Jump to content

އިބްރާހީމް ރަޝީދު (ކަރަންކާގެ)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އިބްރާހީމް ރަޝީދު
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
އިބްރާހީމް ރަޝީދު، 2011
މިނިސްޓަރ އޮފް ހޯމް އެފެއާޒް
މަޤާމުގައި
8 ޖަނަވަރީ 1977  11 ނޮވެންބަރު 1978
ރައީސްއިބްރާހީމް ނާޞިރު
ކުރިން ހުންނެވީއިބްރާހީމް ނާޞިރު
ފަހުން ވަޑައިގަތީ
މަޤާމުގައި
18 އޮގަސްޓު 1960  11 ނޮވެންބަރު 1968
ކުރިން ހުންނެވީއިބްރާހީމް ނާޞިރު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ހެލްތު
މަޤާމުގައި
11 ނޮވެންބަރު 1968  8 ޖަނަވަރީ 1977
ރައީސްއިބްރާހީމް ނާޞިރު
ކުރިން ހުންނެވީއަޙްމަދު ޙިލްމީ ދީދީ
ފަހުން ވަޑައިގަތީ
އުފަންވީ1928
މާލެ، ދިވެހިރާއްޖެ
އަވަހާރަވީ31 ޖަނަވަރީ 2021 (92 އަހަރުފުޅުގައި)
މާލެ، ދިވެހިރާއްޖެ
އިނާމުތައްދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން) - 2011

އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ޤައުމީ ޚިދްމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ޤައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދެވެ. 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި ޤައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢްލީމުދޭން ފެށުމާއި، ގަވަރންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ޞިއްޙީ މަރުކަޒު ހުޅުވުމާއި، އެއަރޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުތަކުން އެދުވަސްވަރު ޤައުމަށް އައި ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ޙިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ.

ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްެޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ ޢަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.

އަލްފާޟިލް އިބްރާހީމް ރަޝީދު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދްމަތްތަކުގެ އަގުވަޒަން ކުރައްވައި ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވަނީ ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން) އަރުވައިފައެވެ.

އިބްރާހީމް ރަޝީދު އަވަހާރަވީ 31 ޖަނަވަރީ 2021 ވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަވަހާރަވީ ޢުމުރުފުޅުން 92 އަހަރުފުޅުގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006