އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ( މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ) ގެ ސެންތްރަލް އޭރިއާއަކީ ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދިނުމަށް ޤާއިމުކޮށްފައިވާ ހަތަރު އޭރިއާ ކޮމާންޑްގެ ތެރެއިން މެދު ރާއްޖެތެރޭގައި އޮންނަ އޭރިއާ ކޮމާންޑެވެ. މި އޭރިއާ ކޮމާންޑް އުފެދުނީ 2009 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހުއެވެ. ސެންތްރަލް އޭރިއާ ރަސްމީކޮށް އިފްތިތާޙް ކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް އަލްފާޟިލް މުޙައްމަދު ނަޝީދެވެ.

ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓާޒް ފުރަތަމަ ޤާއިމު ކުރެއްވީ ކ. އަތޮޅު ހުޅުލޭގައެވެ. އެހެންނަމަވެސް މިހާރު އެ ހެޑްކްއޯޓާރޒް ހިންގަމުންދަނީ ލ. ކައްދޫގައެވެ. ލ. ކައްދޫއަށް ހެޑްކްއޯޓާރޒް ބައްދަލުކުރެއްވީ 2011 ސެޕްޓެމްބަރ 22 ވަނަ ދުވަހުއެވެ. އެރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ޤާއިމުކުރެވިފައިވަނީ ހެޑްކްއޯޓާރޒްގެ އިތުރުން 2 ޕޯސްޓެކެވެ. އެއީ ހުޅުލޭ ޕޯސްޓާއި، ލ. ކަޅައިދޫ ޕޯސްޓެވެ. ހުޅުލެއިން ކައްދޫއަށް ހެޑްކްއޯޓާރޒް ބަދަލުވުމާއިގުޅިގެން ހުޅުލޭ ޕޯސްޓް މާލޭ އޭރިއާއަށް ބަދަލުކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ކުރިއަށް އޮތް ތަނުގައި ދ. ކުޑަހުވަދޫ ގަޔާއި މ. އަތޮޅުގައި ސެންޓްރަލް އޭރިއާގެ ޕޯސްޓެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. ދ. ކުޑަހުވަދޫގައި ހުރި ފަޔަރ ސްޓޭޝަން ބިލްޑިންގ އެމްއެންޑީއެފް އާ ހަވާލުކުރުމަށްވަނީ ހޯމް މިނިސްޓްރީން ނިންމަވާފައެވެ.

ކަޅައިދޫ ޕޯސްޓް ހުޅުވުނީ 2011 ނޮވެމްބަރ 3 ވަނަ ދުވަހުއެވެ. އެޕޯސްޓް ހުޅުވައިދެއްވީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

ސެންޓްރަލް އޭރިއާގައި ޖުމުލަ 5 އަތޮޅު ހިމެނެއެވެ. އެއީ މ. އަތޮޅު (މުލަކު އަތޮޅު)، ފ. އަތޮޅު (ނިލަންދެއަތޮޅު އުތުރުބުރި)، ދ. އަތޮޅު ( ނިލަންދެ އަތޮޅު ދެކުނުބުރި)، ތ. އަތޮޅު (ކޮޅުމަޑުލު) އަދި ލ. އަތޮޅު (ހައްދުންމަތި) އެވެ. މި ފަސް އަތޮޅުގެ ތެރެއިން މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅު ނިސްބަތްވަނީ ރާއްޖޭގެ މެދު ސަރަޙައްދު ނުވަތަ ސެންޓްރަލް ޕްރޮވިންސް އަށެވެ. ތ. އަތޮޅާއި ލ. އަތޮޅު ނިސްބަތްވަނީ ރާއްޖޭގެ މެދު ދެކުނު ސަރަޙައްދު ނުވަތަ ސައުތު ސެންޓްރަލް ޕްރޮވިންސް އަށެވެ.

ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރަކީ ލެފްޓިނަންޓް ކާނަލް ޙުސައިން އިބްރާހިމްވެ. ސީނިއަރ އެންލިސްޓެޑް ލީޑަރަކީ ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.


ސެންޓްރަލް އޭރިއާ އުފެދުނު އިރު ކޮމާންޑަރަކަށް ހަމަޖެއްސެވީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. އެއަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝިޔާމްއަށް ކޮމާންޑަރުކަން ދެއްވިއެވެ. އެމަނިކުފާނު ކޯހެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން އެކްޓިންގ ކޮމާންޑަރެއްގެ ގޮތުގައި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނިލާމް ހަމަޖެއްސެވިއެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުކަން ދެއްވީ 2011 ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ.

އަހަރީ ދުވަސް[އުނިއިތުރު ގެންނަވާ]

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އަހަރީ ދުވަހަކީ ނޮވެންބަރުމެހުގެ 25 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އާރުއެޗްކިޔު ލ. ކައްދޫ އިފްތިތާހުކުރެވުނު ދުވަސްކަމުގައިވާ 1993 ނޮވެންބަރު 25 ވަނަ ދުވަހަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ގުޅޭ ތާރީޚު[އުނިއިތުރު ގެންނަވާ]

1. 25 ނޮވެންބަރު 1993: ރީޖަނަލް ހެޑްކްއޯޓަރޒް – ލ. ކައްދޫ ހުޅުވި

2. 22 ސެޕްޓެންބަރު 2011: އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ކ. ހުޅުލެއިން ލ. ކައްދޫއަށް ބަދަލުކުރެވުނު.

3. 25 ޖުލައި 2009: އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިފްތިތާޙުކޮށްދެއްވި.