އަލި ދަންބޮޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
އަލި ދަންބޮޑު

އަލި ދަންބޮޑު(ސައިންޓިފިކް ނަން: Myripristis pralinia)ނުވަތަ (އިނގިރޭސި ބަހުން: Scarlet soldierfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި މުރަކަތަކުގެ ނިވަލުގައި އާންމު ގޮތެއްގައި 10 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. ދުވާލުގެ ވަގުތުތަކުގައި މިމަސް އުޅެނީ އެހެނިހެން ދަންބޮޑެކޭ އެއްބީދައިން ހޮހަޅަ ތަކާއި ގާތަކުގެ ތެރޭގައެވެ. ރޭވުމުން ކާނާ ހޯދުމަށް ބޭރަށް ނިކުމެއުޅެއެވެ. މިއީ ދިވެހިން ކުރާ ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. ނަމަވެސް މިއީ ދިވެހިން އާދަވެގެން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 14 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރަތްކުލައެވެ. މަހުގެ ކަރުތާފަތާ ދިމާލުން ބަނޑުދަށުގައި ހުންނަ ކޮތަރި ފިޔަވައި އެހެން ކޮތަރިތައް ހުންނަނީ ރަތްކުލައިގައެވެ. އަދި ކޮޅުތައް ހުންނަނީ މާރަތްކޮށެވެ. ކަރުތާފަތުގެ މަތީކައިރިފަށުގައި މުށިކުލައިގެ ލަފެއް ހުރެއެވެ. ދިވެހިންގެ ތެރޭގައި މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ ސިފަޔަށާއި ކުލަޔަށް ބަލާފައި އަލި ދަންބޮޑު ކިޔާ ނަންދީފައި ވަނީ އެވެ.