Jump to content

އިދްރީސްގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސަލާމްލެއްވި ޝީޘުގެފާނު އަވާހަރަވުމަށްފަހު މީސްތަކުން މާތްﷲގެ ދީންމަތީގައި ސާބިވެ ދުވަސްތަކެއް ވޭތުކުރިއެވެ.ނަމަވެސް،ޝައިތާނާވަނީ އިންސާނުނަށް މަގުއޮޅުވާލުމާއި މީސްތަކުންގެ ހިތްތަކުގައި ވަހުމާއި ޝައްކުއުފެއްދުމުގައި އަވަދިނެތިއެވެ.ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ހިތްތަކުގައި ތަފާތު ޝައްކުތަށް އުފެދި މީސްތަކުން ޝަރީޢަތުގައި އަންގަވާފައިވާ ޙުކުމްތަކަށް ދެމުންގެންދިޔަ ސަމާލުކަން ކުޑަވަމުންދިޔައެވެ.މީސްތަކުން މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ތިބެމެ ދީނުގައި މަނާ ކުރަވާފައިވާ ބައެއް ފާފަތަށް ކުރަމުންގެންދިޔައެވެ.އެހިނދު އެންމެ އޯގާވަންތަ މާތްﷲ އިރާދަކުރެއްވީ އެބައިމީހުންނަށް ރަނގަޅުގޮތް އުނގަންނަވައިދެއްވާ ހަނދާންކޮށްދެއްވުމަށް އެބައިމީހުންގެ ތެރެއިން ނަބީބޭކަލެއް ފޮނުއްވުމަށްށެވެ.އެ ނަބީއަކީ ސަލާމްލެއްވި އިދުރީސުގެފާނެވެ.

ނަންފުޅާއި ނަސަބުފުޅު

ސަލާމްލެއްވި އިދުރީސުގެފާނުގެ ނަސަބުފުޅު، އިސްލާމީ މަޞްދަރަކުން ސާފުކޮށް އެނގޭކަށެއް ނެތެވެ. އަހުލުކިތާބީންގެ މަޞްދަރުތަކުން އެނގޭ ގޮތުގައި އެކަލޭގެފާނަކީ، އާދަމުގެފާނުގެ ދަރިކަލުން ޝީޘު ގެފާނުގެ އަނޫޝް  ގެ ޤީނާނު ގެ މަހްލަލްއީލު ގެ ޔަރުދު ގެ އަޚްނޫޚު (أَخْنُوخُ) ގެފާނެވެ. އަހުލުކިތާބުންގެ ފޮތްތަކުގައި ސަލާމްލެއްވި އިދުރީސުގެފާނުގެ ނަންފުޅަކީ އަޚްނޫޚުއެވެ.މި ނަސަބުފުޅުން،އިދުރީސުގެފާނަކީ އާދަމުގެފާނުގެ ދަރިފަސްކޮޅުގެ 6 ވަނަ ޖީލުގެ ބޭކަލެއްކަން ދޭހަވެއެވެ.ނަސަބުގެ އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ވިދާޅުވާގޮތުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ނަސަބުފުޅާއި އިދުރީސުގެފާނުގެ ނަސަބުފުޅު ގުޅިގެންވެއެވެ.

މާތްﷲ މި ބިންމައްޗަށް އާދަމުގެފާނަށްފަހު ޝަރީއަތަކައިގެން އެންމެ ފުރަތަމަ ފޮނުއްވީ ސަލާމްލެއްވި ނޫޙުގެފާނެވެ.ސަލާމްލެއްވި ނޫޙުގެފާނުގެ ނަސަބުފުޅު ސަލާމްލެއްވި އިދުރީސްގެފާނުގެ ނަސަބުފުޅާ ގުޅިފައިވެއެވެ.ތަފްސީރުލް ޖަލާލައިންގައި ވާގޮތުން އިދުރީސްގެފާނަކީ ސަލާމްލެއްވި ނޫޙުގެފާނުގެ މުނިކާފާފުޅެވެ.

ސަލާމްލެއްވި އިދުރީސުގެފާނު ދުނިޔެއަށް ވަޑައިގަތް އަހަރަކާއި ބޮޑުފުޅުވި ތަނަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.އެއް ރިވާޔަތެއްގައި ވަނީ  އިދުރީސްއަލައިހިއްސަލާމް ރައްކައުވެވަޑައިގެންނެވީ ބާބިލުގައިކަމުގައެވެ.އެއީ، އިރާޤުގެ ރަށެކެވެ. އަނެއް ރިވާޔަތެއްގައިވަނީ އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގައި ކަމުގައެވެ. އަލް ހާފިޘު އިބްނު ކަޘީރު ވިދާވާގޮތުގައި މިދެ ރިވާޔަތުގެ ތެރެއިން އެންމެ ޞައްހަ ރިވާޔަތަކީ އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ބާބަލިގައި ކަމުގައި ބުނާ ރިވާޔަތެވެ.

ސަލާމްލެއްވި އިދުރީސްގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގެންނެވިއިރު އާދަމުގެފާނުގެ ދުނިޔޭގައި ހުންނެވިއެވެ.އިބްނު އިސްޙާޤު ވިދާޅުވެފައިވާ ގޮތުގައި އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އާދަމުގެފާނު އަވަހާރަވުމުގެ 308 އަހަރުކުރިންނެވެ.

އިދުރީސްގެފާނު ބޮޑުފުޅުވަމުން އައި ދުވަސްވަރު ސަލާމްލެއްވި ޝީޘުގެފާނު އަރިހުން އެކަލޭގެފާނު،ޢިލްމު ހާސިލްކުރެއްވިއެވެ.ދީނުގެ ޙުކުމްތަކާއި ޝަރީޢަތުގެ އިލްމު ހާސިލްކުރެއްވިއެވެ.އެގޮތުން އެކަލޭގެފާނުގެ ގައިކޮޅުގައި ތަޤްވާވެރިމަކާއި،އިސްލާމީ އަޚްލާޤުގެ ރިވެތި ސުލޫކު ވަނީ ހަރުލާފައެވެ.

އިދުރީސުގެފާނަކީ ވަރަށް ގިނަ ކަންތައްތަކެއް ބައްލަވާ ދިރާސާކުރެއްވި ބޭކަލެކެވެ. އާދަމުގެފާނަށާއި އެކަލޭގެފާނުގެ ދަރިކަލުންނަށް މާތްﷲ ބާވައިލެއްވި ފަތްފުތްތަށް ވަރަށް ގިނައިން ދިރާސާކުރައްވާ އެކަލޭގެފާނު އުޅުއްވައެވެ. އައްޒަމަޚުޝަރީ ވިދާޅުވާ ގޮތުގައި، އެކަލޭގެފާނަށް އިދުރީސްގެ ނަމުން ނަންފުޅު ދެއްވިފައިވަނީ، ދިރާސާކުރުމުގެ ރޮނގުން އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ގިނަގުނަކަމުންނެވެ.

ސަލާމަލެއްވި އިދުރީސްގެފާނު ބޮޑުފުޅުވުމުން އެކަލޭގެފާނު ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން މާތްﷲ   ފޮނުއްވެވިއެވެ. ސަލާމްލެއްވި އިދުރީސުގެފާނަކީ، އެކަލޭގެފާނުގެ ޒަމާނުގައި ހުންނެވި، އެންމެ މާތް ނަބިއްޔާއެވެ. އެޒަމާނުގައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގެ ގޮތުން އެކަލޭގެފާނު ފަދަ ދެވަނައެއް ނެތެވެ. ދީނުގެ ކަންކަމުގައި އެކަލޭގެފާނު ނުހަނު ތެދުވެރިއެވެ. އީމާންކަމުގައި އެކަލޭގެފާނު ނުހަނު އިޚުލާޞްތެރިއެވެ. މާތް ﷲ ބާވައިލެއްވި ޝަރީޢަތުގައިވާ އަމުރުފުޅުތައް ތަންފީޒުކުރައްވައި، ޚުޟޫޢަތްތެރިކަމާއެކު އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރެއްވި އެވެ. އަދި އެކަލާނގެ ބާވައިލެއްވި ރިސާލަތު، މީސްތަކުންނަށް ތަބްލީޣުކުރެއްވި އެވެ.

އިދުރީސުގެފާނަކީ، އާދަމުގެފާނަށްފަހު، މާތް ﷲ ފޮނުއްވި ތިންވަނަ ނަބިއްޔާ ކަމަށާއި، އެކަލާނގެ އެކަލޭގެފާނަށް 30 ފޮތް ބާވައިލެއްވި ކަމަށް ރިވާވެފައިވެއެވެ. އެ ފޮތްތަކުގައި އެކަލާނގެ ޝަރީޢަތާއި، ޢިބާދާތުގެ ޙުކުމްތަށް ބަޔާންކުރައްވާފައިވެއެވެ.

އަބޫޛައްރުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ.

قُلْتُ: يَا رَسُولَ اللَّهِ، كَمْ كِتَابًا أَنْزَلَهُ اللَّهُ؟ قَالَ: مِائَةُ كِتَابٍ وَأَرْبَعَةُ كُتُبٍ، أُنْزِلَ عَلَى شِيثٍ خَمْسُونَ صَحِيفَةً، وَأُنْزِلَ عَلَى أَخْنُوخَ ثَلَاثُونَ صَحِيفَةً، وَأُنْزِلَ عَلَى إِبْرَاهِيمَ عَشَرُ صَحَائِفَ، وَأُنْزِلَ عَلَى مُوسَى قَبْلَ التَّوْرَاةِ عَشَرُ صَحَائِفَ، وَأُنْزِلَ التَّوْرَاةُ وَالْإِنْجِيلُ وَالزَّبُورُ وَالْقُرْآنُ { އިބްނު ޙައްބާން}

މާނައީ، "ތިމަންކަލޭގެފާނު (އެބަހީ: އަބޫޛައްރުގެފާނު) ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ! ﷲ ބާވައިލެއްވީ ކިތައް ފޮތްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ސަތޭކަ ހަތަރު ފޮތެވެ. ޝީޘުގެފާނަށް ފަންސާސް ފޮތް ބާވައިލެއްވުނެވެ. އަޚްނޫޚުގެފާނަށް (އެބަހީ: އިދުރީސުގެފާނަށް) ތިރީސް ފޮތް ބާވައިލެއްވުނެވެ. އިބްރާހީމުގެފާނަށް ދިހަ ފޮތް ބާވައިލެއްވުނެވެ. މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމުގެ ކުރިން ދިހަ ފޮތް ބާވައިލެއްވުނެވެ. އަދި ތައުރާތާއި އިންޖީލާއި ޒަބޫރާއި ޤުރުއާން ބާވައިލެއްވުނެވެ."

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، އެންމެ ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ، ޝީޘުގެފާނަށެވެ. އެއީ ފަންސާސް ފޮތެވެ. އެއަށްފަހު، އެންމެ ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ، އިދުރީސުގެފާނަށެވެ. އެއީ، ތިރީސް ފޮތެވެ. އިދުރީސުގެފާނު، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލޭގެފާނަށްވުރެ ކުރިން ބާވައިލައްވާފައިވާ ފޮތްތައް ބޭނުންފުޅު ކުރެއްވި އެވެ. އެހެންކަމުން، އެކަލޭގެފާނުގެ އަތްޕުޅުގައި މާތް ﷲ ބާވައިލައްވާފައިވާ ޖުމުލަ، އަށްޑިހަ ފޮތް އޮތެވެ. އެކަލޭގެފާނަށް، އެ ފޮތްތަކުން ގިނަގުނަ ޢިލްމާއި، ދީނުގެ ޙުކުމްތައް އެނގިވަޑައިގެންފައިވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. އެ ފޮތްތަކުގެ ޢަދަދު، އެކިއެކި ރިވާޔަތްތަކުގައި ތަފާތުކަން ފާހަގަކޮށްލަންޖެހެ އެވެ. އެހެނަސް އެއީ، ގިނަ ފޮތްތަކެއްކަން ހުރިހައި ރިވާޔަތްތަކުން ވެސް އެނގެ އެވެ.

ސަލާމްލެއްވި އިދުރީސުގެފާނަކީ، ސަލާމްލެއްވި އިލްޔާސުގެފާނު ކަމަށް ބުނެވޭ ރައުޔެއްވެއެވެ. ނަމަވެސް، އެއީ، ޞައްޙަ ރައުޔެއް ނޫނެވެ. ސަބަބަކީ، އިދުރީސުގެފާނާއި، އިލްޔާސުގެފާނާ ދެ ބޭކަލުން ދިރިއުޅުއްވީ ދެ ޒަމާނެއްގައެވެ.ސަލާމްލެއްވި އިދުރީސުގެފާނު ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން މާ އިހުޒަމާނެއްގަ އެވެ. ސަލާމްލެއްވި އިލްޔާސްގެފާނު ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން މާ ފަހު ޒަމާނެއްގައެވެ.ސަލާމުލެއްވި އިދުރީސުގެފާނު، ދީނަށް ގޮވައިލެއްވުމުގައި މައިގަނޑު ގޮތެއްގައި ދެމިހުންނެވީ، ޢިރާޤާއި މިޞްރުގައެވެ. ނަމަވެސް،އިލްޔާސްގެފާނު ފޮނުއްވުނީ ބަނީ އިސްރާޢީލުންގެ ގާތަށް ޝާމުކަރައަށްށެވެ.އިދުރީސްގެފާނުގެ ހަޔާތްޕުޅުގައި މާތްﷲ ފިޔަވައިހެން ފަރާތަތަކަށް އަޅުކަން ކުރުން ފެށިފައެއްނުވެއެވެ.ނަމަވެސް، އިލްޔާސްގެފާނުގެ ޤައުމުގެ މީސްތަކުންނަކީ ބައުލޭ ކިޔުނު ބުދަކަށް އަޅުކަންކޮށް އުޅުނު ބައެއްކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ.

އިބްނު ޢައްބާސްގެ ރިވާޔަތުގައިވާ ގޮތުން، އާދަމް ޢަލައިހިއްސަލާމްއިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. ނޫޙު ޢަލައިހިއްސަލާމް ފޮނުއްވުނީ މި ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލެވެ.

އިބްނު އައްބާސްގެ މި ބަސްފުޅުން އިދުރީސްގެފާނުގެ ޒަމާނުގައި މީސްތަކުން މާތްﷲ ގެ އެއްކައުވަންތަކަމަށް އީމާންވެ ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާކަން ދޭހަވެއެވެ.ނަމަވެސް އެބައިމީންގެ ތެރޭގައި އެކި ފާފަތަށް އާންމުވެފައިވެއެވެ.އެކި އެކި އުރެދުންތަށް ވަނީ އާންމުވެފައެވެ.

ފޭރާން ވިޔުމާއި، ހެދުން ފަރުމާކުރުމާއި، ފެހުމުގެ ފަންނުގެ ބާނީ އަކީ، ސަލާމްލެއްވި އިދުރީސުގެފާނު ކަމަށް  ތާރީޚީ ރިޔާވަތްތަކުގައި ރިވާވެފައިވެއެވެ. އެންމެ ފުރަތަމަ ފޮތި ވިޔުއްވައި ފޭރާން އުފެއްދެވީ އެކަލޭގެފާނެވެ.ފޭރާން އުފެއްދުމުގެ ކުރިން، މީސްތަކުން އުނުއޮރިޔާން ނިވާކޮށް އުޅުނީ، ޖަނަވާރުގެ ހަމުންނެވެ.

ابْنِ عَبَّاس رضى الله عنه ވިދާޅުވިކަމަށް އަލް ހާކިމް ރިވާކުރައްވާފައިވެއެވެ."ދާޢޫދުގެފާނަކީ ހަނގުރާމައިގައި ބޭނުން ކުރާ ދަގަނޑު ދަހަދާ ހައްދަވާ ބޭކަލެކެވެ.އާދަމުގެފާނަކީ ދަނޑުވެރިކަން ކޮށް އުޅުއްވި ބޭކަލަކެވެ.ނޫހުގެފާނަކީ ވަޑާކުރައްވާ އުޅުއްވި ބޭކަލެކެވެ.އިދުރީސްގެފާނަކީ ފޭރާން ފެއްސެވުމުގެ މަސައްކަތްޕުޅު ކުރެއްވި ބޭކަލެކެވެ. އަދި މޫސާގެފާނަކީ، ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ކުރައްވާ އުޅުއްވި ބޭކަލެކެވެ.

ތާރީޚުގެ ފޮތްތަކުގައި ރިވާވެފައިވެއެވެ.އިދުރީސްގެފާނު ހެދުން ފައްސަވާއިރު، ތިނޯސް ޖައްސަވާ ކޮންމެ ފަހަރަކުމެ، (سبحان الله) ނުވަތަ (سبحان الله و بحمده سبحان الله العظيم) މިފަދައިން ތަސްބީޙަ ވިދާޅުވެ އެވެ. ތަސްބީޙަ ވިދާޅުވުމަށް ހަނދުމަފުޅު ނެތި ފެއްސެވިއްޖެނަމަ، އެތަން މޮއްސަވައި، އަލުން ތަސްބީޙަވިދާޅުވަމުން ފައްސަވައެވެ.

މި ރިވާޔަތްތަކުން ދޭހަވަނީ އިދުރީސްގެފާނު ދިރިއުޅުއްވުމަށްޓަކައި އަމިއްލަފުޅަށް މަސައްކަތްޕުޅުކުރެއްވިކަމެވެ. އެކަލޭގެފާނު ފަރިއްކުޅުއްވީ ޙަލާލު އެއްޗެހިކަމެވެ.އެހެނީ މީހާ އޭނާގެ އަނގައަސް ލާ އެންމެ ރަނގަޅު ކާ އެއްޗަކީ އެމީހާ އަމިއްލަ މަސައްކަތުން ހޯދާ ހަލާލު ކާނާއެވެ.

ދިރިއުޅުއްވުމަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އިދުރީސްގެފާނު ކޮންމެ ދުވަހަކު އެތައް ހެޔޮ ޢަމަލުތަކެއް ކުރެއްވިއެވެ. އެކަލޭގެފާނު ކޮންމެ ދުވަހަކު ކުރައްވާ ހެޔޮ ޢަމަލުފުޅުތައް، އޭރު ދުނިޔޭގައިވާ އެންމެން ކުރާ ހެޔޮ ޢަމަލުތަކާ ނުބައްދަލެވެ.އެހާވެސް ގިނައިން މާތްﷲ ރުއްސެވުން އެދިވަޑައިގެން ހޮޔޮ އަމަލުފުޅުތަށް ކުރެއްވުމަށް ލޯބިފުޅު ކުރެއްވިއެވެ.

އިބްނު އިސްޙާޤު ވިދާޅުވާ ގޮތުގައި އަތުލިޔުމުގެ ފަންނު އެންމެ ފުރަތަމަ އީޖާދުކުރެއްވީ އިދުރީސްގެފާނެވެ. ސަލާމްލެއްވި އިދުރީސްގެފާނު ޤަލަމުން ލިޔުއްވަން ފެށްޓެވުމުގެ ކުރިން، ހިލައިންނާއި، ކަށިންނާއި، ވެލިން ލިޔުއްވާފައިވާ ކަމަށް ތާރީޚު ޢިލްމުވެރިން ލިޔުއްވައެވެ.އިބްނު އިސްޙާޤުގެ މިރިވާޔަތަށް ދަލީލުލިބޭ ހަދީޘެއް އިބްނު ޙިއްބާންގައި ރިވާވެގެންވެއެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ.

يَا أَبَا ذَرٍّ أَرْبَعَةٌ سُرْيَانِيُّونَ: آدَمُ، وَشِيثُ، وَأَخْنُوخُ وَهُوَ إِدْرِيسُ، وَهُوَ أَوَّلُ مَنْ خَطَّ بِالْقَلَمِ، وَنُوحٌ { އިބްނު ޙިއްބާން}

މާނައީ، "އޭ އަބޫ ޛައްރުގެފާނެވެ! ސުރިޔާނީންގެ ތެރެއިންވާ ހަތަރު ނަބީބޭކަލަކު ވެ އެވެ. އެއީ، އާދަމުގެފާނާއި، ޝީޘުގެފާނާއި، އަޚްނޫޚުގެފާނާއި، ނޫޙުގެފާނެވެ. އަޚްނޫޚުގެފާނަކީ، އިދުރީސުގެފާނެވެ. އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވީ އެކަލޭގެފާނެވެ."

މުޢާވިޔަތު ބްނު އަލްޙަކަމުއް ސުލަމީ ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ

قُلْتُ: وَمِنَّا رِجَالٌ يَخُطُّونَ، قَالَ: كَانَ نَبِيٌّ مِنَ الأَنْبِيَاءِ يَخُطُّ، فَمَنْ وَافَقَ خَطَّهُ، فَذَاكَ {މުސްލިމު.}

މާނައީ، "ތިމަން ދެންނެވީމެވެ. އަދި ތިމަންމެންގެ ތެރޭގައި ރަމަލުޖަހާ މީހުން ވެސް ވެ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކު (އެބަހީ: އިދުރީސުގެފާނު) ރަމަލުޖެއްސެވި އެވެ. ފަހެ، އެމީހެއްގެ ރަމަލުޖެހުން، އެކަލޭގެފާނުގެ ރަމަލު ޖެއްސެވުމާ އިއްތިފާޤުވެޖެނަމަ، އެއީ ޞައްޙަ ރަމަލުޖެހުމެކެވެ."

މި ޙަދީޘްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވަނީ، މި ޙަދީޘްފުޅަކީ، ރަމަލުޖެހުން ހުއްދަކުރައްވާފައިވާ ޙަދީޘްފުޅެއް ނޫން ކަމަށެވެ. މި ޙަދީޘްފުޅުން ދަލީލު ލިބެނީ، ރަމަލުޖެހުން ޙަރާމްކުރައްވާފައިވާ ކަމަށެވެ. އެހެނީ، ސަލާމްލެއްވި އިދުރީސުގެފާނުގެ ރަމަލުޖެއްސެވުމާ، އެހެން މީހުންގެ ރަމަލުޖެހުން އިއްތިފާޤެއް ނުވާނެ އެވެ. އަދި އިއްތިފާޤުވާނެކަން ޔަޤީން ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

ސަމާވީ އެހެން ދީންތަކުގައި އަންގަވާފައިވާ ކަންތައްތައް އިދުރީސުގެފާނުގެ ދީނުގައި ވެ އެވެ. އެ ކަންތައްތަކުގެ ތެރޭގައި، ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޠާހިރުވުމާއި، ވުޟޫކުރުމާއި، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި، ދީނަށް ގޮވައިލުމާއި، ޖިހާދުކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، ތަޢުލީމު ޙާޞިލުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. އެކަލޭގެފާނުގެ ދީނުގައި ވަނީ، ބަނގުރާ ފަދަ މަސްތުވާ އެންމެހައި އެއްޗެއް ޙަރާމްކުރައްވާފަ އެވެ. އަދި ފާސިޤުކަމާއި، ފާފަކުރުމާއި، މީސްތަކުންގެ މެދުގައި ފަސާދަކުރުން ވެސް ވަނީ ނަހީކުރައްވާފަ އެވެ. ހަމައެފަދައިން، ޚިޔާނާތްތެރިވުމާއި، ކަންދެއްކުމާއި، މުނާފިޤުކަން ފަދަ ކަންތައްތައް ވެސް ވަނީ މަނާކުރައްވާފަ އެވެ.

ސަލާމްލެއްވި އިދުރީސުގެފާނުގެ ޖިސްމާނީ ސިފަފުޅުތައް ވެސް ބަޔާންވެފައިވެއެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކުގެ ތެރޭގައި، ހަށިކޮޅު ބިޔަކަމާއި، އިސްކޮޅުފުޅު ދިގުކަމާއި، ބާމަތިފުޅު ފުޅާކަމާއި، ބަނޑުފުޅު ބޮޑުކަމާއި، ހަށިކޮޅުގެ ކުލަ ދޮންކަން ހިމެނެ އެވެ. ވާހަކަފުޅު ދައްކަވާއިރު، ޝަހާދަތް އިނގިލިފުޅުން އިޝާރާތްކުރައްވާ ކަމަށާއި، ކަންކަމާމެދު ފިކުރުފުޅުކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ކަމަށް ވެސް ރިވާވެފައިވެއެވެ.

އިދްރީސް ޢަލައިހިއްސަލާމްގެ ޒަމާނުގައި މީސްތަކުން 72 ބަހަކުން ވާހަކަ ދައްކާ އުޅުނުކަން ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ. ﷲ ސުބްޙާނަހޫވަތަޢާލާ ވަނީ އެއިން ކޮންމެ ޖަމާޢަތެއްގެ މީހުން ވާހަކަދައްކާ ބަސް އިދްރީސްގެފާނަށް ދަސްކޮށް ދެއްވާފައެވެ. އެއީ އެބައިމީހުން އެދައްކާ ވާހަކަ އެކަލޭގެފާނަށް އެގިވަޑައި ގަތުމަށެވެ. ﷲ ތަޢާލާ އެންމެ ފުރަތަމަ މަދަނީ ސިޔާސަތު އުގަންނަވައިދެއްވި ފަރާތަކީވެސް  އެކަލޭގެފާނެވެ. އެޒަމާނުގައި ދުނިޔޭގައި 188  ރަށް އޮތްކަމަށްވެސް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ.  އިދްރީސްގެފާނު މަޝްހޫރުވެފައިވަނީ ޙިކްމަތްތެރިއެއްގެ ގޮތުގައެވެ.

އޭގެ އެއްބަހަކީ " ދުނިޔޭގެ އެންމެ ހެއުކަމަމީ ކުރެވޭ ކުށްތަކާމެދު ނިކަމެތިވުމެވެ.  އަދި އެންމެ ނުބައިކަމަކީ  ހިތާމަ ކުރުމެވެ. ބާއްޖަވެރިޔަކީ އެމީހެއްގެ ނަފްސަކާމެދު ބަލައި ޞާލިޙް ޢަމަލުތަކާމެދު އެއިން ޝަފާޢަތް ލިބިގަންނަ މީހެކެވެ. އަދި " އީމާންކަމާއެކު ކެތްތެރިވާ ފަރާތްތަކަށް މުއްސަދިކަމެއް ވާރުތަވާނެއެވެ."

ސިފަފުޅުތަށް

ކީރިތި ޤުރުޢާނުގައި މާތްﷲ އިދުރީސްގެފާނު ސިފަކުރައްވާފައިވަނީ ވަރަށް ތެދުވެރި ނަބީބޭކަލެއްގެ ގޮތުގައެވެ.ކީރިތި ޤުރުޢާނުގެ މަރިޔަމް ސޫރަތުގެ 56ވަނަ އާޔަތާއި 57ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٥٦﴾ وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾

މާނައީ:ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ.

ތެދުވެރިކަމުގެ އިތުރުން، ސަލާމްލެއްވި އިދުރީސްގެފާނަކީ އިސްލާމްދީނުގައި އެސިފައަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ،ކެތްތެރިކަމުގެ ސިފައިން ޒީނަތްތެރިވެވަޑައިގެންފައިވާ ބޭކަލެކެވެ. އިދުރީސްގެފާނުގެ ކެތްތެރިކަމުގެ ސިފައަށް ތައުރީފްކުރައްވާ ކީރިތި ޤުރުޢާނުގެ އަލް އަންބިޔާއު ސޫރަތުގެ 85ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾

މާނައީ:އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ.

އަވަހާރަވުން

ސަލާމަލެއްވި އިދުރީސްގެފާނު ވަރަށް ގިނަ މުއްދަތެއްގައި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ އަރިހުގައި ދީނަށް ގޮވައިލެއްވުމުގައި ދެމި ހުންނެވިއެވެ. އެ ގޮތުގައި ދެމިހުންނެވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ 82 އަހަރު ފުޅުގައިކަމަށް މުއައްރިޚުން ލިޔުއްވައެވެ.ސަލާމްލެއްވި އިދުރީސްގެފާނު އަވަހާރަވުމާ ގުޅޭގޮތުން ތަފާތު ރައްޔުތަކެއް ތާރީޚުގައި ރިވާވެގެންވެއެވެ.

އެގޮތުން،އެކަލޭގެފާނު އުޑަށް އުފުއްލެވުމަށްފަހު އުޑުގައި އަވަހާރަވި ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު އުޑުގައި އަވަހާރަވުމަށްފަހު ބިމަށް ތިރިކުރައްވައި ބިމުގައި ފަސްދާނުލެއްވުނު ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު އުޑަށް ނުއުފުއްލަވާ ކަމަށް ބުނާ ރައުޔުތައްވެއެވެ.މިފަދަ ގިނަ ރިވާޔަތްތަށް ރިވާވެގެންވަނީ ފޮތުގެއަހުލުވެރިންގެ އަރިހުންނެވެ. އެއިން އެއްވެސް ރައުޔެއް ތެދުކުރުމާއި، ދޮގުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިވަސައްލަމަ ހަދީޘް ކުރައްވާފައިވަނީ ފޮތުގެ އަހުލުވެރިންގެ އަރިހުން ރިވާވެގެންވާ ރިވާޔަތްތަށް ދޮގުވެސް ނުކުރުމެވެ.އަދި ތެދުވެސް ނުކުރުމެވެ.ނަމަވެސް، އެ ރިވާޔަތްތަކާއި އިސްލާމީ ޝަރީއަތާ އެއްގޮތް ވެއްޖެނަމަ އެ ޤަބޫލުކުރުމެވެ.އެ ރިވާޔަތަކީ އިސްލާމީ މަސްދަރަކުން ސާބިތުވާ ކަމަކާމެދު ދެކޮޅަށް ވާ ރިވާޔަތެއްނަމަ ދޮގުކުރުމެވެ.

ސަލާމްލެއްވި އިދުރީސްގެފާނު އަވަހާރަވުމާ ގުޅޭ ގޮތުން ރިވާވެގެންވާ ރިވާޔަތްތަކުގެ ތެރެއިން އެއްވެސް ރައުޔެއް ޞައްޙަ ރިވާޔަތަކުން ވާރިދުވެފައެއްނުވެއެވެ. ފޮތުގެ އިލްމުވެރިންގެ އަރިހުން ރިވާވެގެވާ ރިވާޔަތްތަކުގެ  ޞައްޙަކަން ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ.އެހެނީ، އެބައިމީހުންވަނީ ކުރީގެ ސަމާވީ އެންމެހައި ފޮތްތަކަށް ބަދަލުގެނެސްފައެވެ.އެކަން ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކުން ޞަރީޙުކޮށް ދޭހަވެއެވެ.


  • ތަފްސީރު އިބްނު ކަޘިރު