Jump to content

އާދަމް ޝަރީފް ޢުމަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އާދަމް ޝަރީފް ޢުމަރު

އާދަމް ޝަރީފް ޢުމަރަކީ ދިވެހިރާއްޖޭގެ މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް) އެވެ. އެ މަނިކުފާނަކީ ރ. ފައިނު ބޭފުޅެކެވެ.

އާދަމް ޝަރީފް ޢުމަރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާއިން މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލުކުރައްވައިފައެވެ.

އާދަމް ޝަރީފް ޢުމަރަކީ، ތަޢުލީމީ ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ އުމުރުން އެންމެ 16 އަހަރުގައި، 22 ފެބުރުވަރީ 1981 ގައެވެ. ޕްރައިމަރީ ޓީޗަރުކަމުން ފެށިގެން ގޮސް ޔުނިވަރސިޓީގެ ލެކްޗަރަރކަން ވެސް ކުރައްވައިފައިވެއެވެ. ތަޢުލީމީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ދިރާސާތައް ހައްދަވައި، މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލައްވައި، މުޤައްރަރުތަކާއި ޓެކްސްޓް ފޮތްތަކަށް ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަހުލުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް އާދަމް ޝަރީފް ވަނީ ކުރައްވައިފައެވެ. 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުދައްރިސުންނަށް ބޭނުންވާ ޓީޗަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމާއި، މުދައްރިސުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ލާމަރުކަޒީ ގޮތެއްގައި ލިބޭނެ ނިޒާމެއް ޤާއިމުކުރެއްވުމުގައި އާދަމް ޝަރީފް އިސްދައުރެއް އަދާކުރައްވައިފައިވެއެވެ.

2009 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބަދަލަކާ ގުޅިގެން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ބައެއް މަސައްކަތްތައް، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން (ސީ.ސީ.އީ) އަށް ބަދަލުކުރައްވައި، އެ ސެންޓަރު ހިންގެވުން އާދަމް ޝަރީފާ ހަވާލުކުރެއްވިއެވެ. އޭގެފަހުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) 12 ޑިސެންބަރު 2012 ގައި އުފައްދަވައި، އެ މުއައްސަސާ ހިންގެވުން ވެސް އާދަމް ޝަރީފާ ޙަވާލުކުރެއްވިއެވެ.

އާދަމް ޝަރީފް ޢުމަރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންކަމާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަޤާމު ހިމެނެއެވެ. އަދި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވިއެވެ.

އާދަމް ޝަރީފް ޢުމަރު ދިވެހި ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވައިފައިވެއެވެ.