Jump to content

އަންޒަމާނާއި ނައްކަވާރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

'އަންޒަމާނާއި ނައްކަވާރު އަކީ ބޭ އޮފް ބެންގާލް ގައި އުފެދިފައިވާ، އަދި އިންޑިޔާގެ ޔުނިއަން ޓެރިޓަރީ ތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ.

މި ރަށްތައް އޮންނަނީ އިންޑޮނީޝިޔާގެ އަޗޭ ގެ 150ކމ (93 މޭލު) އުތުރުގައެވެ. ތައިލޭންޑާއި ބަރުމާއާއި މި ރަށްތައް ވަކިވެފަި ވަނީ އަންޒަމާނު ކަނޑުން ނެވެ. މި ރަށްތައް ދެ ބަޔަކަށް ބެހިފައި ވެއެވެ. އުތުރަށް އޮންނަނީ އަންޒަމާނު (އަންޑަމަން) ރަށްތަކެވެ. ދެކުނުގައި ނައްކަވާރު (ނިކޯބަރ) ރަށްތަކެވެ. މި ރަށްތަކުގެ އިރުން އޮންނަ ކަނޑަކީ އަންޒަމާނު ކަނޑެވެ. އަދި ހުޅަނގުގައި ބެ އޮފް ބެންގާލެވެ.

ޓެރިޓަރީގެ މައި ރަށަކީ އަންޒަމާނުގެ ޕޯޓް ބްލެއަރ އެވެ. ބިމުގެ ސަރަހައްދަކީ ގަތްގަނޑަކަށް 6،496 ކޮޑި ކިލޯމީޓަރު (2،508 ކޮޑި މޭލު) އެވެ.

ފުރަތަމަ ވަޒަންވެރިން

[އުނިއިތުރު ގެންނަވާ]

މި ރަށްތަކުގައި މީގެ އެތައް ހާސް އަހަރެއް ކުރިން މީހުން ވަޒަންވެރިވެފައި ވާކަން އެނގެއެވެ. މިހާތަނަށް ލިބިފައިވާ އެންމެ އިހުގެ އާކިއޮލޮޖިކަލް ހެކިތަކުން ބަޔާން ކޮށްދެނީ 2،200 އަހަރު ކުރިން މީހުން ދިރިއުޅުނު ކަމެވެ. ނަމަވެސް އިތުރު އެހެން ދިރާސާތަކުން 'މެދު ޕެލިއޯލިތިކު' ޒަމާނުގައި ވެސް މީހުން ވަޒަންވެރިވިކަން އެނގޭ ހެކިތައް ލިބިފައި ވެއެވެ.

އަންޒަމާނު ރަށްތަކުގައި އެކި ދަރިކޮޅުގެ މީހުން ޒަމާންތަކެއް ވަންދެން، އެމީހުންގެ ބަހާއި ސަގާފަތާއި ދިރި އުޅޭ ސަރަހައްދުގެ ސަބަބުން، ވަކިވަކި ގަބީލާތަކެއްގެ ގޮތުގައި ދިރިއުޅެމުން ދިޔައެވެ.

އިސްތިއުމާރު ޒަމާނުގެ ކުރި

[އުނިއިތުރު ގެންނަވާ]

ތަމަޅަ ޗޯލާ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ރާޖެންދުރަ ޗޯލާ 1 ގެ ރަސްކަމުގައި އަންޒަމާނާއި ނައްކަވަރު ރައްތައް އެ ރަސްގެފާނުގެ ބާރުގެ ދަށަށް ގެނެސް، އޭރު އިންޑޮނީޝިޔާގެ ސްމަތްރާ ގައި އޮތް ސްރީވިޖަޔާ ގެ ވެރިކަމާ ދެކޮޅަށް ކަނޑުގެ އަސްކަރީ ބާރެއްގެ ގޮތުގައި ބޭނުންކުރިއެވެ. ޗޯލާ މީހުން އަންޒަމާނު ރަށްތަކަށް ދީފައިވާ ނަމަކީ 'ނައްކަވަރަމް' ކަމުގައި ތަންޖޯރު ގައި މީލާދީން 1050 ވަނަ އަހަރު ލިޔެފައި ވެއެވެ. ތަމަޅަ ބަހުން ނައްކަވަރަމް ގެ މާނައަކީ 'ފޭރާން ނުލާ މީހާ' ނުވަތަ 'ފޭރާން ނުލާ މީހުންގެ ރަށް' އެވެ.

އަންޒަމާން (އިނގިރޭސި ބަހުން އަންޑަމަން) ކުރިއްސުރެ ވެސް ކިޔަމުން އައިސްފައި ވަނީ މި ނަމެވެ. ނަން ނިސްބަތްވަނީ ހިނދީ ކަލާނގެ ހާނޫމާން އަށް ކަމަށް ބެލެވެއެވެ.

ޑެންމާކް މީހުން ނައްކަވާރަށް އައުން

[އުނިއިތުރު ގެންނަވާ]

މި ރަށްތަކުގައި ޔޫރަޕްގެ އިސްތިއުމާރު ރޭވުންތެރި ކަމާ އެކު ފެށުނީ ޑެނިޝް އީސްޓް އިންޑިއާ ކޮމްޕެނީ 12 ޑިސެމްބަރ 1755 ގައި މިރަށްތަކުގައި ހަރަކަތްތެރިވާން ފެށުމުންނެވެ. 1 ޖެނުއަރީ 1756 ގައި ނައްކަވާރަކީ ޑެންމާކްގެ ކޮލޮނީ (މުސްތައުމިރާ) އަކަށް ވިއެވެ. އަދި ނައްކަވާރުގެ ނަން 'ނިއު ޑެންމާކް' އަށް ބަދަލުކުރެވުނެވެ. އަދި 1756 ގެ ޑިސެމްބަރ ގައި ނައްކަވާރުގެ ގެ ނަން 'ފްރެޑްރިކް އައިލެންޑްސް' އަށް ބަދަލުކުރެވުނެވެ. މި ދުވަސްތަކުގައި މިޝަނަރީން މިރަށްތަކުގައު ވަޒަންވެރިވާން ފެށިއެވެ. ނަމަވެސް މެލޭރިއާ ފެތުރި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުން ދިއުމުން އެކި ފަހަރު މަތިން ރަށްތައް ދޫކޮށް ދާންޖެހުނެވެ.

1 ޖޫން 1778 އިން 1784 އާއި ދެމެދު، ޑެންމާކް މީހުން މި ރަށްތައް ދޫކޮށްލީ ކަމަށް ހީކޮށް، 'ތެރެސިއާ އައިލެންޑްސް' ގެ ނަމުގައި މި ރަށްތައް އިސްތިއުމާރު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ޑެންމާކްގެ ބަރުގެ ދަށުން ރަސްމީކޮށް މި ރައްތައް ބަދަލުވީ 16 އޮކްޓޯބަރ 1868 ގައި މި ރަށްތަކުގެ މިލްކުވެރިކަން އިނގިރޭސިންނަށް ވިއްކާލުމުންނެވެ.

އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު

[އުނިއިތުރު ގެންނަވާ]

މި ރަށްތައް އިސްތިއުމާރު ކުރަން އިންގިރޭސިން ފުރަތަމަ ފެށި މަސައްކަތް މަދު އަހަރުތަކެއްގެ ތެރޭގައި ނާކާމިޔާބުވި އެވެ. އެއީ 1789 އިން 1796 އާ ދެމެދުއެވެ. ނަމަވެސް 1858 ގައި ދެވެނަ ފަހަރަށް މި މަސައްކަތް އިނގިރޭސީން ފަށައި އެކަން ކާމިޔާބު ކުރިއެވެ. އެމީހުންގެ މައިގަނޑު ބޭނުމަކަށް ވީ 'މީހުން އަރުވާލާ' ތަނަކަށް އެތަން ހެދުމެވެ. ހާއްސަ ގޮތެއްގައި އެއިރު އިންޑިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ މީހުންގެ ޖަލަކަށް އެތަން ހެދިއެވެ.