އައިލަ
އައިލަ އަކީ އާންމުކޮށް ރާއްޖޭގެ އަތޮޅުތަކުގެ މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ފިޔަލަ އާއިލާގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 7.5 ސމ އަށެވެ. އަދި މިދެބާވަތަކީ ގާތްގަނޑަކަށް އެއްސިފައަކަށް ފަތިކޮށް ހުންނަ މަހެއް ކަމުން މިދެބާވަތް ވަރަށް ގިނައިން އޮޅިފައި ހުރެއެވެ. ދިވެހި މަސްވެރިން މިދެބާވަތް ދަނެ ވަކިކުރެއެެވެ. މިއީ ކަނޑުގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ދަތުރުކުރާ މަހެކެވެ. ދޮށީގެ މަސްވެރިކަމުގައި އައިނުން މަސްބާނާއިރު އައިލަ ބޭނެއެވެ. އަދި މިގޮތުން ބޭނިފައި ހުންނަ މަސް ފާހަގަކުރެވެނީ އެއް އިސްކޮޅަކުން ހުންނަ ކަމަށެވެ. މަހުގެ ކާނާއަކީ ކުދިމަހާ އެމުގެ ބާވަތްތަކާ ބޯވަ ދިލަ މަހެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 52 އާއި 59 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 23 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެެެއެވެ. މަހުގެ މަތީ ކޮތަރިބައި ބޮލުން ފެށިގެން ނިގުލާއި ހަމައަށް ދިގުކޮށް ހުރެއެވެ. މަހުގައި ކުދި ހުޅުނބުތަކެއް ހުރެއެވެ. ނިގޫފަތްހުންނަނީ ކަފިކޮށެވެ. މަސް އޭގެ އަމިއްލަ މާހައުލުގައި އުޅޭއިރު ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައަކަށްދާ ނޫކުލައެކެވެ. ނަމަވެސް މަރުވުމުން ހުންނަނީ އަޅިކުލައެކެވެ. މަހުގެ ދެއަރިމަތީގައި ކުލައަކީ ރިހިކުލައެވެ. އަދި ދެއަރިމަތީގައި ކަޅުކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މިބާވަތުގެ ޅަމަހުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ.