އުނިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އުނިޔަ އަކީ ރާއްޖޭގެ ތިލަ ފަޅުތަކުގައި 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ކުދި އުނިޔަ ރަށްރަށުގެ ގޮނޑުދޮށުގައި ކުދިއައިން ހަދައިގެން ބައިބަޔަށް އުޅެއެވެ. އުނިޔަ ގިނައިން އުޅެނީ ފަޅުފަޅުގެ ދޮންވެލި ހުންނަ ހިސާބުތަކުގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. ކުދި އުނިޔަ އަކީ ކުޑަކުދިން ގޮނޑުދޮށަށް ގޮސް މޫދަށްއެރި އުޅޭއިރު މަޖަލަކަށް ވެސް ހިފާއުޅޭ މަހެކެވެ. އަދި ފަޅުގައި ދާއަޅައިގެން މީހުން ގިނަ އަދަދަކަށް އުނިޔަ ހިފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސމ އަށެވެ. މަހުގެ ކާނާއަކީ ވެލިގަނޑުގައި ވަޅުޖަހައިގެން ތިބޭ ތަފާތު ބާވަތްތަކުގެ ކުދި ދިރުންތަކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 10މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށި ހުރެއެވެ. މަހުގެ ހަށިގަނޑުގައި ބޮޑެތި އެހެނަސް ތުނި ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކޯތާފަތާއި ކަރުތާފަތުގެ މަތީގައި ވެސް ހުޅުނބު ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި ހުންނަނީ އެހެނިހެން ކަށިތަކަށްވުރެ މާބޮޑަށް ކުރުކޮށެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅި މުށިކުލައެކެވެ. ބަނޑުދަށް ފަރާތާއި އަރިމަތީގެ ކުލައަކީ ރިހިވިދުން ކުލައެކެވެ. މަހުގެ ބުރަކަށިމަތީ 7 ވަރަކަށް ހުރަސް ގަޅި ފަނޑުކޮށް ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ދެކޮތަރިދޭތެރޭގައި ހުންނަ ދުލިފަށްތައް ހުންނަނީ ކަޅުކުލައިގައެވެ.