Jump to content

އާނިސްޓް ހެމިންވޭ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އާނިސްޓް މިލާ ހެމިންވޭ

އާނިސްޓް ހެމިންވޭ އިޑާހޯގެ ސަންވެލީ ގައި, 1939
އުފަންވީ: (1899-07-21)ޖުލައި 21, 1899
Oak Park, Illinois, U.S.
ނިޔައުވީ:ޖުލައި 2 1961 (61 އަހަރުގައި)
Ketchum, Idaho, U.S.
Spouse:Elizabeth Hadley Richardson
(1921–1927)
Pauline Pfeiffer
(1927–1940)
Martha Gellhorn
(1940–1945)
Mary Welsh Hemingway
(1946–1961)
Children:Jack, Patrick, Gregory

އާނިސްޓް މިލާ ހެމިންވޭ (21 ޖުލައި 1899 އިން 2 ޖުލައި 1961) އަކީ އެމެރީކާގެ ލިޔުންތެރިއެކެވެ. އަދި ނޫސްވެރިއެކެވެ. އޭނާގެ ލިޔންތެރިކަމުގެ ކުލަ މުޅި 20 ވަނަ ގަރުނުގެ ފިކްޝަން (ހިޔާލީ) ލިޔުންތަކުގައި ޖެހިފައި ވެއެވެ. އޭނާގެ ލިޔުންތައް މައިގަނޑުގޮތެއްގައި ލިޔެވިފައި ވަނީ 1920 ގެ މެދުތެރެއިން ފެށިގެން 1960 ގެ މެދުތެރޭގައެވެ. އަދި 1954 ގައި އޭނާއަށް އަދަބިއްޔާތުގެ ނޮބެލް އިނާމް ލިބުނެވެ. އޭނާ 7 ވާހަކައާއި، 6 ކުރުވާހަކަ ފޮތާއި، 2 ނަންފިކްޝަން ޝާއިއު ކުރިއެވެ. މީގެ އިތުރުން 3 ދިގުވާހަކައާއި، 4 ކުރުވާހަކަ ފޮތާއި، 3 ނަންފިކްޝަން އޭނާ މަރުވުމަށް ފަހު ޝާއިއު ކުރެވުނެވެ. އޭނާ އަކީ އެމެރިކާގެ އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން އުފެއްދުންތެރި ލިޔުންތެރިއެކެވެ.

ހެމިންވޭ ބޮޑުވެގެން އައީ އިލިނޮއިސްގެ އޯކް ޕާކް ގައެވެ. ހައި ސްކޫޅް ނިންމުމަށް ފަހު "ދި ކަންސަސް ސިޓީ ސްޓާ" ގެ ރިޕޯޓަރެއްގެ މަގާމު ފުރިއެވެ. އޭގެ ފަހުން، އެއްވަނަ ބޮޑު ހަނގުރާމައިގައި އެމްބިއުލެންސް ޑްރައިވަރަކަށް މަސައްކަތް ކުރިއެވެ. 1918 ގައި އޭނާ ވަރަށް ބޮޑަށް ޒަހަމްވެ ގެއަށް އަންނަން ޖެހުނެވެ. އަދި އޭނާ ލިޔުނު "އަ ފެއާވެލް ޓު އާމްސް" ބިނާވެގެންވަނީ އޭނާ ހަނގުރާމައިގެ ބިމުގައި ކުރި ތަޖުރިބާތަކަށެވެ.

1921 ގައި އޭނާގެ ފުރަތަމަ އަނބި ހެޑްލޭ ރިޗަޑްސަން އާ ކައިވެނި ކުރިއެވެ. ދެމަފިރިން ޕެރިހަށް ބަދަލުވެ އެތާގައި ފޮރިން ކޮރެސްޕޮންޑެންޓް (ހާރިޖީ މުރާސިލް) އެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އެތާގައި އުޅެމުން، 1926 ގައި، އޭނާގެ ފުރަތަމަ ދިގުވާހަކަ "ދަ ސަން އޯލްސޯ ރައިޒެސް" ލިޔުނެވެ. ފަހުން 1927 ގައި އޭނާ ހެޑްލޭ ރިޗަޑްސަން ވަކރިކޮށް ޕޯލިން ފީފާ އާ ކައިވެނި ކުރިއެވެ. އަދި އެ ދެމީހުން ވަކިވީ ސްޕޭންގެ އަހުލީ ހަނގުރާމައިގައި ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު އެނބުރި އައުމަށް ފަހުއެވެ. އޭގެފަހުން 1940 ގައި "ފޯ ހޫމް ދަ ބެލް ޓޯލސް" ލިޔުނެވެ. 1940 ގައި ތިންވަނަ ކައިވެނި ކުރެވުނެވެ. އެއީ މާތާ ގެލްހޯން އާއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މޭރީ ވެލްޝް އާ ބައްދަލްވެ މާތާގެ ކައިވެނި ރޫޅާލެވުނެވެ.

1952 ގައި "ދި އޯލްޑް މޭން އެން ދަ ސީ" ޝާއިއު ކުރުމަށް ފަހު އެފްރިކާއާށް ދަތުރުކުރިއެވެ. މި ދަތުރުގައި ދެފަހަރެއްގެ މަތިން މަތިންދާބޯޓް ވެއްޓި އޭނާ އައް ލައްކަ އަނިޔާ ވިއެވެ. އޭނާގެ ބާކީ ހަޔާތް ވޭތުކުރަމުން ދިޔައީ މި އަނިޔާތަކުގެ ވޭނުގައެވެ. އޭނާ މަރުވީ 1961 ގައި އޭނާގެ އަމިއްލަ ގޭގައި އޭނަ އަމިއްލަ އަށެވެ.

ކުޑައިރުގެ ދިރިއުޅުން

[އުނިއިތުރު ގެންނަވާ]

އާނިސްޓް މިލާ ހެމިންވޭ އުފަންވީ 21 ޖުލައި 1899 ގައި އިލިނޮއިސް ގެ އޯކްޕާކުގައެވެ. އޭނާގެ ބައްޕަ، ކްލެރެންސް އެޑްމަންޑް ހެމިންވޭ އަކީ ޑޮކްޓަރެކެވެ. އަދި މަންމަ، ގްރޭސް ހޯލް ހެމިންވޭ އަކީ މޫސީގާރެކެވެ. އެ ދެމީހުންނަކީ ވެސް ރަގަޅު ތައުލީމާއި މުޖްތަމައުގެ އިހްތިރާމް ލިބިފައި ތިބި ދެމީހުންނެވެ. ކްލެރެންސާއި ގްރޭސް ދިރިއުޅެމުން އައީ ގްރޭސްގެ ބައްޕަ އާނިސްޓް ހޯލް އާ އެކުގައެވެ. އަދި އާނިސްޓް ހެމިންވޭ ގެ ނަން ނިސްބަތް ކުރެވިފައި އެވަނީ ގްރޭސްގެ ބައްޕަގެ ނަމަށެވެ. އޭގެ ފަހުން މި އާއިލާ 7 ކޮޓަރީގެ ގެއަކަށް ބަދަލުވިއެވެ. އެ ގޭގައި ގްރޭސް އަށް މިއުޒިކް ސްޓޫޑިއޯއަކާއި، ކްލެރެންސް އަށް މެޑިކަލް އޮފީހެއް ހުރެއެވެ.

ހެމިންވޭ ގެ މަންމަ އަބަދުވެސް ކޮންސަޓްތަކުގައި މިއުޒިކް ހުށަހަޅައިދެއެވެ. މަންމަ އަބަދުވެސް ބޭނުންވީ ހެމިންވޭ ލައްވާ ސެލޯ ކުޅުވާށެވެ. އެކަމަކު ހެމިންވޭ އެކަމާ އެއްބަހެއް ނުވެއެވެ. ނަމަވެސް ހެމިންވޭ ގެ ލިޔުންތެރިކަމަށް މިއުިކު ފިލާވަޅުތައް އެހީތެރިވި ކަމަށް އޭނާ އެއްބަސްވެއެވެ. އަދި މިޗިގަންގެ ވެލޫން ލޭކުގެ އައްސޭރީގައި އެއާއިލާގެ ގެއެއް ހުރެއެވެ. އެތާގައި އޭނާގެ އުރުން 4 އަހަރުގައި ބައްޕައާ އެކު މަސްބޭނުމާއި ޝިކާރަކުރުން ދަސްކޮށް ކޭމްޕް ކުރުން ތަޖުރިބާކުރިއެވެ.

1913 އިން 1917 އަށް ހެމިންވޭ އޯކްޕާކް އެން ރިވާ ފޮރެސްޓް ހައިސްކޫލުގައި ތައުލީމު ހާސިލްކުރިއެވެ. އެތާގައި ކިޔެވުމުގެ އިތުރުން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ ފަރިތަ ކުރިއެވެ. އޭނާގެ ދައްތައާ އެކު އޮކެސްޓްރާގައި 2 އަހަރު ބައިވެރި ވިއެވެ. އަދި ހާއްސަގޮތެއްގައި އިނގިރޭސި ބަހުން ރަނގަޅު ނަތީޖާ ހޯދިއެވެ. ސްކޫލުގައި އޭނާ ފެނީ ބިގްސްގެ ނޫސްވެރިކަމުގެ ކުލާހުގައި ބައިވެރިވިއެވެ. އެއީ ނޫސް އޮފީހެއްގެ ގޮތުގައި ހިންގާ ކުލާހެކެވެ. ކުލާހުން ހޮވާލެވޭ ރަގަޅު ލިޔުންތައް ސްކޫލު ނޫސް "ދި ޓްރެޕީޒް" ގައި ޝާއިއު ކުރެއެވެ. ހެމިންވޭގެ ލިޔުމެއް ފުރަތަމަ ޝާއިއު ކުރެވުނީ 1916 ގައެވެ. ސްކޫލު ނިންމުމަށް ފަހު މަސައްކަތް ކުރީ ރިޕޯޓަރެއްގެ ގޮތުގައެވެ. ލިޔުންތެރިއަކަށް ވުމުގެ ކުރިން ހެމިންވޭ އަކީ ރިޕޯޓަރެކެވެ. ނޫހުގައި ނަސައްކަތްކުރި 6 މަހުގެ ތެރޭގައި ވެސް އޭނާގެ ލިޔުންތެރި ވައްޓަފާޅި ދެމެހެއްޓިއެވެ. އެއީ ކުރު ޖުމުލައާއި، ފުރަތަމަ ޕެރެގްރާފް ކުރު ވުމާއި، ބާރުގަދަ ލަފްޒު ބޭނުންކުރުމާއި، ފަހި ނަޒަރުން ލިޔުމެވެ.

1 ވަނަ ބޮޑުހަނގުރާމަ

[އުނިއިތުރު ގެންނަވާ]

1918 ގެ ކުރީކޮޅު ރެޑް ކްރޮސް މެދުވެރިކޮށް އެމްބިއުލެންސް ޑްރައިވަރެއްގެ ގޮތުގައި އޭނާ އިޓަލީއަށް ދިޔައެވެ. އޭނާއަށް ޕެރިހަށް ދެވުނު އިރު އެތަން ވަނީ ގަރުމަނު ބޮމުން ސުންނާފަތި ވެފައެވެ.

8 ޖުލައިގައި، އޭނާ ހަނގުރާމަވެރިންނަށް ސިނގިރެޓާއި ޗޮކްލެޓް ގެންގޮސްދޭން ދަނިކޮށް އުންޑައަރާ ޒަހަމްވިއެވެ. އޭނާ ޒަހަމްވެ ހުރެގެންމެ، އިޓަލީ ސިފައަކު ރައްކާތެރި ސަރަހައްދަށް ގެންގޮސްދިނެވެ. މިސަބަބަށްޓަކައި އޭނާއަށް އިޓަލީގެ ފަރާތުން ހިތްވަރުގަދަކަމުގެ ރިހި މެޑެލް ދިނެވެ. ހާދިސާގައި އޭނާގެ ދެފައި ވަރަށް ބޮޑަށް ޒަހަމްވެ ބޮޑޫ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އަދި އިތުރު ފަރުވާއަށް މިލާންގެ ރެޑް ކްރޮސް ހޮސްޕިޓަލަށް ދގެންދެވެުނެވެ. އެތާގައި އޭނާ 6 މަސް ހޭދަކުރިއެވެ. އެތާގައި ވީ ދުވަސްތަކުގައި އޭނާއަށް ވުރެ 7 އަހަރު ދޮށީ ނަރުސް އެގްނީސް ވޮން ކްރޮސްކީ އާ ހިތާވިއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުން އެބުރި އެމެރިކާއަށް ގޮސް ވީހައި އަވަހަކަށް ކައިވެނި ކުރުމަށް ނިންމިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެގްނީސް އިޓަލީގެ އޮފިސަރަކާ އެންގޭޖްވީ ކަން ސިޓީއަކުން އެންގިއެވެ. ބައޮގްރަފާ ޖެފްރީ މެއާސް ބަޔާންކޮށްފައިވާ ގޮތުގައި އެގްނީސްގެ ކުއްލި ވަކިވުމުގެ އަސަރު ހެމިންވޭއަށް ވަރަށް ބޮޑަށް ކުރިއެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ އަނބިން އޭނާ ދޫކޮށްދިޔުމުގެ ކުރިން އަނބިމީހައާ ވަކިވުމުގައި އިސްނަގައެވެ.

ޓޮރޮންޓޯއާއި ޗިކާގޯ

[އުނިއިތުރު ގެންނަވާ]