އެމްނިއޯ ސިންޓެސިސް އަދި ކޮރިއޮނިކް ވިލަސްގެ ސާމްޕަލް ހެދުން
ފެށުން
[އުނިއިތުރު ގެންނަވާ]ދުޅަހެޔޮގޮތެއްގައި ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ހޭދަކުރާއިރު އަނެއްބަޔަކު އެދުވަސްތައް ހޭދަ ކުރަނީ ސިއްހަތަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ. ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި އުފެދުމުގައި ނުވަތަ އުފަންވާއިރު ޢައިބެއް (Birth defects) ހުރެދާނެތީ ކަންބޮޑުވެއެވެ. ބައެއް އަންހެނުންނަށް ލިބޭ ދަރިން އުފަންވާއިރު ޢައިބުހުރުމުގެ ފުރުސަތު އަނެއްބަޔަކަށް ވުރެ ބޮޑެވެ. ވިހެއުމުގެ ކުރިން މިގޮތަށް ދަރިފުޅުގެ ހަށިގަނޑުގައި އުފެދޭ ހުރިހާ ޢައިބުތަކެއް ނުހޯދުނުކަމުގައި ވިޔަސް ބައެއް ޓެސްޓް ތަކުގެ އެހީގައި ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފެދިފައި ހުރި ޢައިބު ދެނެގަނެވެއެވެ. މިފަދަ ޢައިބުތައް ހުރިތޯބެލުމަށް ހެދޭ މައިގަނޑު ދެޓެސްޓެއް ހެދެއެވެ. އެއީ އެމްނިއޯސެންޓެސިސް(Amniocentesis)އާއި، ކޮރިއޮނިކް ވިލަސް ސާމްޕްލިންގ (Chorionic villus sampling)އެވެ.
ވިރާސީގޮތުން ކުރިމަތިވާ ބައެއް މައްސަލަތައް ދެނެގަތުމަށް އަމްނިއޯން ދިޔަ(Amniotic fluid) ޓެސްޓް ނުވަތަ ތަޙްލީލުކުރެވެއެވެ. އަމްނިއޯން ދިޔަ އަކީ ބަނޑުގައިވާ ކުޑަދަރިފުޅު(Fetus)އާއި، މަސް(Placenta) އުފެދުމުގައި ބައިވެރިވާ ކޮރިއޮނިކް ވިލަސް(Chorionic villus)ގެ ނުވަތަ މަހުގެ ވަށައިގެން ހުންނަ ފެނެކެވެ. ކުރިން ބަޔާންކުރެވުނު ދެގޮތަށް ޓެސްޓްކުރުމަށްޓަކައި އަމްނިއޯން ދިޔަ ނެގެއެވެ.
އެމްނިއޯސެންޓެސިސްއާއި، ކޮރިއޮނިކް ވިލަސް ސާމްޕްލިންގގެ އެހީގައި ބަނޑުގައިވާ ކުޑަދަރިފުޅުގެ ޖިންސް ދެނެގަނެވެއެވެ. މީގެ އިތުރުން ބައެއް ވިރާސީ ސިފަތައް ވެސް ދެނެގަނެވިދާނެއެވެ. މިގޮތުން ވިހެއުމުގެ ކުރިން ދެނެގަނެވިދާނެ ވިރާސީގޮތުން ކުރިމަތިވާ ބަލިތަކުގެ ތެރޭގައި ޑޯން ސިންޑްރޯމް(Down’s syndrome)އާއި، ސިސްޓިކް ފައިބްރޯސިސް(Cystic fibrosis)އާއި،ޓޭސެޗްސް ބަލި(Tay-sachs disease)އާއި، ސިކްލް ސެލް ބަލި(Sickle cell disease)ހިމެނެއެވެ.
ޓެސްޓް ހަދަން ޖެހެނީ ކޮންބަޔެއް ؟
[އުނިއިތުރު ގެންނަވާ]މާބަނޑުވުމަށް ފަހު ޑޮކްޓަރަށް ދައްކާއިރު ވިރާސީގޮތުން ނުރައްކަލެއް އެމީހަކާ ކުރިމަތިވެދާނޭކަމަށް ހީވާނަމަ އެކަމެއް ތިމާގެ ކަންތައްތައް ބަލަހައްޓާ ޑޮކްޓަރަކު ބުނެދޭނެއެވެ. އަދި އެކަން ޔަގީންކުރުމަށް ހެދިދާނެ ޓެސްޓްތައް ވެސް ބުނެދޭނެއެވެ. ބަލިވެއިންނަ ކޮންމެ ފަހަރަކު އެކިއެކި ނުރައްކާތަކާއި ކުރިމަތިވުމަކީ ވެދާނެކަމެކެވެ. އިސްވެ ބަޔާންކުރެވުނު ދެޓެސްޓް އަންނަނިވި ހާލަތްތަކުގައި ހަދަން ޖެހެއެވެ.
(ހ) 35އަހަރު ނުވަތަ އެއަށްވުރެ ފަހުން ބަލިވެ އިންނަ މީހުން އުމުރުން ދުވަސްވާވަރަށް އަންހެނުންނަށް ލިބޭދަރިންނަށް ޑޯން ސިންޑްރޯމް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތުބޮޑެވެ. (ށ) ކުރިން އުފެދުމުގައި ޢައިބުހުރި ކުއްޖަކު ލިބިފައިވުން ނުވަތަ ޢާއިލާގައި ވާރުތަކުރާ ބައްޔެއް ހުރުން (ނ) ބަލިވެއިނުމަށްފަހު ވާރުތަކުރާ ބައްޔެއް ހުރިތޯ ބެލުމަށް ހެދި އެހެން ޓެސްޓެއްގެ ނަތީޖާ ހުންނަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ދެއްކުން
މިގޮތަށް ހެދޭ ޓެސްޓްތަކުގެ ނަތީޖާ ރަގަޅުކަމަށް ދެއްކުމުގެ މާނައަކީ ލިބޭދަރިފުޅުގެ ހަށިގަނޑު އާދައިގެ ގޮތެއްގައި ހުރުމެއް ނޫނެވެ. އެހެނީ އުފަންވުމުގައި ޢައިބުތައް މެދުވެރިކުރުވާ ހުރިހާ ސަބަބުތަކެއް އަދި ހޯދިފައެއް ނުވެއެވެ. ފުރަތަމަ ކަމަކީ ކުއްޖާގެ ހަށިގަނޑު ހުރިނެތްގޮތް ބެލުމަށް ހެދޭ ކޮންމެ ޓެސްޓަކީ ވެސް ވަކިކަމެއް ހުރިތޯނެތްތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. އެހެން ކަމުން ޓެސްޓެއް ހަދާއިރު އެޓެސްޓަކުން ދެނެނުގަނެވޭނެ ކަމެއް ކުޑަދަރިފުޅުގެ ހަށިގަނޑުގައި އަށަގެންފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދެވަނަ ކަމަކީ ބައެއް މައްސަލަތައް ދެނެގަންނާނެ ގޮތްތައް އަދި ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއްވެސް ޓެސްޓަކީ ވަކިކަމެއް ހުރިކަން ނުވަތަ ނެތްކަން %100އިންސައްތަ ޔަގީންކޮށްދޭނޭ ޓެސްޓެއް ނޫނެވެ.
އެމްނިއޯސެންޓެސިސް(Amniocentesis)
[އުނިއިތުރު ގެންނަވާ]މިއީ އުފެދުމުގައި ޢައިބެއް ހުރިތޯބެލުމަށް ކުރެވޭ އެންމެ ޢާންމު އެއް ޓެސްޓެވެ. ޢާންމުކޮށް މިޓެސްޓް ހަދަނީ ބަލިވެއިނުމަށް ފަހު 18-15ވަނަ ހަފްތާއާއި ދޭތެރޭގައެވެ. މިޓެސްޓް ހެދެނީ ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުގައެވެ.މިޓެސްޓް ހެދުމަށްޓަކައި ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުގައި އެދުމަތި ކުރާކަން ނުޖެހެއެވެ.
ޓެސްޓް ހަދާގޮތް
[އުނިއިތުރު ގެންނަވާ]ކުޑަދަރިފުޅުގެ ވަށައިގެން ލެވިފައިވާ އެމްނިއޮޓިކް ސެކް(Amniotic sac)ނުވަތަ ފެން ކޮތަޅުގެ ތެރެއިން ތިނޯހެއް ބޭނުންކޮށްގެން އަމްނިއޯން ދިޔަ(Amniotic fluid)އިގެ ސާމްޕަލްއެއް ނެގެއެވެ. އަމްނިއޯން ދިޔައިގެ ތެރޭގައި ޓެސްޓްކުރުމަށް ބޭނުންކުރެވޭ ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތައް ހުރެއެވެ. މިސެލްތައް ކުޑަދަރިފުޅެކޭ އެއްފަދައިން ވިރާސީ ސިފަތައް އުފުލައެވެ.
ޓެސްޓްހެދުމަށްޓަކައި ބަނޑުހާމަކުރުމަށްފަހު މާބަނޑު އަންހެނާ އުއްޑުން ބާއްވައެވެ. އެންމެ ފުރަތަަމަ ތިނޯސް ވައްދަންވީ ދިމާ ހޯދުމަށްޓަކައި އަލްޓްރާ ސައުންޑް(Ultra sound)ގެ ބޭނުންކުރެވެއެވެ. އެއީ ތިނޯހުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި ބީހުނަ ނުދިނުމަށްޓަކައިއެވެ. އެއަށްފަހު ފަރުވާތެރިކަމާއިއެކު، ބަނޑާއި،ރަހިމުގެ ތެރެއިން ތިނޯސް ފެންކޮތަޅަށް ފޯރުވައެވެ. އައުންސްއެއް ހުންނަވަރުގެ ކުޑަފެން ނުވަތަ ދިޔަކޮޅެއް ނަގައެވެ. އެއްމާބަނޑު ދެކުދިން ބަނޑުގައި އޮތްނަމަ ކޮންމެ ފެންކޮތަޅަކުން ވަކިން ސާމްޕަލްއެއް ނުވަތަ ނަމޫނާއެއް ނަގައެވެ. ނެގުނު ދިޔައިގެ ބަދަލުގައި އެބައި ފޫބެއްދުމަށް ކުޑަދަރިފުޅުގެ ހަށިގަނޑުން އިތުރަށް އަމްނިއޯން ދިޔަ އުފައްދައެވެ.
ނެގިފައިވާ އަމްނިއޯން ދިޔައިގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ. އެއަށްފަހު ޚާއްޞަ ދިޔަ(Specific fluid)އެއް ގައި ދުވަސްކޮޅެއް ވަންދެން ބޮޑުކުުރުމަށް(Grow) ބަހައްޓައެވެ. ނާދިރު ހާލަތެއްގައި ނުވަތަ މަދު ފަހަރަކު މިގޮތަށް ބަހައްޓާ ސެލްތައް ބޮޑުނުވުމަކީ ވެދާނެކަމެކެވެ. މިހެން ދިމާވެއްޖެނަމަ އަލުން ޓެސްޓްހަދަން ޖެހެއެވެ.މީގެ މާނައަކީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް ހުރުމެއް ނޫނެވެ. އަމްނިއޯން ދިޔަ ބޭނުންކޮށްގެން ހަދާ މިޓެސްޓް ބިނާވެގެންވަނީ ޓެސްޓްކުރެވޭ މާބަނޑުއަންހެނާއާއި، އޭނާގެ ޢާއިލާގައި ވާރުތަކުރާ ބަލިތައް ހުރިނެތްގޮތެއްގެ މައްޗަށެވެ.
ނަތީޖާ
[އުނިއިތުރު ގެންނަވާ]ބަޔާންކުރެވުނު ގޮަތަށް ލެބޯޓަރީގައި ސެލްތައް ބޮޑުކުރުމަށް ފަހު ޓެސްޓް ހެދުމަށް 2ހަފްތާ ނަގައެވެ.
އުފެދުމުގައި ޢައިބެއް ހުރިތޯ ބެލުމަށް ސީދާ އަމްނިއޯން ދިޔަ ވެސް ބޭނުންކުރެވެއެވެ. މިގޮތުން އަމްނިއޯން ދިޔަ ބޭނުންކޮށްގެން ހެދޭ އެއް ޓެސްޓަކީ އަލްފާ ފީޓޯޕްރޮޓީން ޓެސްޓް(Alpha-fetoprotein test)އެވެ. އަލްފާ ފީޓޯޕްރޮޓީން އަކީ ބަނޑުގައި ބޮޑުވަމުން އަންނަ ކޮޮންމެ ކުޑަކުއްޖެއްގެ ހަށިގަނޑުން އުފައްދާ ޕްރޮޓީން އެކެވެ. އަލްފާ ފީޓޯޕްރޮޓީންގެ މަދުމިންވަރެއް މެނުވީ އަމްނިއޯން ދިޔައިގެ ތެރެއަށް ވާސިލެއް ނުވެއެވެ. އެހެންކަމުން އަމްނިއޯން ދިޔައިގެ ތެރޭގައި މާގިނައަދަދަކަށް އަލްފާ ފީޓޯޕްރޮޓީން ހުރިނަމަ އެއީ އުފެދުމުގައި ޢައިބެއް ހުރިކަމުގެ ނިޝާނެކެވެ. މިސާލަކަށް ނިއުރަލް ޓިއުބުގައި ޢައިބެއް ހުރުން(Neural tube defects) ނުވަތަ ކުޑަދަރިފުޅުގެ ބަނޑުގައި ލޯވަޅެއް ހުރުން(Openings in the fetus abdomen) ފަދަަ ކަންކަމެވެ.
ޓެސްޓްގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް
[އުނިއިތުރު ގެންނަވާ]އަމްނިއޯސެންޓެސިސް އަކީ އެހާ ނުރައްކާތެރި ޓެސްޓެއް ނޫނެވެ. ނަމަވެސް ޓެސްޓްގެ ސަބަބުން ބައެއް ކަހަލަ އުދަގޫތައް މެދުވެރިވުމަކީ ވެދާނެކަމެކެވެ. މިގޮތުން އަކުނިވަޔަށް ދެމުން،ނުވަތަ ވާޅުވުން، ލޭފޭބުން، އިންފެކްޝަން އަށަގަތުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަ މީހުންގެ ތެރެއިން ކޮންމެ 200ން 1އަށް ބައިގެންދިއުން(Miscarriage) ކުރިމަތިވެއެވެ. އަމްނިއޯސެންޓެސިސް ހެދުމުގެ ތެރޭގައި ބަނޑުގައިވާ ކުޑަދަރިފުޅަށް އަނިޔާ ލިބުމަކީ ވަރަށް ނާދިރުކަމެކެވެ.
ކޮރިއޮނިކް ވިލަސްގެ ސާމްޕަލް ހެދުން(Chorionic villi sampling)
[އުނިއިތުރު ގެންނަވާ]މިއީ ޢާންމުގޮތެއްގައި އެމްނިއޯސެންޓެސިސްއަށް ވުރެ އަވަހަށް ބަލިވެ އިންްނަތާ ކުރީކޮޅު ހަދާ ޓެސްޓެކެވެ. ޢާންމުގޮތެއްގައި މިޓެސްޓް ހަދަނީ ބަލިވެއިނުމަށްފަހު 12-10ވަނަ ހަަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އެކަން ދެނެގަނެއެވެ. އަމްނިއޯސެންޓެސިސް އެކޭ އެއްގޮތަށް މިއީވެސް ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުތަކުގައި ހަދަންޖެހޭ ޓެސްޓެކެވެ. މިޓެސްޓް ތަޢާރަފުކުރެވުނީ މާފަހުން ކަމަށްވުމާއިއެކު ހުރިހާ ހޮސްޕިޓަލްތަކެއްގައި މިޓެސްޓް ހެދޭކަން ނުހުރެއެވެ.
ޓެސްޓް ހަދާގޮތް
[އުނިއިތުރު ގެންނަވާ]މިޓެސްޓް ހެދުމަށްޓަކައި މަހުގެ ނުވަތަ ޕްލެސެންޓާ(Placenta)ގެ ސެލްތަކުން ކުޑަ ސާމްޕަލްއެއް ނެގެއެވެ. ކޮރިއޮނިކް ވިލައި(Chorionic villi)އަކީ ޕްލެސެންޓާގެ ކުދި ބައިތަކެވެ. ވިލައި(Villi) އުފެދެނީ މުޑުވައްވެފައިވާ ބިހުންނެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހުންނަ ވިރާސީ ބަހާ(Gene)އާއި، އެއްގޮތް ވިރާސީ ބަހާތައް ވިލައި ވެސް އުފުލައެވެ.
ޕްލެސެންޓާއިން ސެލްތައް ނެގިދާނެ ދެގޮތެއް ވެއެވެ.އެއީ ފަރުޖު ނުވަތަ ވެޖައިނާ(Vagina)ގެ ތެރެއަށް އެއްޗެއް ބާނައިގެން ޕްލެސެންޓާއިން ސެލްތައް ނެގުމާއި،ބަނޑުގެ ތެރެއަށް އެއްޗެއް ބާނައިގެން ޕްލެސެންޓާއިން ސެލްތައް ނެގުމެވެ.
ފަރުޖު ނުވަތަ ވެޖައިނާގެ ޒަރީޢާއިން ޕްލެސެންޓާއިން ސެލްތައް ނެގުމުގައި އެންމެ ފުރަތަމަ ސްޕެކިއުލަމް (Speculum)އެއް ވެޖައިނާގެ ތެރެއަށް ލެވެއެވެ. އެއަށްފަހު ވަރަށް ހަނި ނުވަތަ ހިމަ ޕްލާސްޓިކް ހޮޅިއެއް ފަރުޖުގެ ތެރެއަށް ފޯރުވައެވެ. އަލްޓްރާ ސައުންޑް(Ultra sound)ގެ އެހީގައި މިބުނި ހޮޅިކޮޅު ޕްލެސެންޓާއަށް ފޯރުވައެވެ. ދެން ޕްލެސެންޓާގެ ސެލްތަކުގެ ކުޑަ ސާމްޕަލްއެއް ނެގެއެވެ.
ބަނޑުގެ ޒަރީޢާއިން ޕްލެސެންޓާއިން ސެލްތައް ނެގުމުގައި އެމްނިއޯސެންޓެސިސްއެކޭ އެއްގޮތަށް ބަނޑުގެ ތެރެއަށް ހިމަ ތިނޯހެއް ބާނައިގެން ޕްލެސެންޓާއަށް ފޯރުވައެވެ. އެއަށްފަހު ނެގުނު ކޮރިއޮނިކް ވިލައިގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ. ލެބޯޓަރީގައި ޓެސްޓްކުރުމަށްޓަކައި ބޮޑުކުރެވެއެވެ. ޖިންސީގުޅުމުން އަރާ ބައްޔެއް ހުރުން، މާބަނޑު ދުވަސްވަރު ލޭފޭބުން، ރަހިމުގެ ކަރުގައި މައްސަލައެއް ހުރުން މިއިން ކަމެއް ކުރިމަތިވެފައިވާނަމަ ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ޓެސްޓްހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެކަމަކު އެއީ ހަމައެކަނި ބަނޑުގެ ޒަރީޢާއިންނެވެ. އެެހެން އެއްވެސް ހާލަތެއްގައި ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ހެދޭ ދެގޮތުންކުރެ އެއްގޮތަކީ ވެސް އެންމެ ރަގަޅު އިޚްތިޔާރުކަމުގައެއް ނުބެލެވެއެވެ.
ނަތީޖާ
[އުނިއިތުރު ގެންނަވާ]އަމްނިއޯސެންޓެސިސް އެކޭ އެއްގޮތަށް މިޓެސްޓަކީ ވެސް އުފެދުމުގައި ހުންނަ އައިބުތައް ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. ނަމަވެސް ނިއުރަލް ޓިއުބުގައި ހުންނަ އައިބުތައް މިޓެސްޓަކުން ނުހޯދެއެވެ. ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ޓެސްޓް ހަދާފައިވާނަމަ ވިހަންކައިރިވުމުން(ބަލިވެއިންނަތާ ފަހުކޮޅޫ) ލޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބެލިދާނެއެވެ. އެއީ ނިއުރަލް ޓިއުބުގައި ޢައިބެއް ހުރިތޯ ބެލުމަށެވެ. މިޓެސްޓްގެ ނަތީޖާ ޢާންމުގޮތެއްގައި 10ދުވަހުގެ ތެރޭގައި ލިބެއެވެ.
ޓެސްޓްގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް
[އުނިއިތުރު ގެންނަވާ]އަމްނިއޯސެންޓެސިސް ހެދުމަށްވުރެ ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ހެދުމުން ބައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ މިޓެސްޓް ހަދަނީ ބަލިވެއިންނަތާ ކުރީކޮޅު ކަމުގައިވާތީއެވެ. މައިމީހާގެ ހަށިގަނޑުގައި އިންފެކްޝަން އަށަގަތުމަކީ ވެސް ވެދާނެކަމެކެވެ. ބަލިވެއިންނަތާ 10ވަނަ ހަފްތާގެ ކުރިން މިޓެސްޓް ހަދައިފިނަމަ ވަރަށް މަދުހާލަތެއްގައި ކުޑަދަރިފުޅުގެ އަތްފައިގައި ޢައިބު(Limb deformities) ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އިޚްތިޔާރުތައް
[އުނިއިތުރު ގެންނަވާ]ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފެދުމުގައި އައިބެއް އަށަގަތުމަށް މަގުފަހިކޮށްދޭ ކަމެއް ފާހަގަވާނަމަ އަމްނިއޯސެންޓެސިސް ނުވަތަ ކޮރިއޮނިކް ވިލަސް ސާމްޕްލިިިންގ ހެދުމަކީ މުހިއްމުކަމެކެވެ. ގިނަ ފަހަރު މިޓެސްޓް ތަކުގެ ނަތީޖާ ދައްކަނީ ރަގަޅަށެވެ. އެކަމުގެ ސަބަބުން މައިންބަފައިންގެ ހިތްހަމަނުޖެހުން ކުޑަކޮށްދެއެވެ. ޓެސްޓްތަކުން އައިބެއް ހުރިކަމަށް ދައްކައިފިނަމަ ޖެހޭނީ ދެގޮތުން ކުރެ ގޮތެއް ޚިޔާރުކުރާށެވެ. އެއްގޮތަކީ ދަރިވައްޓާލުމެވެ. ދެވަނަ ގޮތަކީ ދަރިވެއްޓުމަކާއި ނުލައި ވިހެއުމާއި ހަމައަށް ވާސިލްވުމެވެ. މިގޮތަށް ވިހެއުމާއި ހަމައަށް ވާސިލްވާނަމަ ވިހެއުމަށް ޚާއްޞަ ހޮސްޕިޓަލެއް އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ހަމަމިހެން މިފަދަ ކުދިންނަށް އުފަންވުމަށް ފަހުވެސް ޚާއްޞަ އިނާޔަތް ބޭނުންވެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި ވިސްނާފައި އަވަސް ގަރާރެއް ނެގުމަކީ މުހިއްމު ކަމެކެވެ. މިފަދަ ހާލަތުގައި ގަރާރު ނަގާއިރު ޞިއްޙީ ލަފާދޭ ބޭފުޅުންގެ ކިބައިން މިފަދަ އައިބުތަކާއި ބެހޭ މައުލޫމާތު ހޯދަންވާނެއެވެ. ހަމަމިހެން ތިމާގެ ޢާއިލާއާއި، ރަހުމަތްތެރިންގެ ލަފަޔާ މަޝްވަރާ ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިގޮތަށް މައުލޫމާތު އެގިފައި ހުރުމަކީ ރަގަޅު ގަރާރެއް ނެގުމަށް ފަސޭހަވާނެކަމެކެވެ.