އަލި ތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަލި ތޮޅި

އަލި ތޮޅި(އިނގިރޭސި ބަހުން: Gempylus serpens)ނުވަތަ (އިނގިރޭސި ބަހުން: Snake mackerel) އަކީ އާންމުކޮށް ވަރަށް ފުނުގައި، ގާތްގަނޑަކަށް 200 މީޓަރަށްވުރެ އަޑީގައި އުޅޭކަމަށް ފާހަގަ ކުރެވިފައިވާ މަހެކެވެ. ނަމަވެސް ރޭގަނޑަށް ޚާއްޞަކޮށް އަލިކަން ލިބިގެން މިމަސް މައްޗަށް އަރާކަން ފާހަގަ ކުރެވެއެވެ. މިއީ އިންޑިޔާ ކަނޑުގެ ރާއްޖެ ހިމެނޭ ހިސާބުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް އުޅޭ މަހެކެވެ. މިއީ ދިގުކޮށް ފަތިކޮށް ހުންނަ މަހެކެވެ. އަނގައިގައި އެއްބަރިއަށް ހުންނަ ވަަރަށް ތޫނު ދަތްތަކެއް ހުރެއެވެ. މަހުގެ އަނގަ ބޮޑުވެފައި ތިރީ ތުން މަތީ ތުނބަށްވުރެ ދިގުކަން ފާހަގަ ކުރެވެއެވެ. މަހުގެ ބުރަކަށި މަތީގައި ދެކޮތަރިބަޔާއި، ވަކިވަކިން ހުންނަ ކުދި ކޮތަރި ބައެއް ހުރެއެވެ. އަދި ފުރަތަމަ ކޮތަރި ބައި ހުންނަނީ ގާތްގަނޑަކަށް މުޅިން އެއް އުސްމިނެއްގައެވެ. މަހުގެ ދެފަރާތުން ކޮންމެ ފަރާތެއްގައި ދެހުުޅުނބު ރޮނގު ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. ދިވެހި ރާއްޖޭގައި މިމަސް ބޭނެނީ ވަރަށް ވެސް ނާދިރުކޮށް މަދުމަދުން އަތޮޅުން ބޭރުގައި ކުރާ ލޭނުގެ މަސްވެރިކަމުގައެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 1 މީޓަރަށެވެ. މަހުގެ ކުލައަކީ މުށި ވިދުން ކުލައެކެވެ. މަހުގެ ކޮތަރިބައި ތަކުގެ ކުލައަކީ ގަދަ މުށި ކުލައެވެ. މިއީ ދިވެހި މަސްވެރިން އާދަވެގެން ބާނައި އުޅޭ މަހެއްނޫން ކަމުން، މިބާވަތުގެ މަަހަށް ވަކި ނަމެއް ކިޔައެއް ނޫޅެއެވެ. ވީމާ މިމަހުގެ ހިމަތޮޅި ސިފަޔަށް ވިސްނާ މަހުގެ އުޅުމުގައި އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ އައްޔަށް ތިލަވުން ކަމަށްވާތީ، މިމަހަށް އަލިތޮޅި ކިޔާ ނަންދިނީ އެވެ.