އަސްދާނު ރައިވެރިމަސް
އަސްދާނު ރައިވެރިމަސް (ސައިންޓިފިކް ނަން: Sargocentron caudimaculatum)ނުވަތަ (އިނގިރޭސި ބަހުން: Silverspot squirrelfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގެ މުރަކަތަކާއި ގާތަކުގެ ވެށީގައި ގިނައިން އުޅޭ މަހެކެވެ. ރާއްޖޭގައި އެންމެގިނަ އަދި ދިވެހި މަސްވެރިން ދަންނަ އެބައިމީހުން ބާނާއުޅޭ ރައިވެރިމަހާ ވަރަށް އެއްސިފައެއް ހުންނަ މަހެކެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސް މެއެވެ. އެހެން ރައިވެރިމަހެކޭ އެއްފަދައިން މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ގަލުގެ ހޮަހަޅަތަކާ ބޮޑެތި ހަތާތަކުގެ އަދި ފަރުބޭރު ގާތަކުގެ ނިވަލުގައެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ނިގޫފަތާ ދިމާއިން މަހުގެ މަތީގައި ހުދު ރިހިކުލައިގެ ލަފެއް ހުރެއެވެ. މިލައް ހުންނަނީ އަސްދާނެއްގެ ގޮތަށް މަހުގެ ދެފަރާތަށެވެ. މަހުގެ މިސިފަޔަށް ވިސްނާ މިމިހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު އިގިރޭސި ނަމާ ވެސް ގުޅޭގޮތަށް އަސްދާނު ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.
މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 24 ސެންޓި މީޓަރަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 18 ސެންޓި މީޓަރެވެ. ރައިވެރިމަހުގެ ވައްތަރުތަކުގެ މައިގަނޑު ކާނާއަކީ މޫދުއަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ ދިރުންތަކެވެ. އޭގެ ތެރޭގައި ޑިނގާއާއި ކުދިމަހާ އަދި ފަނީގެ ބާވަތްތައް ހިމެނެއެވެ.