އެފްރިކާ ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އެފްރިކާ ފާނަ

އެފްރިކާ ފާނަ(ސައިންޓިފިކް ނަން: Liopropoma africanum)ނުވަތަ (އިނގިރޭސި ބަހުން: African basslet) އަކީ ވަރަށް އިސްކޮޅުން ކުޑަ ފާނަ އެކެވެ. މިފާނައަކީ ފަރު ބޭރުގައި ގުންޑޮޅި ދަށުގަޔާއި، ގައުގަލުގެ ހޮހަޅަތަކުގައި ދިރިއުޅޭ މަހެކެވެ. ދިރިއުޅޭ ކަމަށް ބެލެވިފައިވަނީ 8-48 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ނަނު ފައްތައިގެން ބޭނޭ ވަރަށްވުރެ މާކުޑަ މަހެކެވެ. މިބާވަތުގެ ފާނަ އެންމެ ބޮޑުވާކަމަށް ބެލެވިފައިވަނީ ގާތްގަނޑަކަށް 8 ސމ އަށެވެ. ވުމާއެކު މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. އަދި ފަރުފަޅަށްއެރި ފީނާހަދާ މީހުންނަށްވެސް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ.

މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު އެމެއްކަމުގައިވާ ބޯއްޖާއި ވަރަށް އެއްސިފައެއްގައި ހުންނަ ކުޑަމަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 8 ހަރުކައްޓާއި، 12 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 3 މަޑުކަށި ހުރެއެވެ. ނިގޫފަތުގެ މައްޗާއި ތިރި ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މިމަސް އެލްކޮހޯލް ނުވަތަ ފޯރމަލީން އަށް ލާފައި ހުންނައިރު ހުންނަނީ ފަޑު މުށިކުލައެއްގައެވެ. އަދި މަހުގެ އަރިމަތީގައި މުށި ކުލައިގެ ފުޅާ ތިން ރޮނގު މަހުގެ ދިގަށް ހުރެއެވެ.

މިމަސް ތާޒާކޮށް ހުންނައިރު ހުންނަނީ ރަތް މުށިކުލައެއްގައެވެ. އަދި މަހުގައި ހުންނަ ދިގު ރޮނގުތައް ވެސް ހުންނަނީ ގަދަ މުށިކުލައިގައެވެ. އަދި ދެދޮރުދޭތެރެ ހުންނަނީ ހުދުކުލައެއްގައެވެ. މަހުގެ ބޮލުގައި ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކޮތަރިބައިގެ ދެކަށި ދޭތެރޭގައި ހުންނަ ދުލިފަށުގެ ކުލައަކީ ރީނދޫ ކުލައެވެ.

މިއީ ދިވެހި މަސްވެރިންނަށް އަދި ކަނޑުފަޅު ފީނާ މީހުންނަށް ވަރަށް ނުފެންނަ މަހެއްކަމުން މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް އަދި ނެތެވެ. ވީމާ މިމަހުގެ ސައިންޓިފިކް ނަމަށް ބަލާ، މިއީ ފުރަތަމައަށް އެފްރިކާގެ ގޮނޑުދޮށް ތަކުން ފެނިފައިވާ މަހެއްކަމަށްވާތީ މިމަހަށް އެފްރިކާ ފާނަ ކިޔައި ނަންދީފައި ވަނީ އެވެ.