Jump to content

އަލީ ފާސިރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ދިވެހި ފުޓްބޯޅައިގެ ތެރެއަށް ގިނަ ކުޅުންތެރިންތަކެއް ނެރެފައިވާ ބ. އޭދަފުއްޓަށް ނިސްބަތްވާ ސެންޓޭ ، ،24 ގެ ޝައުގުވެރިކަން ވަރަށް ކުޑައިރުންސުރެ ފުޓްބޯޅަ އަށް ހުއްޓެވެ. ރަށުގެ އެހެން ކުދިންނާ އެކު އޭނާ ކުޑައިރު ފައްކާކުރި ހުނަރުތައް އެންމެ ފުރަތަމަ ފާހަގަވީ 2006 ވަނަ އަހަރު ކްލަބު އީގަލްސް އިން އޭދަފުށީގައި ބޭއްވި ޓްރެއިނިން ކޭމްޕެއްގަ އެވެ. އެ ކޭމްޕްގައި އެންމެ ފާހަގަކުރެވުނު ތިން ކުޅުންތެރިންގެ ތެރޭގައި ސެންޓޭ ހިމެނިގެން އޭނާ ކުޅެން މާލެ އައި ނަމަވެސް، އެ އަހަރު ނިމުމުން އޭނާ ވަނީ އެނބުރި ރަށަށް ގޮސްފަ އެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ ސެންޓޭ ރަނގަޅު ފުރުސަތަކަށް އިންތިޒާރުކުރަމުންދަނިކޮށް، އޭނާ ހިދުމަތަށް 2008 ވަނަ އަހަރު އެދުނީ އޭރު ދެވަނަ ޑިވިޝަނުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. އޭވައިއެލްގެ ހުށަހެޅުން ގަބޫލުކޮށް ސެންޓޭ ވަނީ 2008 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި އެ ޓީމާ ގުޅިފަ އެވެ. އެކަމަކު ސެންޓޭގެ ކުޅުން ބޮޑަށް ފާހަގަވީ 2009 ވަނަ އަހަރު އޭވައިއެލް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށުމުންނެވެ. އެ އަހަރު އޭނާ ދެއްކި މޮޅު ކުޅުމާ އެކު ބޮޑެތި ކްލަބުތަކުގެ ލޯ އޭނާ އަށް އަމާޒުވި އެވެ. އަދި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ބަންގާޅުގައި އޮތް ސާފް ގޭމްސް އަށް ނެގި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުން ސެންޓޭ ޖާގަ ހޯދި އެވެ.

ފުރަތަމަ ޑިވިޝަނުގައި އޭވައިއެލް އަށް އެއް ސީޒަން ކުޅެދިނުމަށް ފަހު، ސެންޓޭ ވިސްނީ ބޮޑު ކްލަބަކުން ފުރުސަތު ހޯދުމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވެލެންސިއާ އިން ފުރުސަތު ލިބުމުން އޭނާ ދެވަނަ ވިސްނުމަކަށް ނުގޮސް ވެލެންސިއާ އަށް ބަދަލުވި އެވެ.

"އޭރު ބޭނުންވީ ދެން ބޮޑު ކްލަބަކަށް ކުޅެން. އެހެންވެ ވެލެންސިއާ އަށް ބަދަލުވީ،" ސެންޓޭ ބުންޏެވެ.

ވެލެންސިއާގައި އެއް ސީޒަން ހޭދަކޮށް، ކާމިޔާބެއް ނުލިބުމުން ސެންޓޭ ނިންމީ އެހެން ކްލަބަކަށް ބަދަލުވުމަށެވެ. މިދިޔަ އަހަރު ސީޒަނުގައި ސެންޓޭ ނިއުގެ ނޫ ޖޯޒީގައި ނުކުތެވެ. އަދި އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު ސީޒަނަކަށް ވީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބާ އެކު މިދިއަ އަހަރު ހޭދަކުރި ދުވަސްތަކެވެ.

ސެންޓޭގެ ހިތްގައިމު ލަނޑުތަކާއި މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ސީޒަނުގައި ނިއުގެ ސަޕޯޓަރުންގެ އެއް ބަތަލަކީ އޭނާ އެވެ. މިދިޔަ ސީޒަނުގައި ސެންޓޭ ވަނީ 18 ލަނޑު ޖަހައިފަ އެވެ.

"މިދިޔަ އަހަރު ވަރަށް ރަނގަޅަށް ދިޔައީ. އެއީ ހަމަ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން. ވަކި އެހެން ތަފާތެއް ނެތް. ދެން ލަނޑު ޖެހެން ފެށީމަ ކޮންފިޑެންސް އިތުރުވީ. ވަރަށް ހިތްހަމަޖެހޭ މިދިޔަ ސީޒަނާ މެދު،" ސެންޓޭ ބުންޏެވެ.

މިދިޔަ ސީޒަނަށް ސެންޓޭ ނުކުތީ ވަރަށް ބޮޑު އަޒުމަކާ އެކު އެވެ. އެއީ ޑިސެމްބަރު މަހު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުން ޖާގަ ހޯދުމަށެވެ. މުޅި ސީޒަންގައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުން ސެންޓޭ އަށް ޖާގަ ލިބުމެވެ.

މުޅި ސީޒަނުގައި ސެންޓޭ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސާފް ޗެމްޕިއަންޝިޕުގައި އޭނާ އަށް ކުޅެލަން ލިބުނީ އެންމެ ފުރުސަތެކެވެ. ގުރޫޕް އޭގައި ބަންގާޅާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ފަހުކޮޅު ސެންޓޭ ކުޅެން އެރި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރަނގަޅު ފުރުސަތަކެއް ނުލިބު ނަމަވެސް ސެންޓޭ މާޔޫސްއެއް ނުވެ އެވެ. އޭނާ ހުރީ އިތުރަށް މަސައްކަތްކޮށް ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދުމުގެ އުންމީދުގަ އެވެ.

"މިދިޔަ އަހަރު ނުކުތީ ޕްލޭނަކާ އެކު. ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅެން ބޭނުންވި. އިރާދަކުރެއްވީތީ އެކަން ކާމިޔާބުވި. މިހާރު ބޭނުންވަނީ ފުރަތަމަ 11 ގައި ޖާގަ ހޯދޭ ވަރުކުރަން،" ސެންޓޭ ބުންޏެވެ.

ސެންޓޭ ހުރީ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކުރަން ބޭނުންވެފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ ވެސް އޭނާގެ ހުވަފެނެކެވެ.

"ކޮންމެ ކުޅުންތެރިއެއްގެ ވެސް ޓާގެޓްތަކެއް އޮންނާނެ. އެވޯޑަކާ ހަމައަށް ދިއުމަކީ އެއް ޓާގެޓް،" ސެންޓޭ ބުންޏެވެ.

ކުރިއަށް އޮތް ސީޒަނުގައި ސެންޓޭ ކުޅޭނީ ވިކްޓަރީ އަށެވެ. ކެރިއަރުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ މުބާރާތެއް ކާމިޔާބުކުރުމުގެ ފަހުރު، ވިކްޓަރީއާ އެކު ހޯދަން އޭނާ ބޭނުންވެ އެވެ. އަދި މިދިޔަ ސީޒަނަށް ވުރެ މޮޅު ކުޅުމެއް ދައްކައި، މިދިޔަ ސީޒަނަށް ވުރެ ގިނަ ލަނޑުތަކެއް ޖަހަން ވެސް ސެންޓޭ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. އޭނާގެ އެ ހުނަރު ހުރި ކަމާ މެދު ދެބަސްވާނެ މީހަކު ނެތެވެ.