އިންފްލޭޝަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
2019

އިންފްލޭޝަން(އިނގިރޭސި ބަހުން: inflation) އަކީ މުދަލާއި، ޚިދުމަތްތަކުގެ އަގު ވަކި މުއްދަތެއްގެ ތެރޭގައި ޖުމްލަ ގޮތެއްގައި އުފުލުމެވެ. ވަކި ޚާއްޞަ މުދަލެއް، ނުވަތަ ޚިދުމަތެއް އަގު ވަކި މުއްދަތެއްގެ ތެރޭގައި އުފުލޭ މިންވަރަށް ވެސް އިންފްލޭޝަން އޭ ކިޔައެވެ. އިންފްލޭޝަން ގެ އިދިކޮޅަކީ ޑިފްލޭޝަން(އިނގިރޭސި ބަހުން: deflation) އެވެ. އެއީ މުދަލާއި ޚިދުމަތުގެ އަގު ޖުމްލަގޮތެއްގައި ދަށަށް ދިއުމެވެ. ކުރުކޮށް ބުނާނަމަ އިންފްލޭޝަން އަކީ މުދަލާއި ޚިދުމަތްތައް ހޯދުމަށް ޚަރަދުކުރަން ޖެހޭ ފައިސާ އިތުރުވުމެވެ.

އިންފްލޭޝަން ހިސާބުކުރުމަށްޓަކައި ބޭނުންކުރަނީ ޖުމުލަ އަގުތަކަށް އަންނަ ބަދަލުގެ ޕަސެންޓޭޖް ރޭޓް އެވެ. އިންފްލޭޝަން އެކިމީހުން އެކި ގޮތަށް މާނަކޮށްފާނެއެވެ. އިންފްލޭޝަން އަކީ އަގުތައް އުފުލުން ކަމަށް އާންމު ގޮތެއްގައި ބުނެ އުޅުނު ކަމުގައި ވިޔަސް ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުން މުދަލާއި ޚިދުމަތް ތަކުގެ އަގު އުފުލިގެން ދިއުމަކީ އިންފްލޭޝަން ނުވަތަ އަގު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުކަން ފާހަގަ ކުރަން ޖެހެއެވެ. މާނައަކީ އިގްތިޞާދުގައި ދައުރުވާ ފައިސާ(އިނގިރޭސި ބަހުން: Money circulation)ގެ އަދަދު ގިނަވެ، ފައިސާ އަކީ މާބޮޑު އަގެއް ހުރި އެއްޗަކަށް ނުވުމާއެކު، މުދަލާއި ޚިދުމަތަށް ހޭދަކުރަންޖެހޭ ފައިސާގެ އަދަދު މައްޗަށް ދިއުމެވެ. މިނޫނަސް އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުތައް ވަރަށް ގިނައެވެ.