އަލްއަޒުހަރު ޔުނިވަރސިޓީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްއަޒުހަރު ޔުނިވަރސިޓީ ފެށިގެން އައީ އަލްއަޒުހަރު މިސްކިތުންނެވެ. ފާޠިމީ ޚިލާފަތުގެ ޚަލީފާއެއް ކަމުގައިވާ އަލް މުޢިއްޒު ލިދީނިﷲ އަލްފާޠިމީ ގެ ޚިލާފަތުގައި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރ ޖައުހަރު އައް ސިޤިއްލީ، މިޞްރުގެ އަލް-ޤާހިރާ ބިނާކުރެއްވިއެވެ. މިގޮތުން ޤާހިރާގެ މައި މިސްކިތުގެ ގޮތުގައި ބޭނުންކުރުމަށް އަލްއަޒުުހަރު މިސްކިތުގެ ބިންގާ 358 ހ. (969 މ) ގައި އެޅުނެވެ. މިމިސްކިތް ބިނާކުރެވި، އެންމެ ފުރަތަމަ އަލްއަޒުހަރު މިސްކިތުގައި ކުރެވުނު ނަމާދަކީ 7 ރަމަޟާން 361 ހ ވީ ހުކުރު ދުވަހު ކުރެވުނު ހުކުރު ނަމާދެވެ.

ގިނަ ތާރީޚު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި މިސްކިތަށް އަލްއަޒުހަރުގެ ނަމުން ނަންދެވުނީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރިކަނބަލުން ފާޠިމަތު އަލްޒަހްރާގެ ނަންފުޅަށް ނިސްބަތްކުރެވިގެންނެވެ.

އަޒްހަރު މިސްކިތުގައި ފުރަތަމަ ކިޔަވައިދޭން ފެށުނީ ހިޖްރައިން 365 ވަނަ އަހަރު (އޮކްޓޯބަރ 975) ގައެވެ. އެދުވަސްވަރު މިޞްރުގެ އިސްގާޟީގެ މަޤާމު ފުރުއްވަމުން ގެންދެވި އަބުލް ޙަސަން ޢަލީ ބިން ނުޢުމާން، ޝިޔަޢީ މަޒުހަބުގެ ފިޤްހު ފޮތެއްކަމުގައިވާ 'އަލް އިޚްތިޞާރ'ު އަޒްހަރުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެއަށްފަހު އަލްވަޒީރު ޔަޢުޤޫބް އިބްނު ޚަލާޞްވެސް ޝިޔަޢީ މަޒްހަބުގެ ފިޤްހުގެ މައްޗަށް އޭނާ ލިޔުއްވި ފޮތް 'އައް ރިސާލާ އަލް ޢަޒީޒިއްޔާ' އަޒްހަރު މިސްކިތުގައި ކިޔަވައިދެއްވިއެވެ. ޢިލްމީ މުއައްސަސާއެއްގެ ގޮތުން އަޒްހަރު ޢަމަލީ ސިފައެއްގައި މި ދުވަސްވަރު ޙަރަކާތްތެރިވާން ފެށިއެވެ. މިގޮތުން ފާޠިމީ ޚަލީފާ އަލްޢަޒީޒުގެ ޚިލާފަތުގައި އަޒްހަރުގައި ކިޔަވައި ދެއްވުމަށް 37 ޢިލްމުވެރިންނަށް މުސާރަދެވި، ކިޔަވައިދެއްވުމަށް ޚާއްސަކުރެވިގެން ތިއްބެވި ކަމަށް ތާރީޚް ފޮތްތަކުގައި ބަޔާންކުރެވިފައިވެއެވެ. އަދި މި ޢިލްމުވެރިންނާއި ކިޔަވާކުދިން ތިބުމަށް ހޮސްޓެލެއްވެސް އެ ދުވަސްވަރު ބިނާކުރެވުނެވެ. އަޒްހަރުގައި ޔުނިވަރސިޓީއެއްގެ ސިފަ ޖެހެންފެށީ މިދެންނެވި ދުވަސްވަރުއެވެ.

އެ ދުވަސްވަރު އަޒްހަރުގައި ކިޔަވައިދެވެމުން އައީ ޝިޔަޢީ މަޒްހަބުގެ ފޮތްތަކެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން އައިސް، އަޒްހަރަށް އިސްލާމްދީނުގެ މަޝްހޫރު 4 މަޒުހަބު ތަޢާރަފްކުރެވުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަޒްހަރުން ޝިޔަޢީ މަޒްހަބުގެ ނުފޫޒު މުޅިންހެން ނެތިގޮސް، އަޒްހަރު ޔުނިވަރސިޓީއަކީ ސުންނީ މަޒްހަބަށް ކިޔަވައިދޭ މުއައްސިސާ ތަކުގެ ތެރެއިން އެންމެ ބޮޑު އަދި މަޝްހޫރު މުއައްސިސާއަށް ވެގެން ދިޔައެވެ. މިއަދު އިސްލާމީ ދުނިޔެއަށް އިސްލާމްދީނުގެ ޢިލްމާއި ނޫރު ފަތުރާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޔުނިވަރސިޓީއަކީ އަލްއަޒްހަރު ޔުނިވަރސިޓީއެވެ.

އަޒްހަރު ޔުނިވަރސިޓީގައި ކިޔަވައިދެވޭނެ މާއްދާތަކާއި އެ މާއްދާތައް ކިޔަވައިދެވޭނެ ފެންވަރު ބަޔާންކުރާ ޤާނޫނެއް އަލް-ޚިދެއިވީ އިސްމާޢީލްގެ ވެރިކަމުގައި މީލާދީން 1822 ގައި ފާސްކުރެވުނެވެ. މި ޤާނޫނުގައި އަޒްހަރުގައި ޢާލަމިއްޔާ ސަރޓިފިކެޓަށް (ޑިގްރީ) ކިޔަވައި ދެވޭނެ މާއްދާތަކާއި އެމާއްދާތަކުގެ މުޤައްރަރުތައް ކަނޑައަޅާނެ އުޞޫލުތަކެއް ކަނޑައެޅުނެވެ. އެއަށްފަހު ތަފާތު އެތައް ފަހަރެއްގެ މަތިން އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ޤަވާޢިދުތައް ހެދެމުން އައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ޤަވާޢިދަކީ 1950 ވަނަ އަހަރު ނެރެވުނު ޤަވާޢިދެކެވެ. މި ޤަވާޢިދުގެ ދަށުން އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔަވައިދިނުން ފެކަލްޓީ ނިޒާމަށް ބަދަލުކުރެވުނެވެ. އަދި އޭރު ކިޔަވައިދެމުން އައި މާއްދާތައް ތިން ފެކަލްޓީއަކަށް ބަހާލެވުނެވެ. މިގޮތުން އެންމެ ފުރަތަމަ އުފެއްދުނު ފެކަލްޓީތަކަކީ:

  • ފެކަލްޓީ އޮފް ޝަރީޢާ
  • ފެކަލްޓީ އޮފް އުސޫލުއްދީން
  • ފެކަލްޓީ އޮފް އެރަބިކް ލޭންގުއޭޖްއެވެ.

އެއަށްފަހު 1961 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނެއްގެ ދަށުން ޢިލްމީ މާއްދާތައް ކިޔަވައިދޭ ފެކަލްޓީތަކެއް އަޒްހަރުގައި ތަޢާރަފްކުރެވުނެވެ. ފެކަލްޓީ އޮފް މެޑިސިން، ފެކަލްޓީ އޮފް އިންޖިނިއަރިންގ އަދި ފެކަލްޓީ އޮފް އެގްރިކަލްޗަރ ތަޢާރަފް ކުރެވުނީ މިދެންނެވި ޤާނޫނުގެ ދަށުންނެވެ. އަދި އަންހެންކުދިންނަށްވެސް ޚާއްޞަ ފެކަލްޓީތަކެއް ތަޢާރަފްކުރެވުނެވެ. މި ފެކަލްޓީތައް ތަޢާރަފްކުރެވުމުގެ ކުރިންވެސް އަންހެންކުދިން ހަމަ ފިރިހެން ކުދިންނެކޭ އެއްފަދައިން ޢިލްމު ހޯދުމަށް މިސްކިތަށް ޙާޒިރުވަމުން ދިޔައެވެ.

އަދި ހަމައެެހެންމެ، މިޤާނޫނުގެ ދަށުން އަޒްހަރުގައި ކިޔަވައިދެމުން އައި ކިޔަވައިދިނުން މިޒަމާނުގެ އެހެނިހެން ޔުނިވަރސިޓީތަކެކޭ އެއްގޮތަށް ފެކަލްޓީތަކަކަށް ބެހި، ފެކަލްޓީތައް ޑިޕާރޓްމަންޓު ތަކަކަށްބެހި، އިދާރީ ހިންގުން ހަރުދަނާ ކުރެވުނެވެ. އިދާރީ ހިންގުން ފަސޭހަކުރުމުގެ މަޤްޞަދުގައި އަޒްހަރުގެ ތަފާތު އޮފީސްތަކުގެ އިދާރީ އޮނިގަނޑަށްވެސް ބަދަލުތަކެއް ގެނެވުނެވެ. އެގޮތުން ޤާނޫނު ނަންބަރު 103/1961 ގެ ދަށުން އަޒްހަރުގެ މައި އިދާރާތައް ތިރީގައި މިވާގޮތަށް ކަނޑައެޅުނެވެ.


  • އަޒްހަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް
  • އިސްލާމިކް ރިސާރޗް އެކަޑަމީ
  • އަލްއަޒްހަރު ޔުނިވަރސިޓީ
  • އަޒްހަރުގެ މަޢުހަދުތައް
  • އިސްލާމިކް މިޝަން ސިޓީ
  • ހަޔަރ ކޮމިޓީ ފޮރ އިސްލާމިކް ކޯލް



މިއަދު އަޒްހަރު ވެފައިވަނީ އިސްލާމީ ދުނިޔެއަށް އިސްލާމީ ތަޢުލީމާއި ނޫރުފަތުރާ އަލިގަދަ ދަންމަރަކަށެވެ. ޒަމާނުގެ ހުނަރުތަކާއި އެއްހާސް އަހަރުގެ ތަޖުރިބާ ގުޅުވައިގެން މިއަދު އަޒުހަރުގައި ކިޔަވާދެވެމުންދާއިރު، އަލް-އަޒުހަރު ޔުނިވަރސިޓީގައި ތަފާތު 19 ފެކަލްޓީއެއްގައި ކިޔަވައިދެވެއެވެ. އަދި އަޒްހަރުގެ މަޢުހަދު ތަކުގައާއި ޔުނިވަރސިޓީ މަރުޙަލާގައި ޖުމްލަ 90،000 އަށްވުރެ ގިނަ ކުދިން ތަޢުލީމް ޙާސިލް ކުރަމުންދެއެވެ.