އެމްއެންޑީއެފް މެޑިކަލް ކޯރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހި އަސްކަރިްއްޔާގައި މެޑިކަލް ކޯރ މި ނަމުގައި ސަރވިސްއެއް އުފެއްދެއްވީ 2019 ވަނަ އަހަރުގެ ސިފައިންގެ ދުވަހު ނެރެވުނު އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންނާއި އެމްއެންޑީއެފްގެ އައު ފޯސް ސްޓްރަކްޗަރގެ ދަށުން 11 ޖުލައި 2019 ގައެވެ. އެމްއެންޑީއެފްގެ މެޑިކަލް ކޯރ އުފެއްދެވުމާއެކު އެމްއެންޑީއެފްގެ ސާޖަން ޖެނެރަލްގެ މަޤާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.


ސިފައިންގެ ޞިއްޙީ ޚިދުމަތުގެ ތާރީޚު (ކުރުކޮށް)[އުނިއިތުރު ގެންނަވާ]

21 އެޕްރީލް 1892: މިއީ، ދިވެހި އަސްކަރިއްޔާ "ސިފައިން" މި ނަމުގައި އުފެއްދެވި ދުވަހެވެ. އެ ދުވަހު މަގުމަތީގައި ސިފައިންގެ ހެވިކަން ދައްކާލަމުން ދަނިކޮށް މީހަކު އަލިފާން ބުރުވުމުގެ ސަބަބުން ސިފައިންގެ މީހެއް ކަމުގައިވާ ރޯނުގޭ އިބްރާހީމް ދީދީ ފިހުނެވެ. އެކަމަށް ރަދުން، އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ސީދާ ބެއްލެވުމުގެ ދަށުން ދައުލަތުން ބޭސްފަރުވާ ކޮށްދެއްވިއެވެ. އެހެންކަމުން ސިފައިންނަށް ދައުލަތުން ބޭސްފަރުވާ ބޭސް ފަރުވާކޮށްދިނުމުގެ ޚިދުމަތަކީ ސިފައިން އުފެދުނު ދުވަހުން ފެށިގެން ދެވޭ ޚިދުމަތެކޭ ދެންނެވިދާނެއެވެ. ރޯނުގޭ އިބްރާހީމް ދީދީއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ އަވަހާރަވެފައެވެ.

22 އެޕްރީލް 1959: "ބަލިމީހުންނަށް އެހީވާ ސަރުދާރު" ގެ މަޤާމަށް ސަރުދާރު ބީފާނު ތުއްތު ހަމަޖެއްސެވިއެވެ. މިއީ ސިފައިންގެ އިސް ބޭކަލެއްގެ ސީދާ ބެއްލެވުމުގެ ދަށުން ސިފައިންގެ ބޭސްފަރުވާގެ ކަންތައްތައް ބެލެހެއްޓިގެން ކުރަން ފެށިފެށުމެވެ.

11 ޖުލައި 1979: ދިވެހި އަސްކަރިއްޔާގެ ހެޑުކުއާޓަރުގައި "އެންއެސްއެސް ބޭހާބެހޭ ބައި" އުފެއްދެވިއެވެ. ނޭޝަނަލް ސެކިޔުރިޓީ ސަރވިސް (އެންއެސްއެސް) ގެ ދުވަސްވަރު ހެޑުކުއާޓަރުގެ ސެކްޝަނެއްގެ ގޮތުގައި އުފެއްދެވި މި ކުޑަކުޑަ ސެކްޝަނަކީ ސިފައިންގެ ބޭސްފަރުވާގެ އިދާރީ ކަންތައް ބެލެހެއްޓުމަށް ޚާއްޞަ ވަކި ތަނެއް ހުރެގެން، އެކަމަށް ވަކި ބަޔަކު ތިބެގެން ޔުނިޓެއްގެ ސިފައިގައި ހިންގާންފެށި ފެށުމެވެ.

11 ޖުލައި 1992: "އެންއެސްއެސް މެޑިކަލް ސަރވިސް"ގެ ނަމުގައި މޭނާ ބިލްޑިންގގައި ޚިދުމަތްދޭންފެށިއެވެ. ވަރަށް އާދައިގެ ބައެއް ޚިދުމަތްތަކާއެކު ފެށިގެން ދިޔަ އެންއެސްއެސް މެޑިކަލް ސަރވިސްއަކީ ސިފައިންގައި މެޑިކަލް ކްލިނިކެއްގެ ގޮތުގައި އެންމެ ފުރަތަމަ ޚިދުމަތްދޭން ފެށިފެށުމެވެ.

22 ޑިސެންބަރު 1996: އެންއެސްއެސް މެޑިކަލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އޯޑިއޯނަށް ބަދަލުކުރެއްވިއެވެ. އޯޑިއޯނުގައި މެޑިކަލް ސަރވިސްގެ ޚިދުމަތް ފެށުމާއެކު ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ވެސް ފަސޭހަކަމާއެކު ޑޮކްޓަރަށް ދައްކައި ބޭސްނެގޭނެ އިންތިޒާމުތައް ވެސް ހަމަޖެހުނެވެ. އަދި ބޭސް ފިހާރައެއްގެ ޚިދުމަތް ވެސް އޯޑިއޯނުގައި ދިނެވެ.

22 އެޕްރީލް 2010: އެމްއެންޑީއެފް މެޑިކަލް ސަރވިސް ދިވެހިރާއްޖޭގެ އަޑު ކުރިން ހިންގި ބާ ޢިމާރާތަށް ބަދަލުކުރެވުނެވެ. މި ބަދަލާ ގުޅިގެން ޚިދުމަތްތައް އިތުރުކުރެވުނެވެ.

16 ސެޕްޓެންބަރު 2012: ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ޞިއްޙީ ޚިދުމަތްދިނުމަށް "ސެނަހިޔަ" ހުޅުވުނެވެ. ދިވެހިރާއްޖޭގެ އަޑުގެ ބާޢިމާރާތުގައި ފެންވަރު ރަނގަޅު ކުލިނިކެއްގެ ގޮތުގައި ސެނަހިޔަ ހުޅުވިގެން ދިއުމާއެކު ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް މެޑިކަލް ސަރވިސްއިން ދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ސެނަހިޔައިން ދޭ ޚިދުމަތްތަކެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި ފަހުން ސެނަހިޔައަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ޚިދުމަތް ހޯދޭނެ ތަނެއްކަމުގައި ހަމަޖެއްސެވިއެވެ.

11 ޖުލައި 2019: އެމްއެންޑީއެފް މެޑިކަލް ކޯރ އުފެއްދެވިއެވެ. 2019 ވަނަ އަހަރުގެ ސިފައިންގެ ދުވަހު ނެރެވުނު އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންނާއި އެމްއެންޑީއެފްގެ އައު ފޯސް ސްޓްރަކްޗަރގެ ދަށުން ސިފައިންގެ މައިގަނޑު ސަރވިސްއެއްގެ ގޮތުގައި މެޑިކަލް ކޯރ އުފެއްދެވިއެވެ.

04 ސެޕްޓެންބަރު 2019: ޖެނެރަލް ހޮސްޕިޓަލެއްގެ ގޮތުގައި ސެނަހިޔަ ރަޖިސްޓްރީ ކުރުމާ ގުޅިގެން ސެނަހިޔަގެ ނަން "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" މި ނަމަށް ރަސްމީކޮށް ބަދަލުކުރެއްވިއެވެ.

24 ނޮވެންބަރު 2019: ޖެނެރަލް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށް ރަޖިސްޓްރީ ކުރެވިގެން ދިއުމާއެކު "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" މި ނަމުގައި ހުޅުވައި ޚިދުމަތް ދޭންފެށުނެވެ.

15 ޑިސެންބަރު 2020: "ސެނަހިޔަ ނޮދަން" ހުޅުވުނެވެ. މިއީ ސެނެހިޔާގެ ގޮއްޕެއްގެ ގޮތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑެއްގައި ނުވަތަ މާލެއިން ބޭރުގައި ސެނަހިޔަގެ ގޮއްޕެއް ހުޅުވުނު ފުރަތަމަ ފަހަރެވެ.