އާޞިފް ޢަލީ ޒަރުދާރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އާޞިފް ޢަލީ ޒަރުދާރީ އަކީ ޕާކިސްތާނުގެ މިހާރުގެ ރައީސެވެ. ރައީސް ކަމަށް އިސްކުރެވުނީ 6 ސެޕްޓެމްބަރ 2008 ގައެވެ. އޭނާ އަކީ ޕާކިސްތާންގެ މިހާރުގެ ވެރިކަންކުރާ ޕާޓީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކޯ ޗެއާރމަން ވެސް މެއެވެ. އޭނާ އަކީ ކުރިން ޕާކިސްތާން ގައި ދެފަހަރެއްގެ މަތީން ބޮޑުވަޒީރުކަން ކުރެއްވި ބޭނަޒީރު ބުއްޓޫގެ ހުވަފަތް ފިރިކަލުންނެވެ.

އާޞިފް ޢަލީ ޒަރުދާރީ އަކީ ކުރިން ނޭޝަނަލް އެސެމްބްލީގެ މެންބަރެކެވެ. ބޭނަޒީރު ބުއްޓޫ ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމަށް އިސްވުމަށްފަހު އެކުލަވާލި ކެބިނެޓްގައި މިނިސްޓަރ އޮފް އެންވައިރޮމަންޓްގެ މަގާމް ލިބިވަޑައިގަތީ ވެސް އާޞިފް ޢަލީ ޒަރުދާރީ އަށެބެ. 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ޖެހެންދެން ސެނެޓަރ އެއްގެ ގޮތުގައި ވެސް އާޞިފް ޢަލީ ޒަރުދާރީ މަސައްކަތް ކުރައްވާފައި ވެއެވެ.

1990 ވަނަ އަހަރު ޕާކިސްތާންގެ ވިޔަފާރިވެރިއެއް ކަމުގައިވާ މުރުތަޒާ ބުޚާރީ ބްލެކްމޭލްކޮށް އޭނާގެ ގައިގައި ބޮން ހަރުކުރި ކަމުގެ ތުހުމަތުގައި އާޞިފް ޢަލީ ޒަރުދާރީ ހައްޔަރުކުރެވުނެވެ. ނަމަވެސް 1993 ވަނަ އަހަރު ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ވެރިކަން ލިބި އޭނާގެ އަނބިކަނބަލުން ބޭނަޒީރު ބުއްޓޫ ބޮޑުވަޒީރު ކަމަށް އިސްވުމާއެކު އާޞިފް ޢަލީ ޒަރުދާރީ މިނިވަންކޮށް ދޫކޮށް ލެވުނެވެ. 1997 ން 2004 އަށް އާޞިފް ޢަލީ ޒަރުދާރީ ބަންދުގައި ބެހެއްޓިފައި ވެއެވެ. އެއީ ކޮރަޕްޝަން ގެ މައްސަލަތަކާއި އަދި މީހުން މެރުމުގެ ތުހުމަތުގައެވެ. ނަމަވެސް 2004 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ތަފާތު ޕްރެޝަރުތަކުގެ ސަބަބުން ބެއިލް ބެހެއްޓުމަށްފަހު އާޞިފް ޢަލީ ޒަރުދާރީ މިނިވަން ކުރެވުނެވެ. އަދި 21 ނޮވެމްބަރު 2004ގައި އަނެއްކާވެސް އާޞިފް ޢަލީ ޒަރުދާރީ ބަންދުކުރެވުނެވެ.