އެންޑޯމެޓްރީއޯސިސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެންޑޯމެޓްރީއޯސިސް އަކީ ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް "އެންޑޯމެޓްރީއަމް"ގެ ޓިޝޫތައް ނޫނީ ހަތާތައް، ރަހިމުން ބޭރުގައި ހުރުމެވެ. ނޫނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދި، އަށަގަތުމެވެ. މިގޮތުން އެންޑޯމެޓްރީއަމްގެ ޓިޝޫތައް އެންމެ ގިނައިން ހަރުލަނީ ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، މަސާނާ، ހިމަގޮހޮރު ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ކޮންމެވެސް ޓިޝޫއެއްގައެވެ. މައްސަރުގެ ތެރޭގައި އަންނަ ބަދަލުތައް ކުރިމަތިވަނީ އަންހެނާގެ ރަހިމުގެ އެންމެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށް ނުވަތަ ދުލިފަށް "އެންޑޯމެޓްރީއަމް" އަށެވެ. އެހެންކަމުން އެންޑޯމެޓްރީއަމްގެ ހަތާތައް ނޫނީ ޓިޝޫތައް ރަހިމުން ބޭރުގެ ހިސާބެއްގައި އަށަގެންފައި ހުރިނަމަ، މައްސަރު ދުވަސްވަރު ރަހިމުގެ އެތެރޭގެ ބަތާނަފަށަށް އަންނަ ބަދަލުތައް، ރަހިމުން ބޭރުގައި އެންޑޯމެޓްރީއަމްގެ ޓިޝޫތަކަށް ވެސް އަންނާނެއެވެ. އެޓިޝޫތައް ބޯވެ، ފަޅައިގެންގޮސް، ލޭއަންނާނެއެވެ. މާނައަކީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގެންފައި ހުރި ހިސާބަކުން ވެސް މައްސަރުގެ ތެރޭގައި ރަހިމުން ލޭ ފައިބާ އުސޫލުން ލޭފައިބާނެއެވެ. ރަހިމުން ބޭރުގައި ހުރި އެންޑޯމެޓްރީއަމްގެ ޓިޝޫތައް ހަށިގަނޑުން ބޭރުވާނެ ގޮތެއް ނެތުމުން އެޓިޝޫތައް ތާށިވެ، ހަރުލާގޮތްވެއެވެ. މާނައަކީ ރަހިމުން ފިޔަވައި އެހެން ގުނަވަންތަކުން ބޭރުވާ ލޭ ހަށިގަނޑުން ބޭރުކޮށެއް ނުދެއެވެ. އަދި މިގޮތަށް ލޭފައިބާ ގުނަވަންތަކުގައި ލޭބަޑި އުފެދުމާއި، ހަލާކުވެ، ލަކުނުލައި، ކައިރީގައިވާ ގުނަވަންތަކާ ތަތްވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި ބައެއް އަންހެނުންނަށް އެއްވެސް އުނދަގުލެއް ދިމާނުވިޔަސް، އަނެއް ބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ވަރަށް ބޮޑަށް ވޭންއެޅުމަކީ ވެދާނެ ގޮތެކެވެ. މިކަން ބަރޯސާވެފައި އޮންނަނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރި މިންވަރު، އެޓިޝޫތައް ހަރުލާފައި ހުރި ގުނަވަން، އަދި އެކަމުގެ ސަބަބުން ލޭފައިބާ މިންވަރާއި، ލިބޭ ގެއްލުމެއްގެ މައްޗަށެވެ. އެންޑޯމެޓްރީއޯސިސް އަކީ ދަރިމައިވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ.