Jump to content

އެއްރޮނގު ބޯދި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އެއްރޮނގު ބޯދި

އެއްރޮނގު ބޯދި(ސައިންޓިފިކް ނަން: Apogon abrogramma)ނުވަތަ (އިނގިރޭސި ބަހުން: Faintstripe cardinal fish) އަކީ ރާއްޖޭގެ ތިލަފަޅުތަކުގެ ބޭރުގަޔާއި ވިލުވިލުގައި ހެދިފައި ހުންނަ މުރަކަތަކުގެ މާހައުލުގައި އުޅޭ ކުޑައިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 10 ސމ އަށް ކަމަށްވިޔަސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 7 ސމ އެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ދިވެހިން އެންވެރިކަމުގައި މިބާވަތުގެ މަސް ބޭނުންކުރެއެވެ. ބޯދި އާއިލާގެ މަސް ބިސްއެޅުމަށްފަހު ދަރިމައިކުރަނީ އަނގައިގެ ތެރޭގައި ބަހައްޓައިގެންނެވެ.

މަހުގެ ކުލައަކީ ފަނޑު މުށިކުލައެކެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް ނިގޫފަތާއި ހަމައަށް ކަޅުކުލައިގެ ރޮނގެއް މަހުގެ ދިގަށް ދެމިފައި ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައި ފެށޭ ހިސާބުގެ ކައިރިފަށާއި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 6 މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތްގަނޑުގެ ކުރީބައިގައި ރާޅުކަމެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހުގެ އާންމު ސިފައަށް ވިސްނާ އެއްރޮނގު ބޯދި ކިޔާފައި ވަނީއެވެ.