Jump to content

ވަށްބޯ ހަނދި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ވަށްބޯ ހަނދި

ވަށްބޯ ހަނދި(ސައިންޓިފިކް ނަން: Carangoides coeruleopinnatus)ނުވަތަ (އިނގިރޭސި ބަހުން: Coastal trevally) އަކީ ވަރަށް ފަތިކޮށް ކުކުޅު ބިސް ބުރަށް ހުންނަ މަހެކެވެ. މަހުގެ ބޮލުގެ މަތީބައި ހުންނަނީ ވަރަށް ބޮޑަށް ވަށްކޮށެވެ. އަނގައިގެ މަތީ ބައިގައްޔާއި، ތިރީބައިގައި ކުދިކުދި ދަތްތަކެއް ހުރެއެވެ. މަހުގެ ކަރުގެ ކުރީ ބުރުގައި 21 އާއި 25 އާއި ދެމެދުގެ އަދަދަކަށް ކަށި ހުރެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 20 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 16 އާއި 20 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓި މީޓަރަށެވެ. މިބާވަތުގެ ޅަމަހުގެ ބުރަކަށިމަތީގެ ދެވަނަ ކޮަތަރިބައިގެ ކުރީކޮޅުގައި ނަރުވައެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ބުޑުން ފެށިގެން ކަރުތާ ފަތާ ދެމެދުގެ ތިރިން ބަނޑުދަށް ފަރާތުގައި ހުޅުނބެއް ހުރެއެވެ. ވަށްބޯ ހަނދީގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ މަތީބަޔަށްވުރެ ތިރީބައިގެ ކުލަ ފަނޑުވާނެއެވެ. މަހުގެ އަރިމަތީގައި ކުދިކުދި ރީނދޫ ކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ކަރުތާ ފަތުގެ މަތީ ކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ކަންފަތް ހުންނަނީ ފަނޑު ރީނދޫ ކުލައެއްގައެވެ. މަހުގެ މަތީ ދެވަނަ ކޮތަރިބަޔާ ތިރީ ކޮތަރިބަޔާ، ނިގޫފަތުގެ ކައިރިފަށް ހުންނަނީ ގަދަ އަޅިކުލައެއްގައެވެ. ވަށްބޯ ހަނދި އާންމުކޮށް އުޅެނީ ފަރުތަކުގެ ބޭރުން ފުނުގައެވެ. ނަމަވެސް މަދުމަދުން ތިލަ ހިސާބުތަކުން ވެސް ފެނެއެވެ. މިއީ ފަރުކެޔޮޅުކަމުގައި ބޭނޭ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.