Jump to content

އައްޔޫބުގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްޔޫބުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. ދުނިޔޭގެ މި ވަގުތީ ދަތުރުގައި، އެކި އިންސާނުން ކުރިމަތިލަނީ އެކި ކަހަލަ ތަޖްރިބާތަކާއެވެ. ބައެއް މީހުން ތަނަވަސްކަމުގެ އިންތިހާގައި، އުފަލާ އަރާމުގައި ދިރިއުޅޭއިރު، އަނެއްބައި މީހުން ފަގީރުކަމާއި ހައިހޫނުކަމުގައި ދިރިއުޅުން ވޭތިކުރަން ޖެހެއެވެ. ބައެއް މީހުން ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައި ދިގު ޢުމުރު ހޭދަކުރާއިރު، ބަލިބަލީގެ ވޭނާއި އުނދަގުލުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރަނީ ކިތައް މީހުންތޯއެވެ؟ ވެރިކަމާއި އާރާއި ބާރުގައި އެއްބަޔަކު އުޅޭއިރު، ނިކަމެތިކަމާއި، އަޅުވެތިކަން ތަޙައްމަލްކުރާ މީހުންވެސް މަދެއްނޫނެވެ. އިންސާނާއަށް ކުރިމަތިވާ މިފަދަ ކޮންމެ ޙާލަތަކީވެސް އިމްތިޙާނެކެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ﷲ އެންގެވިމަގުން ކަންތައްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދޭ މީހާއީ، އިމްތިޙާނުން ފާސްވެ، ކާމިޔާބު ލިބެނިވި މީހާއެވެ.


ﷲގެ އަޅުތަކުންކުރެ، ސަލާމްލެއްވި އައްޔޫބުގެފާނުގެ ހަޔާތްޕުޅާއިމެދު ވިސްނާ ވަޑައިގަންނަވާށެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ޒުވާންދުވަސްވަރު ބޮޑުވެގެންވާ ތަނަވަސްކަމަކާއި އުފާވެރި ދިރިއުޅުމެއް ﷲ މިންވަރުކުރެއްވިއެވެ. ފާގަތިކަމުގެ ދުވަސްވަރުގައި، އެކަލޭގެފާނުގެ އެތަކެއް ރަޙްމަތްތެރީންނާއި، ސަހަރޯވެރީންނާއި، އަހުލުޢިޔާލުން އަބަދުމެ އެކަލޭގެފާނާއި އެކުގައިވިއެވެ. މި ހުރިހާ ނިޢުމަތްތަކުގެ ވަގުތުގައި އެކަލޭގެފާނު، ﷲގެމަތީން ހަނދުމަކުރައްވާ، ނިޢުމަތްތަކަށް ޝުކުރުވެރިވެވަޑައިގަތެވެ.


ދެން އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ކުރިމަތިވީ އުނދަގުލާއި ހިތްދަތިކަމުގެ ދުވަސްތަކެކެވެ. ކުރިމަތިވެވަޑައިގަތް އާލާސްކަންފުޅެއްގެ ވޭން ބޮޑުވަމުންގޮސް، އެކަލޭގެފާނުގެ މުޅި ހަށިކޮޅު ފާރުވެދިޔައެވެ. ދުވަހެއް ދުވަހަކަށް ބަލީގެ ވޭން އިތުރުވަމުން ދިޔުމުގެ ސަބަބުން، އެކަލޭގެފާނަށް ލިބިވަޑައިގެންވީ ތަނަވަސްކަން ގެއްލި ހިނގައްޖެއެވެ. އެކަލޭގެފާނުގެ ވަށައއިގެންވީ މިތުރުންނާއި ސަހަރޯވެރީންވެސް އެކަލޭގެފާނާއި ދުރުހެލިވެއްޖެއެވެ.


މިފަދަ ހިތްދަތި ޙާލަތުގައި 18 އަހަރު ހޭދަކުރައްވަން ޖެހިވަޑައިގަތްއިރު، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނަށް ޚިދުމަތްކޮށް ޙާލުދެކިލާ ހަދާނެ އެހެން އެކަކުވެސްނެތެވެ. ދިރިއުޅުމަށް މި ކުރިމަތިވެވަޑައިގަތް ދަތިކަމާއި އެކަނިވެރިކަމުގެ ވަގުތުގައިވެސް އައްޔޫބު ޢަލައިހިއްސަލާމް ތާއަބަދު ﷲ ހަނދުމަކުރެއްވިއެވެ. ﷲ މިންވަރުކުރެއްވި ޙާލަތުގެމައްޗަށް ކެތްތެރިވެވަޑައިގެން ރެއާއި ދުވާލު ﷲގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ. ﷲގެ ރަޙްމަތާއިމެދު އެކަލޭގެފާނު އުއްމީދު ކަނޑައެއް ނުލައްވައެވެ.


އައްޔޫބު ޢަލައިހިއްސަލާމްގެ މި ކެތްތެރިކަމާއި އީމާންތެރިކަމާއިމެދު މަދަޙައިގެ ބަސްފުޅު ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް މާތްﷲ ވަޙީކުރައްވާފައިވެއެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫތަކުން ސަލާމަތްކުރެއްވުމަށް ﷲ މިންވަރުކުރެއްވި ހިނދު، އެކަލޭގެފާނުގެ ފައިންޕުޅުން ބިންމަތީގައި ޖެއްސެވުމުން، ބިމުގެތެރެއިން ފެނުގެ ކޯދެއް ﷲ ނެރުއްވިއެވެ. އަދި ﷲގެ އަމުރުފުޅަށް، އެ ފެނުން އައްޔޫބުގެފާނު ނާނެފުޅުފިއްލެވުމާއިއެކު، ހަށިކޮޅުގައިވާ ބަލީގެ ހުރިހާ ތުރާލަކުން މިންޖުވެވަޑައިގަތެވެ.


އެއަށްފަހު އަނެއްކާވެސް އިހަށްވުރެ ބޮޑު ތަނަވަސްކަމަކާއި، ދަރީންގެ ނިޢުމަތް އައްޔޫބުގެފާނަށް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ މި އުފާފާގަތިކަމުގައި 70 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ. އައްޔޫބު ޢަލައިހިއްސަލާމް ނިސްބަތްވެވަޑައިގަންނަވަނީ، އިބްރާހީމްގެފާނުގެ، އިސްޙާޤްގެފާނުގެ ޢީޞްގެ ދަރިކޮޅަށެވެ. އެކަލޭގެފާނު ދިރިއުޅުން ހޭދަކުރެއްވީ ރޫމްކަރައިގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]