އޯޓިޒަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމް އަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު ގޮެތެއްގައި އޯޓިސްޓިކް ކުދިންގެ ކިބައިން އޯޓިޒަމް އާއި ގުޅިގެން ކުރިމަތިވާ ކަންތައްތައް އެކުއްޖާގެ އުމުރުން 3 އަހަރު ތާގައި ފެންނަށް ފަށާނެއެވެ.

އޯޓިޒަމް އަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްގީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް އުފެއްދުމުގެ ހުނަރުތައް ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން މަދުނޫން އަދަދަކަށް ކުޑަކުދިންނަށް ރާއްޖޭގައި ވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް މައިން ބަފައިންނަށް މިއީ ކޮންކަމެއްކަން ނޭނގި ތަފާތު ފަރުވާ ތަކުގައި ކުއްޖާގެ އުމުރުން ދުވަސްތަކެއް ނަގާލައެވެ.

އޯޓިޒަމް އަންހެން ކުދިންނަށްވުރެ ގިނައިން ޖެހެނީ ފިރިހެންކުދިންނަށްކަން ފާހަގަ ކުރެވެއެވެ. އަދި މިނިސްބަތް ފިރިހެންކުދިންނަށް 3 ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކޮންމެ 10،000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޖަޕާންގައި މިބަލި މާގިނަކަމަށް ދިރާސާތަކުން ދައްކައެވެ. މިބައްޔާއި އެއްވައްތަރު އަލާމާތްތައް ސިކުނޑީގެ ބައެއް ބަލިތަކުން ފެންނާތީ ބައެއް ފަހަރު މިބަލި ދެނެގަންނަށް އުދަގޫވެ ދުވަސްކޮޅެއް ނަގައެވެ.

== އޯޓިސްޓިކް ކުދިން ދެނެގަންނާނޭގޮތް ==ކުދިންނާއެކު ކުޅެ މަޖާކުރަން

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

އޯޓިޒަމްގެ އަލާމާތްތައް ފާހަގަކުރެވެން ފަށަނީ ކުއްޖާގެ އުމުރުން 2 ވަނަ އަހަރު ނުވަތަ 3 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބައެއް ކުދިން ތުއްތު އިރު ވެސް އެކަހަލަ ބައެއް އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ. އަދި ކުއްޖާގެ އުމުރުން އެންމެ ކުޑައިރު އެހެން ކުދިންނެކޭ އެއްފަދައިން ބޮޑުވަމުން އައިސް، އުމުރުން 24 މަސް ވުމުން ސިކުނޑިއާއި އަދި އެހެނިހެން ހުނަރުތައް ތަރައްގީވުން ހުއްޓިދެއެވެ. މައިންބަފައިންނަށް މިކަން ފާހަގަ ކުރެވޭނީ އެހާ ހިސާބުންނެވެ. އޯޓިޒަމް ޖެހިފައިވާ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • އެއްއަހަރު ވާއިރުވެސް ނަމުން ގޮވާލުމުން ބަލާނުލުން
  • އުމުރުން 14 މަސް ފުރިދިޔައިރުވެސް ސަމާލުކަން ދީގެން ވަކިއެއްޗަކަށް އިގިލިދިއްކޮށް ނެހެދުން
  • އުމުރުން 18 މަސް ފުރިދިޔައިރު ވެސް ކުޑަކުދިންކުޅޭ ބަތްކައްކާ، ބުދުފެންވަރުވާ ކާންދިނުން ފަދަ ގޭމްތައް ނުކުޅުން
  • އެހެންމީހެއްގެ މޫނަށް ބަލައި ކަޅިއާއިކަޅި ހަމަނުކުރުން ( ހަތަރުކަޅި ހަމަނުކުރުން )
  • އެކަނި ތަނެއްގައި އިނުމަށް ލޯބިކުރުން
  • އެހެންމީހުންގެ އިހްސާސްތައް ދެނެގަތުމަށް ނުކުޅެދުން އަދި އަމިއްލައިހްސާސްތަކާއި ބެހޭގޮތުން ވާހަކަ ނުދެއްކުން
  • ވާހަކަ ދައްކަން ފަށާ އުމުރު މަތިވުން އަދި ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުން
  • އެއްބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔަމުން ގެންދިއުން
  • ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން
  • ކުދިކުދި ކަންތައްތަކުން އަވަހަށް ރުޅި އައިސް ޖަވާބުދިނުން
  • އަތްތިލަ ބަޑި ޖެހުމާއި ހަށިގަނޑު އެކިގޮތްގޮތަށް ހަރަކާތްކުރުން
  • އިވޭ އަޑުތަކަށް، ދުވާވަހަަށް، ފެންނަ ތަކެއްޗާއި މެދު ފާޅުކުރާ ޝުއޫރު އާދައިގެ މީހުންނާއި ތަފާތުވުން

ފަރުވާ[އުނިއިތުރު ގެންނަވާ]

އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ދިރާސާތަކުން ސާބިތުވާ ގޮތުގައި ކުއްޖާގެ އުމުރުން ހަނގުއިރު މިކަން ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރެވެއެވެ. އަދި އެކުދިންނަކީ އެހެން މީހުންގެ އެހީތެރިކަމާނުލައި އެކަނި އުޅެވޭވަރުގެ ކުދިންތަކަކަށް މިޕްރޮގްރާމްގެ ދަށުން ދެވޭ ތަމްރީން ތަކެއްގެ ސަބަބުން ބަދަލު ކޮށްލައެވެ. މާނައަކީ އެކުދިންނަށް ވާހަކަ ދައްކަން ދަސްކޮށްދިނުމާއި، ސަމާލުކަން ދޭން ދަސްކޮށްދިނުމާއި، އަދި ދިރިއުޅުމުގެ ބައެއް ހުނަރުތައް ދަސްކޮށްދެވެއެވެ.

އޯޓިޒަމްގެ މެދުވެރިވާ ސަބަބު[އުނިއިތުރު ގެންނަވާ]

ޒަމާންތަކެއް ކުރިން އޯޓިޒަމް އަކީ މައިންބަފައިންގެ އިހުމާލުން ދިމާވާ ކަމެއްކަމަށް ބެލުނެވެ. މައިންބަފައިން ކުއްޖާ ބޭނުންނުވުމާއި ކުއްޖާއާއި މެދު އިހްމާލުކޮށްލުމަކީ އެކުދިންގެ ސިކުނޑިއަށް ލިބޭ ޝޮކަކަށްވެ، ވާހަކަ ދެއްކުމާއި އެހެން ހުނަރުތައް ތަރައްގީ ނުވުމުގެ ސިއްރަކީ މައިންބަފައިން ކަމުގައި ބެލެވުނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި އެފަދަ ކަންތައްތަކެއް އޯޓިޒަމް މެދުވެރިވުމުގައެއް ނުހިމެނެއެވެ. އޯޓިޒަމްގެ ހަގީގީ ސަބަބުތައް އަދިވެސް ވަނީ ދިރާސާ މަރުހަލާގައެވެ. އޯޓިޒަމް އަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައި ވެއެވެ.

  • އޯޓިޒަމް އަކީ ވާރުތަވަމުން އަންނަ ޖީން އަކުން ދިމާވާ ކަމެއްކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި މިހެން ދިމާނުވެވެސް ދެއެވެ.
  • ބަލިވެ އިންނަ ދުވަސްވަރު ބައެއް ވައްތަރުގެ ބޭސް ބޭނުންކުރުމަކީ މިފަދަ ކަމެއް ދިމާވެދާނެ ކަމެކެވެ.
  • ދިރާސާކުރާ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ތުއްތު ކުދިންނަށް ދެވޭ ވެކްސިން ތަކުގެ ތެރޭގައި ވެސް އޯޓިޒަމް ޖެހުމުގެ ރިސްކު އޮތް ވެކްސިނެއް ވެއެވެ. އެއީ އެމްއެމްއާރު ވެކްސިން އެވެ. ނަމަވެސް މިހާތަނަށް ހަދާފައިވާ އެއްވެސް ދިރާސާ އަކުން މިކަން ސާބިތު ކުރެވިފައެއް ނެތެވެ.