބޯ މިޔަރު ކައިއުޅެނީ ފަރުމަހުގެ ބާވަތްތަކާއި، ބޯވައެވެ.

ވަށްބޯ މިޔަރު އަކީ ދިވެހިންނާއި، ބިދޭސީން ވައިފުޅި އަޅައިގެން ފަރުފަޅުތަކުގެ ބޭރަށްއެރި މިޔަރަށް ކާންދޭއިރު އެންމެ ގިނައިން އައިސްއުޅޭ މިޔަރެވެ. މިބާވަތުގެ މިޔަރަށް ކާންދޭން މާލެއަތޮޅު ދެކުނު ތިލަފަޅު، ގާތުފަޅު، ރަސްފަޅު، އަދި ފިނޮޅު ކަންދޮށަށް ވަރަށް ގިނައިން ޑައިވަރުން ގޮސްއުޅެއެވެ. ވަރަށް އޮޅުކޮށްގެން ވަށްބޯ މިޔަރަށް ކާންދީ އުޅޭކަމަށް ވެއެވެ. ނަމަވެސް މިބާވަތުގެ މިޔަރު ބައެއް ފަހަރު ޑައިވަރުންނަށް ވަރަށް ނުރައްކާތެރި ހަމަލާތައް ދީހަދާކަމަށް ވެއެވެ. އަދި ރުޅިގަދަވެގެން ހަމަލާދޭން އުޅޭއިރު ވަރަށްބާރަށް އެކިކޮޅުކޮޅަށް ދުވެހަދާކަމަށްވެއެވެ. ރާއްޖޭގައި ވެސް މިބާވަތުގެ މިޔަރު ޑައިވަރުންނަށް ކުދި ޙަމަލާތައް ދީފައި އެބަހުއްޓެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]