އައްނަޥަޥީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަބޫ ޒަކަރިއްޔާ ޔަޙްޔާ ބިން ޝަރަފް އައްނަޥަޥީ (ޢަރަބި ބަހުން: أبو زكريا يحيى بن شرف الحزامي النووي) އަކީ، ހިޖުރައިން ހަތްވަނަ ޤަރުނުގެ ދަންނަބެއިކަލުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޙަދީޘް ޢިލްމާއި، ފިޤުހާއި، ޢަރަބިބަހާއި، މި ނޫނަސް ދީނީ އެތަކެއް ފަންނެއްގައި ފުންނާބުއުސް ބޭކަލެކެވެ. އުފަންވެވަޑައިގަތީ 631ހ. ގައި ނަޥާ ގައެވެ. އަވަހާރަވީ ދިމިޝްޤުގައި 649ހ. ގައެވެ. އެކަލޭގެފާނު ވަނީ އެތަކެއް އަގުހުރި ފޮތްތަކެއް މި އުންމަތަށް ދޫކުރައްވާފައެވެ. އޭގެތެރޭގައި ސާޅީސް ޙަދީޘް ފޮތާއި، ރިޔާޟުއްޞާލިޙީން އާއި، ޞަޙީޙު މުސްލިމްގެ ޝަރަޙައާއި، ފިޤުހު ޢިލްމާއި ޙަދީޘް ޢިލްމުގެ ފަންނުތަކުގައި ލިޔުއްވި ފޮތްތަކާއި، މިނޫނަސް އެތަކެއް ފޮތެއް ހިމެނެއެވެ. އެކަލޭގެފާނަކީ ޝާފިޢީ މަޒްހަބުގައި އެންމެ ނަގައިކިޔޭ އެއް އިމާމެވެ.

އައްޝައިޚް ޑރ. ޞާލިޙް ބިން ފައިޒާން އަލްފައުޒާން ވިދާޅުވިއެވެ.

އަލްއިމާމުއްނަޥަޥީ رحمه الله އަކީ ދީނީ އެތަކެއް ޢިލްމެއްގައި ތަޚައްޞުޞްވެވަޑައިގެން ހުންނެވި މަތިވެރި އިމާމެކެވެ. އެކަލޭގެފާނަކީ، ޙަދީޘާއި، ފިޤުހާއި، ޢަރަބި ބަހާއި މި ފަންނުތަކުގެ މުތަޚައްޞިޞެކެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކަށް ވަނީ މުސްލިމުންގެ މެދުގައި މަޤްބޫލުކަން ލިބިފައެވެ. އެއީ — والله أعلم — އެކަލޭގެފާނުގެ ހެޔޮ ނިޔަތާއި ﷲ عز وجل އަށް ވީ އިޚްލާޞް­ތެރިކަމުގެ ސަބަބުންނެވެ. ފަހެ މިގޮތުން އެކަލޭގެފާނުގެ ފޮތްތަކުގެ އަޘަރު ދެމިގެން ދިޔައެވެ. އޭގެ ތެރޭގައި ޝަރަޙަކުރެވޭ މިފޮތް "އަލްއަރްބަޢޫން" އާއި "ރިޔާޟުއްޞާލިޙީން" އަދި އަލްއިމާމް މުސްލިމްގެ "ޞަޙީޙު" ގެ ޝަރަޙަ ހިމެނެއެވެ. އަދި މީގެ އިތުރަށް ފިޤްހު ޢިލްމުގައި، އަލްއިމާމް އައްޝާފިޢީ - رحمه الله - ގެ މަޛްހަބުގައި އެއަށް އިޢުތިމާދުވެވޭ ފޮތްތަކެއް އެކަލޭގެފާނުގެ ފޮތްތަކުގެ ތެރޭ ހިމެނެއެވެ. ފަހެ އެކަލޭގެފާނު ވަނީ މަތިވެރި އިމާމެއް ކަމުގައެވެ. އަދި ﷲ ވަނީ އެ ފޮތްތަކަށް މަޤްބޫލުކަން ލައްވާފެއެވެ. އަދި މުސްލިމުން ވަނީ އެއިން މަންފާ ހޯދާފައެވެ. އެ ފޮތްތަކުގައިވާ އަގުހުރި ޢިލްމާއި، މަތިވެރި ހެޔޮކަމާއި، އޭގެ ފުރިހަމަކަމުން، އަދި އަދަށް ދާންދެން ވެސް މުސްލިމުން ދަނީ އެ ފޮތްތަކަށް ރުޖޫޢަވެ އެއަށް އިޢްތިމާދު­ވަމުންނެވެ. ފަހެ ﷲ އެ މާތް އިމާމަށް ރަޙްމަތް ލައްވާށިއެވެ.[1]

ރެފަރެންސް[އުނިއިތުރު ގެންނަވާ]

  1. އަލްފައުޒާން، ޞާލިޙް ބިން ފައުޒާން (2008). ''المنحة الربانية في شرح الأربعين النووية''، ޞ. 12. ދާރުލްޢާޞިމާ، ރިޔާޟް. އައި.އެސް.ބީ.އެން. 9789960692586861.