އަޙްމަދު މުޢުތަޞިމް ޢަދުނާން
އަޙްމަދު މުޢުތަޞިމް ޢަދުނާން | |
|---|---|
އަޙްމަދު މުޢުތަޞިމް ޢަދުނާން، 2025 | |
| ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | |
މަޤާމުގައި 8 ޑިސެންބަރު 2019 – 21 ޖުލައި 2025 | |
| ނަން ހުށައެޅީ | އިބްރާހީމް މުޙައްމަދު ޞާލިޙު |
| ކުރިން ހުންނެވީ | އަޙްމަދު ޢަބްދުﷲ ދީދީ |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 2010–2014 | |
| ނަން ހުށައެޅީ | މުޙައްމަދު ނަޝީދު |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 9 ފެބްރުއަރީ 1965 މާލެ، ދިވެހިރާއްޖެ |
| އަނބި ނުވަތަ ފިރި | ފާޠިމަތު އަޒްލިފާ (1989) |
| ދަރިން | 3 |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް ކޮލަމްބޯ ސްރީލަންކާ ޔުނިވަރސިޓީ އޮފް ބަކިންގހަމް، އިނގިރޭސިވިލާތް ޔުނިވަރސިޓީ އޮފް ގްލެސްގޯ، ސްކޮޓްލޭންޑް |
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1965ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ. ބައްޕާފުޅަކީ އެކިއެކި މަޤާމުތަކުގައި ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައިވާ ޢަދުނާން ޙުސައިނެވެ.
ތަޢުލީމު ޙާޞިލުކުރެއްވުން
[އުނިއިތުރު ގެންނަވާ]ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ، ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިންނެވެ. ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވައިފައި ވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލުކުރައްވައިފައިވެއެވެ. އެ މަނިކުފާނަކީ، ދަ ހޭގް އެކެޑަމީ އޮފް އިންޓަރނޭޝަނަލް ލޯގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ވެސް މެއެވެ.
ޚިދުމަތް
[އުނިއިތުރު ގެންނަވާ]ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1983 ފެބުރުވަރީ 19ވަނަ ދުވަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމުގެ މަޤާމުންނެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓެރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް ކަމުގެ މަޤާމު އަދާކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް އެ މަނިކުފާނު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ. 1994ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އެ މަނިކުފާނެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލްތަކުގައްޔާއި، ކޮލެޖްތަކުގައި ޤާނޫނު ކިޔަވައިދެއްވުމަށްޓަކައި ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް އެ މަނިކުފާނު ވަނީ ވަރަށް އިސް އަދި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށް ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭ ލެވެލްގައި "ޤާނޫނު" މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން މަޖީދިއްޔާ ސްކޫލަށް ގެންދަވައިގެން، އޭ ލެވެލްއަށް ޚާއްޞަ ލޯ ކުލާސްތަކެއް، 1994ވަނަ އަހަރު ނަންގަވައިދެއްވަން ފެށްޓެވިއެވެ. މިއީ، އެ މަނިކުފާނު އަމިއްލަފުޅު އިސްނެންގެވުމެއްގެ މަތިން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އޭގެތެރެއިން ބައެއް ދަރިވަރުންނަކީ، ޤާނޫނީ ދާއިރާގައި މިހާރު ވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 2001 އެޕްރީލް 24ވަނަ ދުވަހުން ފެށިގެން 2005 ނޮވެންބަރު 2ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމު އަދާކުރެއްވިއެވެ. އެ ޔުނިވަރސިޓީގައި ފުރަތަމަފަހަރަށް ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕުރޮގުރާމުގެ ދަރިވަރުން ދަސްވެނިވީ، މުޢުތަޞިމްގެ ޑީންކަމުގެ ދައުރުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ކުރައްވާ ބައެއް ވަކީލުންނާއި ފަނޑިޔާރުން، މެޖިސްޓްރޭޓުންނާއި ދަށު ކޯޓުގެ ޤާޟީން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ހިމެނޭހެން، އެ ބޭފުޅުންނަކީ، އެ މަނިކުފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ފަންނުގެ ރޮނގުން ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1992ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް އިސްނެންގެވީ، އެ މަނިކުފާނެވެ. އެއީ "ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސް"ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ލޯ ފާރމެވެ. އެ މަނިކުފާނުގެ ޤާނޫނީ ޚިދުމަތް ފުޅާވަމުން އައީ، މި ލޯ ފާރމުގެ ޚިދުމަތާ އެކުގައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވައިގެން، ރާއްޖޭގައި ވަކާލާތު ކުރައްވަން ފެށްޓެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެކެވެ. އެ މަނިކުފާނުގެ ޤާނޫނީ މަސައްކަތްޕުޅު ޚާއްޞަވެފައި ވަނީ، ވިޔަފާރީގެ ޤާނޫނަށެވެ. ނުވަތަ ކޮމަރޝަލް ލޯއަށެވެ. އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް އެ މަނިކުފާނު ވަނީ ޤާނޫނީ ލަފާ ދެއްވައިފައެވެ. ރާއްޖޭގައި އެ ދުވަސްވަރު ހިންގައިފައިވާ ބޮޑެތި މަޝްރޫޢުތަކުގައި، ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ދައުލަތުން ހިންގެވި ބޮޑެތި މަޝްރޫޢުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބިނާކުރި ރިޒޯޓުތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާ ހަމަޔަށް ޤާނޫނީ ޚިދުމަތް އެ މަނިކުފާނު ވަނީ ފުޅާކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު ޢައްޔަންކުރެއްވުމާ ހަމަޔަށް މި ދެންނެވި ލޯ ފާރމްގެ ބައިވެރިއެއްގެ ގޮތުގައި އަދި އިސްބޭފުޅެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ.
ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަން އެ މަނިކުފާނު ފެށްޓެވީ، 2010 އޮގަސްޓު 15ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި، 2014 ޑިސެންބަރު 14ވަނަ ދުވަހާ ހަމައަށް އެ މަނިކުފާނު ވަނީ ޚިދުމަތްކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އެ މަނިކުފާނުގެ ނަންފުޅު، އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2019 ޑިސެންބަރު 8ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ ވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ. ޝަރަފުވެރިކަމާ އެކު އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރވެވަޑައިގެންނެވީ 2025ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއް ވެސްމެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމުގައި އިޚްލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2025 ޖުލައި 27ވަނަ ދުވަހު އަރުވައިފައިވެއެވެ.