އޮއިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ނަރުވާ ހަނދި

އޮއިމަސް(ސައިންޓިފިކް ނަން: Psenes cyanophrys)ނުވަތަ (އިނގިރޭސި ބަހުން: Freckled driftfish) އަކީ ކަނޑުތަކުގައި އުޅޭ މަހެކެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ އޮޔާދާ އޮއިވާލި އެތިގަނޑު ތަކުގެ ކައިރިންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މިއީ އިސްކޮޅުން ކުޑަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ. އަދި މިއީ ދިވެހި މަސްވެރިންނަށް އާދަވެގެން ފެންނަ މަހެއް ވެސް ނޫނެވެ.

އޮއިމަހުގެ ހަށިގަނޑު ހުންނަނީ ފަތިކޮށް ފުޅާކޮށެވެ. ތުނބާއި ބޯ ހުންނަނީ ކޮޅަށް ވައްކޮށެވެ. މަހުގެ ލޯ ކުޑައެވެ. އަނގައިގައި ހުންނަނީ އެއްބަރިއަށް ހުންނަ ކުދި ދަތްތަކެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 9 އާއި 11 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 23 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮަތަރިބައިގައި 3 ހަރުކައްޓާއެކު 23 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ކަންފަތާއި ނިގޫފަތް ހުންނަނީ ފަނޑު ރީނދޫ ކުލައެއްގައެވެ. މުޅި މަހުގައި ރިހި ވިދުން ކުލައެއް ހުރެއެވެ.

ދިވެހި މަސްވެރިން މިމަހަށް ކިޔާ އުޅޭ ވަކި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭ ގޮތުން މަހުގެ އުޅުމަށް ވިސްނާ އޮއިމަސް ކިޔާ ނަންދީފައިވަނީ އެވެ. މިމަހަށް މަލިކު މީހުން ކިޔާއުޅެނީ ފިޔަލަ ދަރި އެވެ. އެމީހުން މިނަން ކިޔަނީ މަހުގެ ސިފަޔަށް ވިސްނާ އެމަހުގެ ބޯ ފިޔަލައިގެ ބޮލާ ވައްތަރު ކަމެއް ހުންނާތީ ކަމަށް ފެނެއެވެ.