އައްޓަމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްޓަމަސް އަކީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. ވީމާ މިމަހުގެ މަސްވެރިކަމެއް ރާއްޖޭގައި ނުކުރެއެވެ. އައްޓަމަހަކީ ރާއްޖޭގެ ކަނޑުތަކުގައި ގިނައަދަދަކަށް އުޅޭ މަހެކެވެ. އައްޓަމަސް އާންމު ގޮތެއްގައި އުޅެނީ ބޮޑެތި މަހުގެ ނުވަތަ ކަނޑުމަތީގައި އޮންނަ އެތިގަނޑެއްގެ ނިވަލުގައެވެ. މިސާލަކަށް މިޔަރު، އަދި ހިބަރު އަދި ވެލާގެ ގައިގައި ތަތްކޮށްލައިގެންން އުޅެއެވެ. ބައެއް ފަހަރުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ބަނޑު ފިލައިގައި ތަތްކޮށްލައިގެން ދަތުރުކޮށް ހަދައެވެ. މިއީ ބާރަށްދުވާ ހިމަތޮޅި މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 62 ސމ އަށެވެ.

އައްޓަމަހުގެ ވައްތަރެއް

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 22 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 22 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. އައްޓަމަހުގެ ބޮލުގައި ކުކުޅު ބިސްބުރަށް ހުންނަ ތައްޓެއް ހުރެއެވެ. މިތަށީގެ ދެފަރާތުގައި ދެބަރިއަށް ހުރަހަށް ހުންނަ އުފުންލުންތަކެއް ހުރެއެވެ. މިއީ މަސް އެހެންއެއްޗެއްގައި ތަތްކޮށްލައިދޭ ބައެވެ. މިގޮތަށް ތަތްކޮށްލައިގެން ތިބެގެން ބޮޑެތި މަސް ބޭރުކުރާ ތަކެއްޗާއި އެފަދަ މަސްމަހުގެ ބޭރުގައި ހުންނަ އެކިއެކި ދިރުންތައް ކައިހަދައެވެ. މަހުގެ ކުލައަކީ އަޅިމުށި ކުލައެކެވެ.