އަލިފުބާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލިފުބާ، ބަހެއްގެ ތަފާތު އަޑުތައް ތަމްސީލުކޮށް ދިނުމަށް ޓަކައި ބޭނުން ކުރެވޭ ރަމްޒުތަކުގެ ގުރޫޕެކެވެ. މި ރަމްޒުތައް ނުވަތަ އަކުރުތައް ބޭނުންކޮށްގެން ބަހެއްގެ ހުރިހާ ލަފުޒެއް ވެސް ލިޔެވިދާނެއެވެ. އަލިފުބާގެ އަކުރުތަކަށް ދެވިފައިވާ ނަމަކާއި އެތުރިގެންވާ ތަރުތީބެއް އޮވެއެވެ. ދުނިޔޭގައި މިއަދު ބޭނުން ކުރެވޭ ލިޔެކިއުމުގެ އެންމެ އާންމު ވައްތަރަކީ އަލިފުބާއެވެ. އަލިފުބާ ބޭނުން ނުކުރަނީ ޖާފާނުބަހާއި ސީނީބަސް ފަދަ މަދު ބަހެއްގައެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

ފުރަތަމަ އަލިފުބާއެއް ބޭނުންކޮށްފައިވަނީ މީގެ ގާތްގަނޑަކަށް 3500 އަހަރު ކުރީން މެދުތެރޭކަނޑުގެ އައްސޭރީގައި ދިރިއުޅުނު ބައެކެވެ. މިބައި މީހުންގެ ބަހަކީ ސާމީ އާއިލާއަށް ނިސްބަތްވާ ބަހެކެވެ. ކުރީގެ އަލިފުބާއަކަށް ސަލާމަތުން އޮތް އެންމެ ދުވަސްވީ އަލިފުބާއަކީ ފިއްނީސުން ބޭނުންކުރި އަލިފުބާއެވެ. މީގެ 3000 އަހަރު ކުރީން ފިއްނީސުންގެ އަލިފުބާ އިރުމަތީން ސާމީންގެ ތެރެއަށް ހުޅަނގުން ޔޫނާނީންގެ ތެރެއަށް ފެތުރުނެވެ. އަލިފުބާ މިބަސް އުފެދިފައިވަނީ ފިއްނީސުންގެ އަލިފުބާގެ ފުރަތަމަ ދެ އަކުރު ކަމުގައިވާ އަލިފު އަދި ބާ އަށް ނިސްބަތްކޮށެވެ. ރޫމާނީންނާއި އަދަރުކާނީންގެ ތެރެއަށް އަލިފުބާ ގެންގޮސްދިނީ ޔޫނާނީންނެވެ. މިއަދު ދުނިޔޭގައި މުފްރަދު 50 ވަރަކަށް އަލިފުބާ ބޭނުން ކުރެވެއެވެ. އިނގިރޭސި ބަސް ލިޔުމަށް ޓަކައި ބޭނުން ކުރެވޭ ރޫމާނީ އަލިފުބާ ފަދައިން ގިނަ އަލިފުބާ ތަކުގައި އަކުރު އޮންނަނީ 20 އަކުރާއި 30 އަކުރާ ދެމެދުގެ އަދަދަކަށެވެ. މަދު އަޑުތައް ބޭނުންވާ ބަސްބަހުގެ އަލިފުބާގައި އޮންނާނީ މަދު އަކުރުތަކެވެ. މިސާލަކަށް ހަވާއީ ބަހުގެ އަޑުތައް ލިޔަނީ ރޫމާނީ އަލިފުބާގެ ތެރެއިން އެންމެ 12 އަކުރު ބޭނުންކޮށް ގެންނެވެ. މިއީ އެންމެ މަދު އަކުރުން ލިޔާ ބަހެވެ. ސިރީލަންކާގެ ސިންހަޅަ ބަހާއި ހިންދުސްތާނުގެ މަލަޔާޅަމް ބަސް ފަދަ ބަސްބަހުގައި 50 ނުވަތަ އެއަށް ވުރެ ގިނަ އަކުރު ބޭނުން ކުރެއެވެ.