އާކޯއްޓޭ މަތިގެ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ލަޝްކަރު "ސިފައިން" މި ނަމުގައި 1892 ވަނަ އަހަރު އުފެއްދެވުމަށްފަހު ފުރަތަމަ ސިފައިންގެ ހެޑުކުއާޓަރަކީ އާކޯއްޓޭ މަތިގެއެވެ. މި ތަން ހުރީ ބޮޑުގަނޑުވަރުގެ އުތުރުފަރާތުން ކުރިމަތީގައި އޮންނަ ހުސްބިން (ގުޅަކުޅޭ ފަސްގަނޑު) ގައި ގަނޑުވަރަށް ވަދެވެން ހުންނަ ހިއްތަން ދޮރާށްޓަށްވުރެ ހުޅަނގުގައެވެ. މި ތަނަކީ އާކޯއްޓޭ ބުރުޒުގެ ގާތްގަޑަކަށް މަތީ ތުންފަތަށްވުރެ ތިރީގައި ތިންހަތަރު ފޫޓަކާއިހަމައަށް ވެލި އެޅުމަށްފަހު އެ ބުރުޒުތެރޭގައި ހަދާފައިވާ ޢިމާރާތެކެވެ. މިތަނުން އާކޯއްޓޭ މަތިގެއަށް ވަދެނިކުމެވެން ހުންނަނީ އޭރުގެ ރަސްކަމުގެ ގަނޑުވަރު ތެރެއިންނެވެ. 1934 ވަނައަހަރާ ހަމައަށް ދިވެހި ސިފައިން އާކޯއްޓޭ މަތިގެ ބޭނުންކުރިއެވެ.