އަޙުމަދު ދޮށިމޭނާ ކިލެގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އަކީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބައްޕާފުޅެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އަކީ އަތިރީގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ގެ ދޮށީ ދަރިކަލުން އަތިރީގެ އަޙުމަދު ދީދީ އެވެ. އަދި އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނު އަކީ ވެސް އެކިލެގެފާނު އެވެ. މަންމައަކީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުންގެ މަރިޔަމް ދީދީ އެވެ. ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1285 ގައެވެ. މީލާދީން 1886 ގައެވެ.

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އަކީ އިސްކޮޅުން މެދުމިނުގެ އޮޅަލި ބޭފުޅެކެވެ. ފުރަތަމަ ކާވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ އާގަނޑުވަރު ތުއްތު ގޮމާ އާއެވެ. ދެން ރޯނުގޭ އިބްރާހީމް ދީދީގެ ޢާއިޝާ ދީދީ އާއެވެ. ބޭފުޅުން ލިބިވަޑައިގަތީ ޢާއިޝާ ދީދީގެ ކިބައިންނެވެ. އައްނަބީލާ މަރިޔަމް އަމީން،އައްނަބީލާ އާމިނަތު އަމީން، އަދި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ މިކިލެގެފާނުގެ ދެބޭފުޅުންނެވެ.

ތަޢުލީމް ޙާޞިލްކުރުން[އުނިއިތުރު ގެންނަވާ]

މާލެއިން އެޒަމާނުގައި ދީނީ އިލްމު އުގެނެވެން އޮތް ފެންވަރުގައި، އެކަމުގެ މަޢުލޫމާތު ވަރަށް ތުއްޕުޅު އިރު ހޯއްދަވައި، މަތީ ތައުލީމު ހޯއްދެވުމަށްޓަކައި، ބޭރަށް ވަޑައިގަތެވެ. ސިލޯނުގެ ރިޗްމަންޑް ކޮލެޖުންނާއި، އަދި ބައެއް ޚާއްޞަ ތަންތަނުން ތަޢުލީމު ޙާޞިލް ކުރެއްވި އެވެ. މިގޮތުން އެންމެ ފުރަތަމަ އިގިރޭސި ތަޢުލީމް ޙާޞިލްކުރި ދިވެއްސަކީ ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ. ޢަރަބި، އުރުދޫ، އިގިރޭސި، ސިންގަޅަ، މިބަސްތައް ވަރަށް ރަގަޅު ފެންވަރުގައި ދެނެވަޑައިގަންނަވައެވެ. ޚާއްޞަކޮށް އިގިރޭސި ބަހާއި ޢަރަބި ބަހެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ޔޫރަޕަށް އެންމެ ފުރަތަމަ ދަތުރުކުރި ދިވެއްސަކީ ވެސް ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ. ތުރުކީގައި އޮތް އިސްލާމީ ޚިލާފަތުގެ ދުވަސްވަރު އިސްތަންބޯލް ގައި ހުންނެވި، ސައްޔިދުލް ފަޟްލު ޕާޝާ އާއި ބައްދަލުކުރައްވާ ޢުލުވި ޠަރީޤާ އަށް ބައިޢަތު ހިއްޕަވައި، ޚަލީފަތުލް އަޢުޒަމް ޢަބުދުލް ޙަމީދު ޚާންގެ ފައިވާންފުޅު ދެކެވަޑައިގަތުމުގެ ޢިއްޒަތާއި ޝަރަފު ޙާޞިލް ކުރެއްވި އެވެ.

އަޙުމަދު ދޮށިމޭނާ ކިލެގެފާނު އަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން ހުންނެވި ވަރައަވެރިއެކެވެ. އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތްކުރެއްވީ އަތިރީގޭ މުހައްރިރެކެވެ. އަދި އަތިރީގެ ފަރުމާ ކުރެއްވި އިންޖިނޭރަކީ ވެސް މިއީއެވެ. ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. ބަންގާޅުގައި ހުންނަވައިގެން ރާއްޖެއަށް ބޭނުންވާ ފޮތްތައް ޗާޕުކޮށް ހެއްދެވި އެވެ.

ގައުމީ ޚިދުމަތް[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. އެރަދުންނާއި ހަމައިން ފެށިގެން އޭގެ ފަހުން ވަޑައިގެންނެވި ހުރިހާ ރަސްކަލުންގެ ޚާއްޞަ މުސްތަޝާރަކަށް އޭނާ ހުންނެވި އެވެ. ޕްރައިވެޓް ސެކެޓްރީ ކަމުގެ މަގާމާއި، ކިލެގެކަން ލިބިވަޑައިގަތެވެ. ކިލެގެކަމުގެ ޢިއްޒަތް ލިބިވަޑައިގަތީ ހިޖުރައިން 1311ހ ވަނަ އަހަރު އެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ދޮށިމޭނާ ކިލެގެކަން
  • ޕްރައިވެޓް ސެކެޓްރީކަން
  • ކަސްޓަމްސްގެ ވެރިކަން
  • ޕޯސްޓް އޮފީހުގެ ވެރިކަން
  • ގާނޫނު އަސާސީ އުފެއްދި މަޖުލީހުގެ މެންބަރުކަން

ފާހަގަކުރެވޭ ސިފަތައް[އުނިއިތުރު ގެންނަވާ]

ދިވެހި އުއްމަތުގައި ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ޚާއްޞަ ވެގެންވަނީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އުފެދުނު ވަރަޢަވެރި، ޒާހިދު، އަތްމަތި ދީލަތި، ތަޤްވާވެރި ކަމުގައި އަރާހުންނެވި، ބޮޑު މުޞްލިޙެއްގެ ގޮތުންނެވެ. ޢިލްމު އުގެނުމަށް ކަރައަށްދާ އެކިމީހުންނަށް ފައިސާގެ ގޮތުން އެހީވެދެއްވައި، ދީނީ ފޮތްފޮތް އަމިއްލަ ފުޅު ޚަރަދުގައި ޗާޕްކުރައްވައި، ޝާއިޢުކުރެއްވުން ފަދަ އެތައް ކަމެއް ޢާންމު ޚިދުމަތުގެ ގޮތުގައި ކުރެއްވެވިއެވެ. ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި އަބަދުވެސް އެމަނިކުފާނު ފާހަގަކުރެވިގެންވަނީ ދައުލަތަށް ތެދުވެރި ޚާދިމެއްގެ ގޮތުންނެވެ. އަދި ސިޔާސީ މުޙައްނިކެއްގެ ގޮތުން ވެސް މެއެވެ.

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އަކީ ފަހަކަށް އައިސް ދިވެހިރާއްޖެގައި އޮތް ސިޔާސީ ދެޢާއިލާ ކަމުގައިވި ކަކާގޭ ޚާންދާނާއި، އަތިރީގޭ ޚާންދާން ގުޅާލެވުނު ހަރުދަނާ ބޮޅެވެ. މިގޮތުން އަތިރީގެ ޚާންދާންގެ ސިޔާސީ ނަވުގެ މާލިމީ އަކީ އެކިލެގެފާނު ކަމުގައި ބުނެވިދާނެއެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 13 ޖުމާދިލް އޫލާ 1364ހ، 25 އެޕްރީލް 1945މ ގައި މާލޭގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު