Jump to content

އަލްއިމާމު މާލިކު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
الْإِمَامُ مَالِك ގެ ނަންފުޅު (ޢަރަބިބަހުން)
الْإِمَامُ مَالِك ލިޔުއްވި المُوَطَّأ ގެ ޗާޕެއް

الْإِمَامُ مَالِك އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 93ވަނަ އަހަރު އަލްމަދީނަތުލްމުނައްވަރާ (މަދީނާ) ގައެވެ. އެ ކަލޭގެފާނުގެ ނަންފުޅަކީ مَالِكُ بْنُ أَنَسِ (މާލިކު ބިން އަނަސް) އެވެ. އެ ކަލޭގެފާނުގެ ކުންޔާ އަކީ (أَبُو عَبْدِ اللَّهِ) އެވެ. އެ ކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން މާލިކީ މަޛްހަބުގެ އިމާމެވެ. الْإِمَامُ مَالِك މަޝްހޫރުވެވަޑައިގެންފައި ވަނީ إمام دار الهجرة (އިމާމު ދާރުލްހިޖުރާ) މި ނަމުންނެވެ. އެހެނީ ދާރުލްހިޖުރާ އަކީ މަދީނާއަށް ކިޔޭ ނަމަކަށްވެފައި الْإِمَامُ مَالِك އަކީ މަދީނާގެ ބޭކަލެކެވެ.

އެ ކަލޭގެފާނާ ބެހޭގޮތުން الْإِمَامُ الشَّافِعِي ވިދާޅުވެފައިވެއެވެ. "ޢިލްމުވެރީންގެ ވާހަކަ ދެކެވޭ ނަމަ، (އެ ބޭކަލުންގެ ތެރެއިން) ތަރިއަކީ الْإِمَامُ مَالِك އެވެ." الْإِمَامُ الْبُخَارِيّ ވިދާޅުވެފައިވެއެވެ. ހުރިހާ ސަނަދުތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑީ "اِبْن عُمَر ގެ އަރިހުން نَافِعُ ގެ އަރިހުން مَالِكُ އެވެ." މި ސަނަދަށް الْإِمَامُ الْبُخَارِيّ ދެއްވައިފައިވާ ނަމަކީ سِلْسِلَةُ الذَّهَبُ (ރަނުގެ ބޮޅުފަތި) އެވެ.

الْإِمَامُ مَالِك ތުއްޕުޅުއިރު ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ޢިލްމު ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެ ގޮތުން ابْنُ هُرْمُز ގެ އަރިހުން ހަތް އަހަރުވަންދެން ކިޔަވައި ވިދާޅުވިއެވެ. އަދި މާތް ޞަޙާބީ عَبْدُ اللَّهِ بْنِ عُمَر ގެ ދަރިވަރެއް ކަމުގައިވާ نَافِع ގެ އަރިހުންނާއި ޙަދީޘް ޢިލްމުވެރިޔާ مُحَمَّدُ بْنُ شِهَابٍ الزُّهْرِي ގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.

الْإِمَامُ مَالِك ގެ ޢުމުރުފުޅުން ސަތާރަ އަހަރުފުޅުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެ ކަލޭގެފާނު ކަމެއްގައި ފަތުވާއެއް ދެއްވާ ނަމަ އެ ކަމާ މެދުގައި މަދީނާގެ ހަތްދިހަ ޢިލްމުވެރީންނާ މަޝްވަރާކުރެއްވުމަށްފަހުގައި މެނުވީ ފަތުވާއެއް ނުދެއްވައެވެ.

الْإِمَامُ مَالِك ގެ އެންމެ ބޮޑު މަސައްކަތްޕުޅަކީ އެ ކަލޭގެފާނު ލިޔުއްވި المُوَطَّأ އެވެ. މިއީ މަޝްހޫރު ޙަދީޘް ފޮތެކެވެ. މި ފޮތް ލިޔުއްވުމަށް ޓަކައި އެ ކަލޭގެފާނު ސާޅީސް އަހަރު ހޭދަކުރެއްވިކަމަށްވެއެވެ.

الْإِمَامُ مَالِك ގެ ދަރިވަރުންގެ ތެރޭގައި عَبْدُ الرَّحْمَنِ بْنِ الْقَاسِم އާއި، عَبْدُ اللَّهِ بْنِ وَهَب އާއި، أَشْهَبُ بْنُ عَبْدِ الْعَزِيزއާއި، عَلِيُّ بْنُ زِيَاد އާއި، عِيسَى بْنُ دِينَار އާއި، أَحْمَدُ بْنُ مُعَذَّل އާއި، الْإِمَامُ الشَّافِعِي ހިމެނެއެވެ.

الْإِمَامُ مَالِك އަވަހާރަވީ ހިޖުރައިން 179ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި މާތްވެގެންވާ މަދީނާގައެވެ. ފަސްދާނުލައިފައި ވަނީ އަލްބަޤީޢުގައެވެ.