އުރަމަތި ދުޅަވެ ދޮސްގަތުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުރަމަތި ދުޅަވުން(އިނގިރޭސި ބަހުން: Mastitis) އަކީ އުރަމަތި އާއި އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދުމެވެ. އާންމު ގޮތެއްގައި އުރަމަތި ދުޅަވުން ނިސްބަތް ކުރެވެނީ ދެވައްތަރަކަށެވެ. އެއީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ދިމާވާ އުރަމަތި ދުޅަވުން އާއި އެފަދަ ނޫންމީހުންނަށް ދިމާވާ އުރަމަތި ދުޅަވުން މިދެވައްތަރެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ފަރުވާ ކުރުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ވަރަށް ގިނަ ޒުވާން އަންހެނުންގެ އުރަމަތި ޢައިބުވެ، އަދި ކުޑަކުއްޖާއަށް އުރަމަތިން ކިރުނުދެވޭ ހިސާބަށް ވެސް ބައެއް ފަހަރު ކަންތައް ދެއެވެ. ނަމަވެސް މިމައްސަލަ ދެނެގަނެ ދޭންޖެހޭ ފަރުވާ ލަސްނުކޮށް ލިބިގަނެވެއްޖެނަމަ މިއީ ޙައްލުކުރެވިދާނެ މައްސަލަ އެކެވެ.

ދޮސްގަތުމާއި އޭގެ ސަބަބު[އުނިއިތުރު ގެންނަވާ]

އުރަމަތި ދުޅަވެ ދޮސްގަތުމަކީ އުރަމަތީގެ ޓިޝޫތަކުގެ ތެރޭގައި ޖަރާސީމް އަށަގަނެ ވަކި އޭރިޔާއެއްގައި ދޮހުގެ ޖީބެއް ނުވަތަ ކޮތަޅެއް އުފެދުމެވެ. ބައެއް ފަހަރު ފާހަގަކުރެވޭ މިފަދަ އޭރިޔާއެއް ނެތި މުޅި އުރަމަތި ދުޅަވެ، ރަތްވެ އަދި ހޫނުމިން މައްޗަށް ދާގޮތް ވެސް ވެއެވެ. އުރަމަތި ދުޅަވެ ދޮސްގަތުމަކީ ކިރުދޭ މައިންނަށް ގިނައިން ދިމާވާ ކަމަކަށް ވިޔަސް އެނޫން އަންހެނުންގެ އުރަމައްޗަށް ވެސް މިމައްސަލަ ދިމާވެއެވެ. ދިރާސާތަކުން ހާމަވާގޮތުގައި ގާތުންކިރުދޭ މައިންގެ ތެރެއިން ކޮންމެ 3 މީހުންގެ ތެރެއިން 1 އަކަށް އުރަމަތި ދުޅަވުމުގެ މައްސަލަ ދިމާވެއެވެ. އެންމެ ގިނައިން ދިމާވަނީ ވިހެއުމަށްފަހު 3 ނުވަތަ 4 ހަފްތާގެ ތެރޭގައެވެ.

އާންމުގޮތެއްގައި ފާހަގަ ކުރެވިފައިވާ ގޮތުން ވިހެއުމަށްފަހު އަންނަ ފުރަތަމަ 2 މަސް ދުވަހުގެ ތެރޭގައި އުރަމަތި ދުޅަވެ ދޮސްގަތުން އިތުރެވެ. ދޮސްގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި :-

  • ތުއްތު ދަރިފުޅުގެ އަނގައިގެ ތެރޭގައިވާ ޖަރާސީމު މައިމީހާގެ ވައްގަނޑުގެ ތެރެއިން ލާފައި އުރަމަތީގެ ޓިޝޫތަކުގެ ތެރެއަށް ވަނުމުން އެތާގައި ޖަރާސީމު އަށަގަނެ އުރަމަތި ދުޅަވެ ދޮސްގަތުން ހިމެނެއެވެ.
  • ވިހެއުމަށްފަހު ގާތުން ކިރުދޭން ނުފެށި ގިނައިރުވެ، މަންމަގެ އުރަމަތި ކިރުއެރި ފުރުމުގެ ސަބަބުން ވާންވެ ހުން އައިސް ދުޅަވުމުގެ ސަބަބުން ވެސް މިމައްސަލަ ދިމާވެއެވެ. ކުއްޖާއަށް ގާތުން ކިރުދިނުން ހުއްޓާލާ ދުވަސްވަރު ވެސް މިމައްސަލަ ދިމާވެއެވެ.
  • އުމުރުން ދޮށީ އަންހެނުންނަށް ވެސް އުރަމަތި ދުޅަވުން ދިމާވެއެވެ. އޭގެ ސަބަބެއް ކަމުގައިވަނީ އިއްދައިން ކެނޑުން ޖެހުމާއެކު ހަށިގަނޑުގައި ދައުރުކުރާ ހޯމޯން ތަކުގެ މިންވަރު ބަދަލުވެ، އުރަމަތީގެ ކިރުއުފައްދާ ގްލޭންޑް ތަކުގެ ތެރޭގައި ގަނޑޫ ކިރުކޮޅުތައް އުފެދި އެހޮޅިތައް ބަންދުވެ އޭގެ ތެރޭގައި ޖަރާސީމް އަށަގަންނަގޮތް ވުމެވެ.

އުރަމަތި ދުޅަވުމުގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ހުންއައުން، ހީކެރުވުން، ގައިގައި ރިހުން، ވަރުބަލިވުން، އުރަމަތީގައި ރިހުން، އަދި އުރަމަތި ރަތްވެ ދުޅަވުން އަކީ އުރަމަތި ދުޅަވެ ދޮސްގަތުމުގެ އަލާމާތްތަކެވެ. އެކަށީގެންވާ ފަރުވާ ރަގަޅުވަގުތުގައި ނުދެވިއްޖެނަމަ ފަޅައިގެން ގޮސް ދޮސް އައުމަކީ ވެދާނެ ގޮތެކެވެ.

ޑޮކްޓަރަކާ މަޝްވަރާކުރުން[އުނިއިތުރު ގެންނަވާ]

ކުރިން މިއިޝާރާތްކުރި އަލާމާތްތައް ފެންނަން ފަށައިފިނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އުރަމަތީގެ ވަކި އޭރިޔާއެއް ދުޅަވެ، ރަތްވެ، އެހިސާބުގެ ހޫނުމިން މައްޗަށް ގޮސް، އަތްޖައްސާލަން ވެސް ނުކުރެވޭ ތަދުވުމަކީ އެތާގައި ދޮސް އުފެދިފައިވާ ކަމުގެ އަލާމާތެކެވެ. މިފަދަ ޙާލަތްތަކުގައި ބޮޑަށް ރަގަޅުވާނީ އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމެވެ. ލަސްވުމަކީ ބައެއް ފަހަރު ޖަރާސީމްގެ އަސަރު އެހެން ހިސާބުތަކަށް ފޯރާނެކަމަށްވާތީ އަވަހަށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

އަމިއްލައަށްކުރެވިދާނެ ފަރުވާ[އުނިއިތުރު ގެންނަވާ]

އުރަމަތީގައި ރިއްސައި ތަންކޮޅެއް ރަތްވެފައިވާނަމަ، ތަދު ރަގަޅު ކުރުމަށްޓަކައި ތާފަނާ ފެންފޮދެއް ބޭނުންކޮށްގެން، ބޮޑިތާންކުރުމުން ތަދު ކޮންމެވެސް މިންވަރަކަށް ރަގަޅުވެއެވެ. މިފަދަ ކަމަކުންވެސް ރަގަޅުނުވާނަމަ ދަރިފުޅަށް ގާތުން ކިރުދިނުމަށްފަހު، އައިސް ފެންއެޅުމުން ވެސް ތަދު ލުއިވާގޮތް ވެއެވެ. ކިރު ދިނުމުގެ ކުރިން އައިސް ފެން އެޅުމުން ކިރުދޭން ދަތިވެދާނެއެވެ.

އުރަމަތި ދުޅަވި ކަމުގައި ވިޔަސް ދަރިފުޅަށް ގާތުން ކިރުދިނުން ހުއްޓާނުލުން މުހިއްމެވެ. ކިރުގެ ސަބަބުން ދަރިފުޅަށް އެއްވެސް ބައްޔެއް ނުޖެހޭނެއެވެ. ހަގީގަތުގައި މަންމަގެ އުރަމަތީގައި އުފެދޭ ދުޅައިގެ އަސްލަކީ ދަރިފުޅުގެ އަނގައިގެ ތެރެއިން އައިސްފައިވާ ޖަރާސީމެވެ. ތަދުވުމުގެ ސަބަބުން ދަރިފުޅަށް ކިރުނުދެވޭ ކަމަށްވާނަމަ، ބްރެސްޓް ޕަމްޕެއް ބޭނުންކޮށްގެން ވިޔަސް، ނުވަތަ އަތުން ފެލައިގެން ކަމަށްވިޔަސް އުރަމަތިން ކިރު ހުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ދުޅަވެފައިވަނީ ކުޑަކުޑަ އޭރިޔާ އަކަށްވެފައި، އެހެން އަލާމާތްތައް ނެތްނަމަ، ތަދު ކެނޑުވުމަށްޓަކައި ބޭޙެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިފަދަ ބޭހެއްގެ ސަބަބުން ދަރިފުޅަށް އަސަރެއް ކުރޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

އުރަމަތި ދޮސްގަތުމުން ދޭފަރުވާ[އުނިއިތުރު ގެންނަވާ]

ހަމައެކަނި ދުޅަވެފައިވާނަމަ ނުވަތަ ދޮސްގަނެފައި ނެތްނަމަ، ޖަރާސީމް މެރުމަށް ބޭނުންކުރާ ބޭސް ނުވަތަ އެންޓިބަޔޮޓިކް ބޭނުންކުރުމުން ރަގަޅު ވެއެވެ. މިފަދަ ބޭސްދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި މައިމީހާއާއި ދަރިފުޅަށް ރައްކާތެރި، އަދި އެބޭސް ބޭނުންކުރުމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާނުވާ ބޭސް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ތަނދުކެނޑުވުމާއި، ދުޅަ ތިރިކުރުމަށް ބޭސް ދެވެއެވެ. ނަމަވެސް އުރަމަތި ދުޅަވެ، ދޮސްގަނެފައިވާނަމަ، އެދޮސްނެރުމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހެއެވެ. މިއޮޕަރޭޝަން ކުރާނީ ކުޑަ އިރުކޮޅަކަށް ހޭނެއްތުމަށްފަހު ގައެވެ. ވުމާއެކު މިކަމަށްޓަކައި ހޮސްޕިޓަލްގައި އެދުމަތިވެ، އަދި 6 ގަޑިއިރު ވަންދެން އެއްޗެއްނުކައި ނުބޮއި ގޮހޮރު ހުސްކުރަން ޖެހެއެވެ.

އޮޕަރޭޝަނަކީ ދޮސް ނެރުމަށްޓަކައި ދޮސްގަނެފައިވާތަން ފަޅާލުމަށްފަހު، ދޮސްތަން ނެރެ އެތަން ސާފުކޮށް ބޭސް އެޅުމެވެ. އެއަށްފަހު ފާރުކޮޅު ރަގަޅުވަންދެން ކޮންމެ ދުވަހަކު އެއްފަހަރު ބޭސް އަޅަމުން ދިއުމެވެ. އޮޕަރޭޝަނަށްފަހު ވީހާވެސް އަވަހަށް ގާތުން ދިނުމަކީ އެންމެ ރަގަޅު ގޮތެވެ. އޮޕަރޭޝަން ކޮށްފައިވާ ފަރާތުން ކިރުނުދެވޭނަމަ ބްރެސްޓް ޕަމްޕެއް ބޭނުންކޮށްގެން ކިރުތަން ނެރެ ސާފުކުރުމަކީ އެންމެ ރަގަޅު ގޮތެވެ.