އަޔަޑިން
އަޔަޑިން(އިނގިރޭސި ބަހުން: Iodine) އަކީ އިންސާނުންނަށް ވަރަށް މުހިއްމު ޓްރޭސް އެލިމެންޓް އެކެވެ. ބޮޑު މީހެއްގެ ހަށިގަނޑުގައި 50-20 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށް އަޔަޑިން ހުރެއެވެ. މީގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަބައި ހުންނަނީ ތައިރޮއިޑް ގްލޭންޑް ގެ ތެރޭގައެވެ. ބާކީ ބައި ހުންނަނީ ލޭގައި ހުންނަ ތައިރޮއިޑް ހޯރމޯން ގަޔާއި، ބިސްރަވަ، އަދި މަސްތަކުގައެވެ. އަޔަޑިން އަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް މާއްދާ އެވެ. އިންސާނާގެ ސިކުނޑި އާއި ސިކުނޑިއާއި ގުޅިފައިވާ ނާރުތައް ފުރިހަމަވުމާއި، އޭގެ މަސައްކަތް އެންމެ ފުރިހަމައަށް ހިންގުމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި، ހަށިގަނޑުގެ ފިނިހޫނުމިން ހުންނަން ޖެހޭ މިންވަރަށް ހިފެހެއްޓުމަށް ތައިރޮއިޑް ހޯރމޯން ވަރަށް މުހިއްމު ދައުރެއް ކުޅެއެވެ. އަދި މީގެ އިތުރުން ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މިހޯރމޯން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ބޮޑެތި ވަމުން އަންނަ ކުދިންނަށް އަޔަޑިން މަދުވެއްޖެނަމަ ތޫނުފިލިކަން ވެސް ދަށްވެއެވެ. އަޔަޑިން އަކީ ބިމުގެ މަތީ ފަށަލައިގައި އެކުލެވިގެންވާ މާއްދާ އެކެވެ. އެހެން ކަމުން ފުރިހަމައަށް އަޔަޑިން ހުންނަ ބިމެއްގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި ފުރިހަމައަށް އަޔަޑިން އެކުލެވިގެންވާނެއެވެ. އަދި އަޔަޑިންގެ ބައި މަދު ބިންތަކުގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި އަޔަޑިން މަދުވާނެއެވެ. އާންމުކޮށް ފަރުބަދަމަތީ ރަށްތަކުގެ ބިމުގައި އަޔަޑިން ހުންނަލެން މަދުވާނެއެވެ. ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ އެއްގަމު މަސް، ކަނޑުމަސް، އަދި ދޫނި ސޫފާސޫފީގެ މަހުގައި، އެކުލެވޭ އަޔަޑިންގެ މިންވަރު އެތަކެތި ކައިބޮއިއުޅޭ ތަކެތީގެ ގޮތުން ތަފާތު ވެއެވެ. މިސާލަކަށް ގެރިމަސް އަދި ގެރިކިރުގައި އެކުލެވޭ އަޔަޑިންގެ މިންވަރު މަދުވާނެއެވެ. އެއީ އޭތި ކައިއުޅޭ ފަތްޕިލާވެލީގައި އަޔަޑިން މަދުވީމައެވެ. އެކަމަކު ކަނޑުމަހުގެ ބާވަތްތަކުގައި (ޚާއްޞަކޮށް ފަޅުގައި އުޅޭ މަހުގައި) އަޔަޑިން ގިނަވާނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑުގައި އަޔަޑިން ހުރުމާއި، އެފަދަ މަސްތައް ކައިއުޅޭ މޫދު ހުއިގައި އަޔަޑިން އެކުލެވޭ މިންވަރު ގިނަވީމައެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އަޔަޑިން ހަށިގަނޑުގައި މަދުނަމަ ތައިރޮއިޑް ބޮޑުވުން ފަދަ މައްސަލަތައް ޖެހުން ވަރަށް ކައިރިވާނެއެވެ. މިބައި ހަށިގަނޑުގައި ހަމައަށް ބެހެއްޓުމަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަޔަޑިން އެޅި ލޮނު ކާތަކެތި ކެއްކުމުގައި ބޭނުންކުރުމެވެ.
އަޔަޑިންގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ކަމަށް ބަލަނީ ފިރިހެނުންނާއި އަންހެނުންނަށް 150 މައިކްރޯގްރާމް އެވެ. އަޔަޑިން އެކުލެވޭ ބޭސްތައް ބޭނުންކުރެވޭ ކަންތައްތަކުގެ ތެރޭގައި އަޔަޑިން މަދުވުމުން ދިމާވާ ކަންތައްތަކަށާއި، އަދި އުރަމަތީގައި ހިމެނޭ ފައިބްރޯސިސްޓް އަށް ދޭ ފަރުވާއެއްގެ ގޮތުގައި ހިމެނެއެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003