އަޙުމަދު ޝަހީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ އަޙުމަދު ޝަހީދު

ޑރ. އަހްމަދު ޝަހީދު ސްޓްރެޓެޖިކް ސްޓަޑީޒްއިން ޑިގްރީ (ބީ.އެސް.ސީ.އިކޯން) ޙާޞިލް ކުރެއްވީ 1989 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެބްރިސްޓްވިދް އިންނެވެ. އެއަށްފަހު 1995 ވަނަ އަހަރު އޮސްޓްރޭލިއާގެ ބްރިސްބަންގެ ޔުނިވަރސިޓީ އޮފް ކުއިންސްލޭންޑުން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވިއެވެ.

1982 ވަނަ އަހަރުގައި ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގެން، ޑރ. ޝަހީދު ދެއަހަރު ދުވަހުގެ މުއްދަތަކަށް ނިއުޔޯކުގައި ހުންނަ ޔޫ.އެން.އަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި މަސައްކަތްކުރެއްވިއެވެ. ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު، 1991 ވަނަ އަހަރު އޮސްޓްރޭލިއާއަށް ޕީ.އެޗް.ޑީ އަށް ކިޔަވާވިދާޅުވުމަށް ވަޑައިގަތުމުގެ ކުރިން، ފޮރިން މިނިސްޓްރީގައި ރިސަރޗް އެންޑް އެނެލެސިސް ސެކްޝަނެއް ޑރ. ޝަހީދު ވަނީ ޤާއިމްކުރައްވާފައެވެ.

1995 ވަނަ އަހަރު ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގެ ބައިލެޓެރަލް ޑިވިޜަންގައި ޑރ. ޝަހީދު މަސައްކަތްކުރެއްވިއެވެ. އެއަށްފަހު، ސާކް ޑިވިޜަންގެ އެންމެ އިސް މަގާމަށް ޑރ.ޝަހީދު ވަނީ އައްޔަނުކޮށްފައެވެ. އަދި 1997 ވަނަ އަހަރު މާލޭގައި ބޭއްވި ސާކް ސަމިޓަށް ފަހު، ސާކް ގެ "އެމިނަންޓް ޕާސަންސް ގްރޫޕް" އަށް ޑރ. ޝަހީދު އައްޔަނުކުރެއްވުމުން، އެ މަޤާމުގައި ހުންނަވައިގެން ސާކްގެ އިޖްތިމާޢީ އެއްބަސްވުމެއް އެކުލަވާލެއްވިއެވެ.

1999 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2004 ވަނަ އަހަރުގެ މޭ މަހާ ހަމައަށް، ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީގެ މަޤާމު ފުރުއްވުމަށްފަހު، 2004 ވަނަ އަހަރުގެ ޖޫން މަހުން 2005 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް، މިނިސްޓަރުގެ ނާއިބާ އެއްފެންވަރެއްގެ މަޤާމެއްގެ ގޮތުގައި ޗީފް ގަވަރމަންޓް ސްޕޯކްޕާސަންގެ މަޤާމުވެސް ޑރ. ޝަހީދު ވަނީ ފުރުއްވާފައެވެ.

2005 ޖުލައި 14 ވަނަ ދުވަހުން ފެށިގެން، ޑރ. ޝަހީދު ފުރައްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ފޮރިން އެފައާޒް ގެ މަޤާމެވެ.

ޑރ. ޝަހީދަކީ އޯޕަން ސޮސައިޓީ އެސޯސިއޭޝަންގެ އެއްމުއައްސިސެވެ. މީގެ އިތުރުން ޑރ. ޝަހީދަކީ ސައުތު އޭޝިއާ ފައުންޑޭޝަން މޯލްޑިވްސް ޗެޕްޓަރ ގެ ޗެއާރޕާސަންވެސް މެއެވެ. ޑރ. ޝަހީދު ވަނީ ބައިނަލް އަޤްވާމީ ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ބޭއްވުނު ތަފާތު ބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ސަރަހައްދީ އެއްބައިވަންތަކަމާއި، ޤައުމީ ސަލާމަތާއި، ޓެރަރިޒަމް އަދި ސިޔާސީ ތަރައްޤީއާ ބެހޭ ގިނަ ކަރުދާސްތަކެއް ހުށަހަޅުއްވާފައެވެ.

2004 ވަނަ އަހަރު ޑރ. ޝަހީދު ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރަކަށް އައްޔަނުކޮށްފައެވެ. ޑރ. ޝަހީދަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ އެއް މުއައްސިސްގެ އިތުރުން އިސްލާހު ގެނައުމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ "ނިއު މޯލްޑިވްސް" ގެ މެންބަރެކެވެ.