އަނގައިގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަނގައިގެ ކެންސަރު(އިނގިރޭސި ބަހުން: Oral Cancer) އެންމެ ގިނައީ ދެކުނު އޭޝިޔާގައެވެ. އެއީ މިގައުމުތަކުގައި ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް ގިނަކަމަށްވާތީ އެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

  • ދުފުން: ދުފުމުގެ ސަބަބުން އުފެދޭ ކެންސަރު އަބަދުވެސް ފެށިފައި ހުންނަނީ ހަންޕުޑު ގަނޑު ކޮލުގައި ބާއްވާ ހިސާބުގައެވެ. މީގެ ތެރެއިން ހަންޕުޑުގަނޑު އަނގައިގެ ތެރޭގައި ބާއްވައިގެން ނިދާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.
  • ކޮންމެ ސިފައެއްގައި ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުން
  • ގިނައިރު އަވީގައި އުޅުން: ތުންފަތުގެ ކެންސަރު ގިނައިން ޖެހެނީ ގިނައިން އަވީގައި އުޅޭ މީހުންނަށެވެ.
  • އަނގައިގެ ތެރޭގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވުން
  • އަނގައިގެ ތެރޭގައިވަ ތެތްދުލިފަށް ތަކުގައި ކޭތޭގޮތަށް ދަތުގެ ތޫނު ތަންކޮޅެއް ހުރެއްޖެނަމަ، ދަތްޕިލާ ޖަހާފައިވާ މީހެއްނަމަ ދަތްޕިލާ ރަގަޅަށް ހަމަނުޖެހޭނަމަ، އަނގަ، ހިރުގަނޑު އަދި އަނގައިގެ އެހެންވެސް ތަންތަން ފާރުވާގޮތް ވެއެވެ. މިފަދަ ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވާނަމަ އެތަނުގައި ކެންސަރު އުފެދޭގޮތް ވަރަށް ގިނަ ފަހަރު ދިމާވެއެވެ.

ނޯޓް:- އަނގައިގެ ކެންސަރު ފެށެނީ އަނގައިގެ ތެރޭގައި އުފެދޭ ހުދު ކުލައިގެ ނުވަތަ ރަތްކުލައިގެ ތަންކޮޅަކުންނެވެ. އަނގައިގެ ކޮންމެ ހިސާބަކުން ވެސް މިނިޝާން ފެނިދާނެ އެވެ. މީގެތެރޭގައި ތުންފަތް، ހިރުގަނޑު، ތެތްދުލިފަށް، ދޫ އަދި ތަލި ހިމެނެއެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި، އެފާރުކޮޅުން ފަސޭހައިން ލޭއައުން
  • އަނގައިގެ ތެރޭގައިވާ ޓިޝޫތަކުގެ ކުލަ ބަދަލުވުން
  • އަނގައިގެ ތެރެއާއި ތުންފަތް ބޯވެ ކުރަކިވުން
  • އެއްޗެތި ހެފުމާއި ދިރުވުމަށް އުދަގޫވުން
  • ދޫ ހަރަކާތްކުރުވުމާއި، ވާހަކަ ދެއްކުމާއި، އަނގަހުޅުވާ ލެއްޕުމަށް އުދަގޫވުން
  • މަތީ ދަތްޕިލައާއި ތިރީ ދަތްޕިލަ ރަގަޅަށް ޖެހޭވަރަށް އަނގަ ލައްޕައިލަން އުދަގޫވުން
  • ތުންފަތާއި އަނގައިގެ އެކި ހިސާބަށް ވެލިހިރުވާ ކަހަލަ އާދަޔާ ޚިލާފު ތަފާތު އިހްސާސްތަކެއްވުން

އަނގައިގެ ކެންސަރު އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.ކެއުމުގެ ތެރޭގައި މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނޭ ކަމެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005