އަލްޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ

ނަންފުޅާއި ކުންޔާ
[އުނިއިތުރު ގެންނަވާ]އިބްނު ޙަޖަރު رحمه الله ގެ ފުރިހަމަ ނަންފުޅަކީ شهاب الدين أبو الفضل أحمد بن علي بن محمد بن محمد بن علي بن محمود الكناني العسقلاني ثم المصري (ޝިހާބުއްދީން އަބުލްފަޟްލު އަޙްމަދު ބިން ޢަލީ ބިން މުޙައްމަދު ބިން މުޙައްމަދު ބިން ޢަލީ ބިން މަޙްމޫދު އަލްކިނާނީ އަލްޢަސްޤަލާނީ އަލްމިޞްރީ) އެވެ. "އިބްނު ޙަޖަރު" އަކީ އެކަލޭގެފާނުގެ ކުންޔާއެވެ. އަދި އެ ނަންފުޅަކުން އެ ކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވާ ނަންފުޅެވެ. އެކަލޭގެފާނަކީ މިޞްރުގެ ޤާހިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އިބްނު ޙަޖަރު އަލްޢަސްޤަލާނީ އޭ ކިޔެނީ އެ ކަލޭގެފާނުގެ ކާބަފައިން ޢަސްޤަލާނަށް ނިސްބަތްވާތީއެވެ.
ދުނިޔޭގެ އަލިކަންދެކެވަޑައިގަތުން
[އުނިއިތުރު ގެންނަވާ]އިބްނު ޙަޖަރު رحمه الله ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ހިޖުރައިން 773ވަނަ އަހަރުގެ ޝަޢުބާން މަހުގެ 22ވަނަ ދުވަހުއެވެ. އެ ކަލޭގެފާނުގެ ތުއްޕުޅުއިރު މަންމާފުޅާއި ބައްޕާފުޅު އަވަހާރަވުމުން ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ.
އެ ކަލޭގެފާނުގެ އުސްތާޛުންނާއި ދަރިވަރުން
[އުނިއިތުރު ގެންނަވާ]އިބްނު ޙަޖަރު رحمه الله ވަރަށް ގިނަ ޢިލްމުވެރީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އެ ކަލޭގެފާނު ވަނީ، އެ ކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ޢިލްމުވެރިން ބަޔާންކުރައްވައި ފޮތެއް އެކުލަވާލައްވާފައެވެ. އެ ފޮތުގެ ނަމަކީ "المجمع المؤسس للمعجم المفهرس" (އަލްމުޖްމަޢުލްމުއައްސަސު ލިލްމުޢުޖަމިލްމުފަހްރަސް) އެވެ. އެކަލޭގެފާނުގެ މަޝްހޫރު ދަރިވަރެއްކަމުގައިވާ އަލްޙާފިޡް އައްސަޚާވީ رحمه الله ވިދާޅުވެފައިވާ ގޮތުގައި، ތަކުރާރުކުރުމެއްނެތި އިބްނު ޙަޖަރު رحمه الله ގެ ޝައިޚުންގެ ޢަދަދު 630 އަށް އަރައެވެ. އެ ކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި އިބްރާހީމް ބުން އަޙްމަދު ބުން ޢަބްދުލްވާޙިދު އައްތަނޫޚީ، އަލްއިމާމް އަލްޙާފިޡް އަބުލްފަޟްލު އަލްޢިރާޤީ، އަލްޙާފިޡް ޢަލީ ބުން އަބީބަކުރު އަލްހައިޘަމީ، އަލްއިމާމް ޢުމަރު ބުން ރަސްލާން އަލްބުލްޤީނީ، އަލްއިމާމް އިބްނު މުލައްޤިން ޢުމަރު ބުން ޢަލީ ބުން އަޙްމަދު، އަލްއިމާމް މުޙައްމަދު ބުން އަބީބަކުރު ބުން ޢަބްދުލްޢަޒީޒު ބުން މުހައްމަދު އިބްނު ޖަމާޢާ ހިމެނެއެވެ. (رحمهم الله)
އިބްނު ޙަޖަރު رحمه الله ގެ އަރިހުން ވަރަށް ގިނަ ދަރިވަރުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އަލްޙާފިޡް އައްސަޚާވީ رحمه الله ވަނީ އިބްނު ޙަޖަރު رحمه الله ގެ 626 ދަރިވަރުންގެ ނަން ގެންނަވައިފައިވެއެވެ. އެ ކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އަލްޙާފިޡް އަޙްމަދު ބުން އަބީބަކުރު އަލްބޫޞީރީ އައްޝާފިޢީ، އަލްޙާފިޡް މުޙައްމަދު ބުން ޢަބްދުއްރަޙްމާން އައްސަޚާވީ، މުޙައްމަދު ބުން ޢަބްދުލްވާޙިދު އިބްނު އަލްހުމާމް އަލްޙަނަފީ، ޢުމަރު ބުން މުޙައްމަދު އިބްނު ފަހްދު އަލްމައްކީ، އަލްޙާފިޡް ޤާސިމް ބުން ޤުޠުލޫބުޣާ އަބުލްޢަދުލް އަލްޙަނަފީ، ބުރްހާނުއްދީން އިބްރާހީމް ބުން ޢުމަރު އަލްބަޤާޢީ ހިމެނެއެވެ. (رحمهم الله)
ލިޔުއްވި ފޮތްތައް
[އުނިއިތުރު ގެންނަވާ]އިބްނު ޙަޖަރު رحمه الله 273 ފޮތް ލިޔުއްވިކަމަށް އަލްޙާފިޡް އައްސަޚާވީ رحمه الله ބަޔާންކުރައްވައެވެ. އަދި އަލްއުސްތާޛު ޑރ. ޝާކިރު މަޙްމޫދު ޢަބްދުލްމުންޢިމް އަލްހައިތީ ލިޔުއްވި "ابن حجر العسقلاني مصنفاته ودراسة في منهجه وموارده في كتابه الإصابة" މި ފޮތުގައި އިބްނު ޙަޖަރު رحمه الله ގެ 282 ފޮތް ބަޔާންކުރައްވައިފައިވެއެވެ.
އެ ކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތައް:
- فتح الباري بشرح صحيح البخاري (ފަތުޙުލްބާރީ ބިޝަރަޙި ޞަޙީޙުލްބުޚާރީ)
- تهذيب التهذيب (ތަހުޛީބުއްތަހުޛީބު)
- بلوغ المرام من أدلة الأحكام (ބުލޫޣުލްމަރާމް މިން އަދިއްލަތިލްއަޙްކާމް)
- الإصابة في تمييز الصحابة (އަލްއިޞާބާ ފީ ތަމްޔީޒިއްޞަޙާބާ)
- متن نخبة الفكر في مصطلح اهل الاثر(މަތުނު ނުޚްބަތުލްފިކްރު ފީ މުޞްޠަލަޙް އަހްލުލްއަޘަރު)
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]
އިބްނު ޙަޖަރު رحمه الله އެންމެ އިސް ޤާޟީކަމުން އަމިއްލައަށް ދުރުވެވަޑައިގެން ހުންނަވަނިކޮށް ހިޖުރައިން 852ވަނަ އަހަރު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތެވެ. އެއީ އެ އަހަރުގެ ޛުލްޤަޢިދާ މަހުގެ 11ވަނަ ދުވަހުއެވެ. އެ ކަލޭގެފާނު އަވަހާރަވީ ހިޖުރައިން 852ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 28ވީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެ ކަލޭގެފާނުގެ ޖަނާޒާގައި ފަންސާސް ހާހަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށްވެއެވެ.
އިބްނު ޙަޖަރު رحمه الله ގެ މައްޗަށް މައްކާ، ބައިތުލް މަޤްދިސް، ދިމިޝްޤު، ޙަލަބު އަދި މި ނޫންވެސް އިސްލާމީ އުންމަތުގެ ރަށްތަކުގައި ޣައިބަށް ކަށުނަމާދުކުރިއެވެ.